މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރި ފުރަތަމަ ގްރޫޕުގައި ހިމެނޭ 238 ޙައްޖުވެރިން ރޭ މައްކާއަށް ދިއުމުން އެ ފަރާތްތަކަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުގެ ޓާމިނަލުން އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރުއާއި ދިވެހި ޙައްޖު މިޝަންގެ އިސްވެރިންނެވެ. މީގެ އިތުރުން މައްކާ ރޫޓުގެ ފަރާތުންނާއި، މުޠައްވިފް ރަވާފް މިނާ އަދި ޙައްޖުވެރިން ތިބޭ ހޮޓެލުގެ ފަރާތުން ވެސް ވަނީ ވަރަށް ފުރިހަމަ މަރުޙަބާއެއް ދަންނަވާފައެވެ.
ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ފުރަތަމަ ފްލައިޓުގައި ދިޔަ ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅެވެ. އަދި ޙައްޖުވެރިން މިހާރު ވަނީ އެ ފަރާތްތަކުގެ ފުރަތަމަ ޢުމްރާގެ އަޅުކަން ފަށާފައެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެގޮތުން ދެވަނަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މޭ 17 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 19:10 ގައެވެ. ތިންވަނަ ފްލައިޓް މޭ 18 ވާ ހޯމަ ދުވަހުގެ ހަވީރު 15:25 ގައި ފުރުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހު ފްލައިޓް ފުރާނީ މޭ 19 ވާ އަންގާރަ ދުވަހުގެ ރޭ 21:45 ގައެވެ. މި ދަތުރުތަކުގެ ތެރެއިން މޭ 15 އަދި 18 ގައި ދަތުރުކުރާނީ ސައުދީ އެއާލައިނުންނެވެ. އަދި މޭ 17 އަދި 19 ގައި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައެވެ.
ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ސައުދީ ސަރުކާރުގެ ”މައްކާ ރޫޓު އިނިޝިއޭޓިވް“ ގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް ސައުދީގެ 18 ބޭފުޅުންގެ ވަފުދެއް މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. މިއީ ޙައްޖުވެރިންނަށް އިމިގްރޭޝަންގެ ކަންކަމާއި އެހެނިހެން އިންތިޒާމުތައް ލުއިފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއިން ޙައްޖަށް ދިއުމަށް ސައުދީ ސަރުކާރުން ރަސްމީކޮށް ދޫކުރަނީ 1,000 ޖާގައެވެ. މިއަހަރުވެސް އެ އަދަދަށް ދިވެހިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާނެއެވެ.

