ނޫސްވެރިން ހައްޔަރުކޮށް ޖަލަށްލުމަކީ ސަރުކާރުން ހުރިހާ ބާރުތަކެއް މުށުތެރެއަށް ލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ އަމަލެއް ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، މިއަދު ފެންނަމުން މިދަނީ ހުރިހާ ބާރުތަކެއް މުށުތެރެއަށް ގެނެސް، ހިފެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.
ފައިސަލް ނަސީމް ވިދާޅުވީ މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ދުސްތޫރީ ނިޒާމު ކިލަނބުވެ، ރައްޔިތުންނަށް ގެއްލުން ލިބޭ މަންޒަރު ބަލަން އަބަދު ނުތިބޭނެ ކަމަށެވެ.
”އައިޝާ“ ޑޮކިއުމެންޓަރީއާ ގުޅިގެން ’އަދަދު‘ ނޫހުގެ ދެ ނޫސްވެރިއަކު މިހާރު ވަނީ ޖަލަށްލާފައެވެ. މީގެ އިތުރުން، އެ ނޫހުގެ އެޑިޓަރުންގެ މައްޗަށް ދައުވާ އުފުލައި، މައްސަލައިގެ އެއްވެސް ވާހަކައެއް އާންމުކޮށް ނުދެއްކުމަށް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.
ފައިސަލް ނަސީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުން ޤާނޫނުއަސާސީން ހޯދާފައިވާ ހައްގުތަކަކީ ވަރަށް ބުރަ މަސައްކަތާއި، ވަރަށް ބޮޑު ގުރުބާނީއަކުން ހޯދާފައިވާ ހައްގުތަކެކެވެ. އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް ވަނީ ޖަލަށްލާފައިވާ ނޫސްވެރިން މިނިވަންކުރުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި އަޑުއުފުލުމުގެ ތެރެއިން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ދިފާޢުގައި ގިނަ އަދަދެއްގެ އާންމުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

