ރާއްޖޭގެ ޑިޖިޓަލް ނިޒާމުތަކާއި މަޢުލޫމާތު ރައްކާތެރިކުރުމަށްޓަކައި ހަރުދަނާ ޤާނޫނުތަކެއްގެ ބޭނުން އިންތިހާއަށް ޖެހިފައިވާ ކަމަށް މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކުރައްވައިފިއެވެ.
ސައިބަރ ސެކިއުރިޓީގެ ބިލާ ގުޅޭގޮތުން މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، 21 ވަނަ ގަރުނުގައި މީހުންގެ ދިރިއުޅުމާއި އިޤްތިޞާދު ބިނާވެފައިވަނީ މަޢުލޫމާތާއި ޓެކްނޮލޮޖީގެ މައްޗަށް ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގެ މެދުގައާއި، ގައުމުތަކުގެ އެތެރޭގައިވެސް ސައިބަރ ހަމަލާތައް ދިނުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ސައިބަރ ކުށްތަކާއި، އެފަދަ އަމަލުތައް ހުއްޓުވުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، އެފަދަ ކުށްތަކަށް ދެވޭނެ އަދަބުތައް ކަނޑައެޅުން ކަމަށް ޒަރީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދެކުނު އޭޝިއާ ސަރަޙައްދުގައި ރާއްޖެއަކީ ޑިޖިޓަލް ނިޒާމުތަކަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވުމާއެކު، އަމިއްލަ ފަރުދުންގެ މަޢުލޫމާތާއި، ބޭރުގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްކާތެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މި ބިލުގެ ދަށުން ”ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ“ ގެ ނަމުގައި އިދާރާއެއް އުފެއްދުމަށް ހުށަހަޅާފައިވެއެވެ. މި އެޖެންސީގެ މައިގަނޑު ޒިންމާއަކީ ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ކަންކަން ބަލަހައްޓައި އިސްތިރާޖީ މަސައްކަތްތައް ކުރުމެވެ. މީގެ އިތުރުން، ގައުމުގެ މުހިންމު ޑިޖިޓަލް އިންފްރާސްޓްރަކްޗަރތައް ކަނޑައަޅައި، ޤާނޫނުއަސާސީގެ ދާއިރާގެ ތެރެއިން އެތަންތަނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީވެސް މި ބިލުގެ ބައެކެވެ.
ޒަރީރު ފާހަގަކުރެއްވި ގޮތުގައި، މި ބިލުގެ ސަބަބުން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ފެންވަރު މަތިވެ، އެހެން ގައުމުތަކާއެކު ކުރެވޭ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި ބޯޑަރު ހުރަސްކޮށް ހިންގާ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، ގައުމީ ފެންވަރުގައި މިފަދަ ކަންކަމަށް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް މި ޤާނޫނު މަގުފަހިކޮށްދޭނެއެވެ.
”މިއީ މާ ކުރިންވެސް ކުރަންޖެހިފައިވާ މަސައްކަތެއް“ ކަން ފާހަގަކުރައްވައި، ޒަރީރު ވިދާޅުވީ މި ބިލު ވީހާވެސް އަވަހަކަށް ތަސްދީގުކޮށް އަމަލުކުރަން ފަށަންޖެހޭ ކަމަށެވެ. އަދި މި ބިލަށް އޭނާގެ ފުރިހަމަ ތާއީދު އޮތްކަން ވަނީ ހާމަކުރައްވާފައެވެ.

