ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޯބިވެތިވެގެންވަނީ ހައްޖު މަހުގެ ދިހަ ދުވަހު ކުރާ ހެޔޮ ޢަމަލު: ޚުޠުބާ

ހުކުރު ނަމާދު ކުރުން/ ފޮޓޯ އިސްލާމިކް މިނިސްޓްރީ:-
ޝެއާރކޮށްލާ ކަހަލަދޯ؟

މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޯބިވެތިވެގެންވަނީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހު ކުރާ ހެޔޮ ޢަމަލުތައް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކުރިއަށް އޮތް ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މަތިވެރިކަމާއި، އެ ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ މާތް ﷲގެ ޙަޟުރަތުގައި އަހަރުގެ އެހެން ހުރިހާ ދުވަސްތަކަށްވުރެ މާތްކަން ބޮޑުވެގެންވާ ދުވަސްތަކެކެވެ. ކީރިތި ޤުރްއާނުގެ ފަޖުރު ސޫރަތުގައި މާތް ﷲ ގަންދީ ހުވާކުރައްވާފައިވާ ދިހަ ރެއަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ރޭ ކަމަށް ގިނަ މުފައްސިރުން އެއްބަސްވެވަޑައިގަންނަވައެވެ. މިއީ މި ދުވަސްތަކުގެ މަތިވެރިކަން ހާމަވާ އެންމެ ބޮޑު އެއް ހުއްޖަތް ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، މި ދިހަ ދުވަހު ކުރާ ހެޔޮ ޢަމަލުތަކަކީ އެހެން އެއްވެސް ދުވަހެއްގައި ކުރާ ޢަމަލުތަކަށްވުރެ މާތް ﷲގެ ޙަޟުރަތުގައި ލޯބިވެތިވެގެންވާ ޢަމަލުތަކެކެވެ. އެގޮތުން ﷲގެ މަގުގައި ކުރާ ޖިހާދަށްވުރެ ވެސް މި ދުވަސްތަކުގައި ކުރާ ހެޔޮ ޢަމަލުގެ ދަރުމަ ބޮޑުވެގެންވެއެވެ. މި މަތިވެރިކަން މި ދުވަސްތަކަށް ލިބިފައިވަނީ، އިސްލާމްދީނުގެ މައިގަނޑު އަސާސްތައް ކަމުގައިވާ ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، ޞަދަޤާތް ދިނުމާއި އަދި ޙައްޖުގެ މަތިވެރި އަޅުކަން މި ދުވަސްތަކުގައި ޖަމާވާތީ ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.

ޚުޠުބާގައި އިތުރަށް ބާރުއަޅާފައިވަނީ މި މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ފާފަތަކުން ތައުބާވުމަށެވެ. އެންމެހައި މުއުމިނުން ﷲގެ ޙަޟުރަތަށް ތައުބާވުމަށް ގޮވާލަމުން ޚުޠުބާގައި ބުނީ، ތައުބާވުމަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބުމުގެ ސަބަބެއް ކަމަށެވެ. މީގެ އިތުރުން، މި ދުވަސްތަކުގައި ގިނަގިނައިން ޛިކުރު ކުރުމަށާއި، ތަސްބީޙަ، ތަޙްމީދު އަދި ތަޙްލީލު ކިޔުމަށްވެސް އިރުޝާދު ދީފައިވެއެވެ. ޚާއްޞަކޮށް ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހުގެ ނިޔަލަށް ތަކުބީރު ކިޔުމަކީ ކީރިތި ރަސޫލާގެ ޞަޙާބީން ކުރެއްވި މަތިވެރި ސުންނަތެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޙައްޖާއި ޢުމްރާގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، ޢުމްރާއަކަށްފަހު ކުރާ އަނެއް ޢުމްރާއަކީ އެ ދެމެދުގައިވާ ފާފަތަކުގެ ކައްފާރާއެއް ކަމަށާއި، މަޤުބޫލު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ ނޫން އެހެން އެއްޗެއް ނޫން ކަމަށެވެ. އަދި ހެޔޮކަންކަމުގައި އަވަސްވެގަތުމަށާއި، މާތް ﷲގެ ފުއްސެވުމާއި ސުވަރުގެ ހޯދުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މިއަދުގެ ޚުޠުބާ ނިންމާލާފައިވަނީ ފަލަސްޠީނުގެ ނިކަމެތިވެފައިވާ މުސްލިމް އަޚުންނަށް ނަޞްރު ދެއްވުމަށާއި، އަނިޔާވެރި ޔަހޫދީންގެ ކިބައިން އެމީހުން ސަލާމަތް ކުރެއްވުމަށް އެދި ދެންނެވި ޚާއްޞަ ދުޢާއަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: