ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ހަމައެކަނި އަމިއްލަ އެދުންތަކެއް ހާސިލްކުރުމަށް ކުރައްވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ، މި ތިން ބޭފުޅުން ކުއްލިއަކަށް ގުޅިވަޑައިގެންނެވީ ނޫސްވެރިންގެ ހައްގުގައި ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު، ސިޔާސީ އޮޅުވައިލުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ އިންސާނަކަށް ޖެހޭނެ އެންމެ ނުރައްކާތެރި ބައްޔަކީ ”ހަނދާން ނެތުމުގެ ބަލި“ ކަމަށާއި، މިއަދު އެކުގައި ނުކުންނަވައިގެން ތިއްބެވި ބޭފުޅުންނަށް އެ ބަލި ޖެހިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ގައުމީ މައްސަލަތަކުގައި ތިން ރައީސުން އެކުގައި ނުކުންނަވާ ނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، އެ ބޭފުޅުން އެކުގައި އިށީނދެވަޑައިގަންނަވަންވީ މާޒީގައި ހިނގާފައިވާ ބޮޑެތި ޚިޔާނާތްތަކާއި ގައުމީ ގެއްލުންތަކުގެ ޒިންމާ ނެންގެވުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ބުނާ މައްސަލައާއި، ދިރާގާއި ފެން ކުންފުނި ފަދަ ދައުލަތުގެ މުހިންމު ރައުސްމާލުތައް ބޭރުގެ ފަރާތްތަކަށް ދޫކޮށްލި މައްސަލާގައި ތިން ބޭފުޅުން އެއް މޭޒެއްގެ ދޮށުގައި މަޝްވަރާކޮށް، އެ ތަންތަން އަނބުރާ ހޯދަން މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ. މީ
ގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދަށް ޖަލު ހުކުމް އިއްވައި އަނިޔާވެރިވި ކަމަށް ބުނާ މައްސަލައާއި، ރައީސް ސޯލިހުގެ ވެރިކަމުގައި ރައީސް ޔާމީން ފަސް އަހަރު ދުވަހު ޖަލުގައި ބޭއްވި މައްސަލާގައި އެ ބޭފުޅުން އެކަކު އަނެކަކާ ކުރިމަތިލައި ހަގީގަތް ހާމަކުރަން ކެރޭނެތޯވެސް އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، މިއަދު އެ ބޭފުޅުން އެކުގައި ތިއްބެވި ނަމަވެސް، އެކަކު އަނެކަކަށް ކުޑަވެސް އިތުބާރެއް ނުކުރައްވާނެކަން ޔަގީންވާ ކަމަށެވެ. މި ބޭފުޅުންގެ މި ހަރަކާތަކީ ހަމައެކަނި މި ވަގުތު ލިބިދާނެ ސިޔާސީ މަންފާއަކަށްޓަކައި ކުރާ ކަމެއް ކަމަށާއި، އަމިއްލަ އެދުމަށްވުރެ ބޮޑު އެހެން އެއްވެސް މަގުސަދެއް މީގައި ނެތް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި ގައުމަށް ހެޔޮއެދޭ ބަޔަކު ނަމަ، ރައްޔިތުންނަށް ދިމާވެފައިވާ ހަގީގީ މައްސަލަތަކުގައި ވާހަކަ ދެއްކުމަށް ޕީއެންސީގެ ހަރުގެއަށް ވަޑައިގަތުމަށް އޭނާ ދައުވަތު ދެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ ލަޝްކަރު އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި، ބޭރުން އަންނަ އެއްވެސް ސިޔާސީ އޮއިވަރަކަށް އެ ލަޝްކަރު ރޫޅާނުލެވޭނެ ކަމަށެވެ. ޕީއެންސީއަކީ ހައްގުގެ މަގުގައި، ރައްޔިތުންގެ ފިކުރާއި ދީނީ ވަހުދަތު ހިމާޔަތްކުރުމުގައި ދެގޮތެއްނުވެ އޮތް ޕާޓީއެއް ކަމަށާއި، މިއަދުވެސް އެ ޕާޓީން ކުރަނީ ގައުމީ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ގުޅިގެން މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންނަށް އެ ބޭފުޅުންގެ މާޒީ އެނގޭ ކަމަށާއި، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން އަބަދުވެސް އިސްކުރާނީ ގައުމީ މަސްލަހަތުކަމަށް އޭނާ ވިދާޅުވިއެވެ.

