ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ފްރީ ޒޯންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ”އައްޑޫ ރީޖަނަލް ފްރީ ޒޯން“ ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
އައްޑޫ ހައި ސްކޫލްގައި ބުދަ ދުވަހު ހަވީރު އޮތް ރަސްމިއްޔާތެއްގައި ”އައްޑޫ ރީޖަނަލް ފްރީ ޒޯން“ ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދާއި މިނިސްޓްރާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާނެވެ. ”އައްޑޫ ރީޖަނަލް ފްރީ ޒޯން“ އިފްތިތާހްކުރުމާއެކު، ގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ސަރަހައްދުން ޖާގަ ހޯދުމަށް ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ (އީ.އޯ.އައި) ހުށަހެޅުމަށް 13 މެއި 2026 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާފައެވެ.
އެމް.ޕީ.އެލްއިން ވަނީ 13 މެއި 2026 ވަނަ ދުވަހުން ފެށިގެން 11 ޖޫން 2026ގެ ނިޔަލަށް ”އައްޑޫ ރީޖަނަލް ފްރީ ޒޯން“ މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ ހުށަހެޅުމަށް ހުޅުވާލާފައެވެ. އަދި ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ ހުށަހަޅާ މުއްދަތު ހަމަވުުމުން، ޝައުގުވެރިވާ ވިޔަފާރިތަކަށް ކުރަން ބޭނުންވާ މަސައްކަތާއި ގުޅޭ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި ބިމުގެ ލީސް އެއްބަސްވުމާއި ގުޅޭ ތަފްސީލުތައް ހިމެނޭ ގޮތަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ. ”އައްޑޫ ރީޖަނަލް ފްރީ ޒޯން“ ސަރަހައްދުން ބިން ލިބޭ ވިޔަފާރިތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފްރީ ޒޯންގެ ޚިދުމަތާއެކު، ބައިނަލްއަޤްވާމީ ފެންވަރުގެ ސަރަހައްދީ ވިޔަފާރި ހަބަކަށް އަައްޑޫ ސިޓީ ތަރައްޤީކުރުމެވެ.
”މިކަމުގެ ސަަބަބުުން ދެކުނުގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު އުފެދޭނެ. އަދި އަމިއްލަ ވިޔަފާރިވެރިންނަށް އައު އިންވެސްޓްމަންޓްތަކަށް މަގު ހުޅުވުމުގެ އިތުރުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވުމާއި، މާލޭ ސަރަހައްދަށް ބަރޯސާވުން ކުޑަވެ، ސަރަހައްދީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ،“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
”އައްޑޫ ރީޖަނަލް ފްރީ ޒޯން“ގެ ޚިދުމަތަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ތެރެއިން، 20،000 އަކަ ފުޓޫގެ ބިމެއްގެ އިން ވަކިކޮށް، ފެންސް ޖެހުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދެއެވެ.

