ގައުމުގެ މުސްތަގުބަލާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ސިޔާސީ ހިޔާލުތަފާތުވުންތައް އެއްކިބާކޮށް، އެމްޑީޕީން ވަކިވެގެންދިޔަ ފަރާތްތަކާއެކު އަނެއްކާވެސް އެކަތިގަނޑަކަށް ވާންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ އަންނަ މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، އެމްޑީޕީން ހުށަހަޅާ ބޮޑު ބަދަލުގެ މައިގަނޑު ބޭނުމަކީ އިގްތިސާދީ ނަފާ ސީދާ ރައްޔިތުންގެ ޖީބަށް ވަންނާނެ ގޮތްތަކެއް ކަށަވަރުކޮށްދިނުމެވެ. އެމްޑީޕީގެ ވޭތުވެދިޔަ ދެ ވެރިކަމުގައި ރާއްޖޭގެ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތް ގޮތަށް އިޖުތިމާއީ ރައްކާތެރިކަމާއި އުމްރާނީ ތަރައްގީ ގާއިމުކޮށްދެވިފައިވާކަމަށާއި، ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގެ އަމާޒަކީ އެކަންކަން ދަމަހައްޓައި، ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މި ބަދަލުތައް ގެނެވޭނީ ފައްޔާޒް ވިދާޅުވިގޮތުގައި ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ކަށަވަރުވެ، ވެރިއަކަށް ހުންނަ މީހަކަށް ބޭނުންހާ ގޮތަކަށް ނިޒާމު ބަދަލުނުކުރެވޭނެ ފަދަ ވަރުގަދަ ނިޒާމެއް ގާއިމުކޮށްގެންނެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ގެނައުމަށް ތާއީދުކުރައްވާ ސަބަބާ ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ، އެއީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ހޯދުމުގެ ދަހިވެތިކަމުގައި ކުރާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް، އޭނާގެ އަސްލު މަގްސަދަކީ އެއީ ނޫން ކަމަށެވެ. އަދި ރައީސް ނަޝީދާ އެކި ފަހަރު މަތިން ދެބަސްވުންތައް އުފެދިފައިވީ ނަމަވެސް، މިއަދު ގައުމު އޮތް ހާލަތުން އަރައިގަނެވޭނީ ޕާޓީ ވަރުގަދަކޮށްގެންކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އަޅުގަނޑުމެން ނިކަމެތިވާން ދިމާވި އެއް ސަބަބަކީ 2023 ވަނަ އަހަރު ޕާޓީ ދެބައިވެގެން ދިޔުން. އެކަން ހައްލު ނުކުރެވުނު ކަމުގެ ޒިންމާ އަޅުގަނޑު ހިމެނޭހެން ހުރިހާ ލީޑަރުން ނަގަންޖެހޭނެ. އަޅުގަނޑުމެންނަށް އެނގެންވީ އެކީގައި ތިބެގެން ނޫނީ ކާމިޔާބީއެއް ނެތްކަން
ފައްޔާޒް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވީ ވަކިވެދިޔަ ބޭފުޅުން އަނބުރާ ޕާޓީއާ ގުޅުވުމަށް ކަމަށެވެ. އެއީ އުނދަގޫ މަސައްކަތެއް ނަމަވެސް، މާޒީގައި ހިނގާފައިވާ ކަންކަމަށް ބަލައިގެން ތިބެއްޖެނަމަ ދަރިންގެ މުސްތަގުބަލު ކަށަވަރު ނުކުރެވޭނެ ކަމަށާއި، ހަމައެކަނި އޮތް ގޮތަކީ ކުރިއަށް ބަލައިގެން އެންމެން އެކަތިގަނޑަކަށް ވުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

