މިހާރު ކުރިއަށްދާ ޙައްޖު މޫސުމުގައި ދިވެހި ޙައްޖާޖީންނަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކީ، ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ”ނުސުކް ކާޑު“ އަމިއްލަ ޤައުމުގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމެވެ. އިސްލާމީ އެހެން ޤައުމުތަކާ ޚިލާފަށް، ރާއްޖެއަކީ ޙައްޖުވެރިން ފުރުމުގެ ކުރިން މި ކާޑު ފޯރުކޮށްދޭ ހަމައެކަނި ޤައުމުކަން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ނުސުކް ކާޑަކީ ސަޢޫދީ ސަރުކާރުން ޙައްޖުގެ އަޅުކަން ވަކި ނިޒާމެއްގެ ދަށުން ތަރުތީބުކުރުމަށާއި، ޤަވާއިދާ ޚިލާފަށް މައްކާއަށް އެތެރެވާ މީހުން ހުއްޓުވުމަށް ތައާރަފްކޮށްފައިވާ ރަސްމީ ފާހެކެވެ. މި ކާޑު ދިވެހި ޙައްޖާޖީންނަށް ބެހުމަށްޓަކައި، ރާއްޖޭގެ ޙައްޖު އެޖެންޓް ”ރަވާފް މިނާ“ ގެ ވައިސް ޕްރެސިޑެންޓް އިހްސާން ކަތިބު ވަނީ ރާއްޖެ ވަޑައިގެންފައެވެ. މި އިންތިޒާމުގެ ސަބަބުން ސަޢޫދީއަށް އެތެރެވާ ވަގުތުން ފެށިގެން ދިވެހި ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ޙައްޖުގެ މަނާސިކުތައް އަދާކުރާ ސަރަހައްދުތަކަށް ވަނުމަށާއި، އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ނުސުކް ކާޑަކީ މަޖުބޫރު އެއްޗެކެވެ. އެހެންކަމުން، އެއްވެސް ޙާއްޖީއަކަށް އަޅުކަން އަދާކުރުމުގެ ފުރުޞަތު ގެއްލުނަ ނުދިނުމަށްޓަކައި، ހުރިހާ ވަގުތެއްގައިވެސް މި ކާޑު އަޅައިގެން އުޅުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. މި ކާޑަކީ ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އަޅުކަމުގެ ތެރޭގައި ދިމާވެދާނެ ދަތިތައް މަދުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

