މިއަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ސައުދީ އަރަބިއްޔާއަށްދާ ހައްޖުވެރިންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި މައްކާގައި ހާއްސަ ކްލިނިކެއް ގާއިމުކޮށްފިއެވެ.
މި ކްލިނިކް ގާއިމުކޮށްފައިވަނީ މައްކާގައި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓަލުގައެވެ. ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި ކްލިނިކަކީ ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ހަރުދަނާ މިންގަނޑުތަކަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.
މިގޮތުން، ސައުދީގެ ސިއްހީ ގަވާއިދުތަކާ އެއްގޮތަށް، މި ކްލިނިކް ވަނީ ސައުދީ ނޭޝަނަލް ހޮސްޕިޓަލާ އެފްލިއޭޓް ކުރެވިފައެވެ.

ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ގާއިމުކުރި މި ކްލިނިކްގައި ހިމެނޭ މުހިންމު ވަސީލަތްތަކުގެ ތެރޭގައި:
- ބަލި މީހުން ބެލުމަށް ހާއްސަ 2 ކޮޓަރި
- ބޭސް ފިހާރައަކާއި ބޭސް އެޅުމަށް ހާއްސަ ކޮޓަރިއެއް
- ވަގުތީ ގޮތުން ބަލިމީހުން އެޑްމިޓް ކުރެވޭނެ އިންތިޒާމު
- އައިސޮލޭޝަން ފެސިލިޓީއެއް އަދި މެޑިކަލް ވޭސްޓް ރޫމެއް
މި އަހަރުގެ މެޑިކަލް ޓީމުގައި 4 ޑޮކްޓަރުންނާއި 5 ނަރުހުން ހިމެނޭއިރު، ހައްޖުވެރިންނަށް 24 ގަޑިއިރު ޑޮކްޓަރުންގެ ހިދުމަތް ލިބޭނެއެވެ. އަދި ކުއްލި ހާލަތްތަކުގައި ބަލިމީހުން ހޮސްޕިޓަލަށް އުފުލުމަށްޓަކައި 24 ގަޑިއިރު އެމްބިއުލާންސްގެ ހިދުމަތް ވެސް ހޮޓަލުގައި ތައްޔާރުވެފައި އޮންނާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
ހައްޖު ކޯޕަރޭޝަނުން އިތުރަށް ވިދާޅުވީ، ހައްޖުވެރިން ރާއްޖެއިން ފުރީއްސުރެ އަނބުރާ ގައުމަށް އަންނަންދެން އެފަރާތްތަކުގެ ސިއްހީ ހާލަތު ބަލައި، އެންމެ ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.

