ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލާހުގެ ރައްދު އިދިކޮޅަށް: ގައުމު ވިއްކާލުމަށްފަހު މިއަދު ދައްކަނީ ގައުމު ސަލާމަތްކުރާ ވާހަކަ!

ޕީ.އެން.ސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙު، އިދިކޮޅު ފަރާތްތަކުން ސިޔާސީ މައިދާނުގައި ހިންގަމުންދާ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ ”ދަށު ދަރަޖައިގެ“ އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.

ފަލާޙް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފެށި އައު ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ވެރިކަން ކުރެއްވި ކޮންމެ ރައީސަކު އަމަލުކުރެއްވި ގޮތް ރައްޔިތުން ދެކެފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރާ ވެރިކަން ހަވާލުވި ދުވަސްވަރަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، އެ ދުވަސްވަރު ގައުމުގެ އިގްތިސާދަށާއި ގައުމުގެ އަބުރަށް ވީގޮތް ރައްޔިތުން އަދިވެސް ހަނދާން އެބަހުރި ކަމަށެވެ.

އޭރުގެ ރައީސް އިސްތިއުފާ ދެއްވީ ”ފަނޑިޔާރަކު ވަގަށް ނެންގެވުމަށްފަހު“ ކަމަށް ތުހުމަތު ކުރައްވަމުން ފަލާޙް ވިދާޅުވީ، އެ ހާދިސާތަކުގެ ވާހަކަ ދެއްކުމުން މީހުން ”ހޮޑުލަވާ“ ވަރުވާނެ ކަމަށެވެ. މީގެ އިތުރުން، އެއާޕޯޓާއި، ދިރާގާއި، އެމް.ޑަބްލިޔު.އެސް.ސީ ފަދަ ދައުލަތުގެ މުހިންމު ކުންފުނިތަކާއި މުދާ ވިއްކާލައި، ގައުމު އިގްތިސާދީ ބޮޑު ދަތިކަމެއްގެ ތެރެއަށް ދޫކޮށްލި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެންމެ ދެ އަހަރު ތެރޭގައި ރާއްޖެ އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓުނު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިން ވެރިކަމުގެ ބާރުތަކުގައި ތިއްބެވި ބޭފުޅުން، މިއަދު މަގުމައްޗަށް ނުކުމެ އިގްތިސާދު ރަނގަޅު ކުރުމަށާއި، ފަނޑިޔާރުގެތަކުގެ މިނިވަންކަމަށާއި، ހިންގުން ހަރުދަނާ ކުރުމަށް ގޮވާލައި މުޒާހަރާ ކުރާތީ ފަލާޙް ވަނީ ސުވާލު އުފައްދަވާފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ގުޅޭގޮތުން ފަލާޙް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި އަމިއްލަފުޅު 70 އަހަރުގެ ބޭބެ ހިމެނޭހެން ގިނަ ބަޔަކު ޖަލަށްލާފައިވާ އިރު، މިއަދު ޝަރުއީ ދާއިރާއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ. އެހެންކަމުން، ކޯޓުތަކުގެ ނިޒާމާ މެދު ސުވާލު އުފެއްދުމުގެ އެއްވެސް ”ހައްގެއް“ ޔާމީނަށް ނެތް ކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ފަލާޙް ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނަށް ދެއްވާ ފަދަ މިނިވަންކަމަކާއި ހައްގުތަކެއް އެހެން އެއްވެސް ވެރިއަކު ދެއްވާފައިވާ ތަން އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސް މުޢިއްޒު އިގްތިސާދު މެނޭޖުކުރައްވާ ގޮތަށް ތައުރީފު ކުރައްވަމުން އޭނާ ވިދާޅުވީ، ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ ދަރަނިވެ، ބަނގުރޫޓުވުމާ ގާތްވެފައި ކަމަށާއި، ނަމަވެސް މި ސަރުކާރުން ވަނީ ކުރީގެ ސަރުކާރުތަކުން ވާރުތަވި ބިލިއަނުން ގުނޭ ދަރަނިތައް އަދާކުރަން ފަށާފައި ކަމަށެވެ.

ސޯޝަލް މީޑިއާގައި ސަރުކާރަށާއި ވަކިވަކި ފަރުދުންނަށް އަމާޒުކޮށްދޭ ހަމަލާތަކާއި ދަށު ދަރަޖައިގެ ބަސްމަގު އިތުރުވެފައިވާކަން ފާހަގަކުރައްވައި، ސަރުކާރުގެ ދިފާއުގައި ނުކުތުމަށް ސަޕޯޓަރުންނަށް އޭނާ ގޮވާލެއްވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު މައުލޫމާތުތައް ހުއްޓާލުމަށްވެސް އޭނާ އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން، އެމް.ޑީ.ޕީގެ މެންބަރުން ރައީސް މުޢިއްޒަށް އަމާޒުކޮށް، އާންމު މަޝްވަރާއެއްގައި ދައްކަންވެސް ނުކުރެވޭ ފަދަ ހަޑިހުތުރު ބަސްތަކުން މުހާތަބު ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ކުރީގެ ތިން ރައީސުން ސިޔާސީ ގޮތުން ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ފަލާޙް ވިދާޅުވީ، އެމް.ޑީ.ޕީ އާއި ޕީ.އެން.އެފް ގުޅިގެން މިހާރުވެސް މުޒާހަރާ ކުރަމުންދާއިރު، އެބޭފުޅުންގެ މެދުގައި މަޝްވަރާތައް ނުހިނގާ އޮންނާނެތޯ ސުވާލު އުފެދޭ ކަމަށެވެ.

ޕީ.އެން.ސީގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ފަލާޙް ވިދާޅުވީ، ރައީސް މުޢިއްޒުގެ ޒައާމަތުގައި ގައުމު އޮންނާނީ އަމާންކަމާއި ހަމަޖެހުމުގައި ކަމަށާއި، ރައީސް ޔާމީން ނުވަތަ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތައް ގަބޫލުނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިހާރު އިދިކޮޅު ލީޑަރުންގެ ފަހަތުގައި ރައްޔިތުންގެ މާ ބޮޑު ތާއީދެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: