ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އިތުރަށް ވަރުގަދަވެ، މި ހަފުތާ ބަންދުގެ ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބޯކޮށް ވާރޭވެހި ވައިގަދަވާނެއެވެ.
މޫސުމީ ރިޕޯޓްތައް ދައްކާގޮތުން، ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވެއެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށްވެސް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، މިހާރު ކުރަމުންދާ ވިއްސާރަ އަލިވެ، ވައި މަޑުވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިހާރު ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ބެލެވޭތީ ދަތުރުވެރިން ސަމާލުވުމަށް ވަނީ އަންގާފައެވެ.
މި ވިއްސާރައިގެ ސަބަބުން ވެރިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރު ކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ޕަންޕު ބޭނުންކޮށްގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ. އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގެ ސަލާމަތީ ކަންކަން ފުރިހަމައަށް ހުރިތޯ ބެލުމަށް އިލްތިމާސްކޮށްފައެވެ.

