ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން، އެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މީދޫ ދާއިރާގެ އިންތިހާބުގެ ނަތީޖާއަށް ބަދަލުތަކެއް އައީ، ވޯޓުލުމުގެ ހައްގު ލިބިފައިނުވާ މީހަކު ވޯޓުލީ މައްސަލައަކާ ގުޅިގެންނާއި، ބާތިލު ވޯޓުތަކެއްގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުންނެވެ.
އިންތިހާބުގައި އެންމެ ފުރަތަމަ އިއުލާންކުރި ވަގުތީ ނަތީޖާގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކުރީގައި އޮތް ނަމަވެސް، ޝަކުވާތަކާ ގުޅިގެން ވޯޓު އަލުން ގުނުމުން އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު އެއް ވޯޓުގެ ތަފާތުން ކުރި ހޯއްދެވިއެވެ. ނަމަވެސް، ބާތިލުކުރި ވޯޓުތަކާ މެދު ހިތްހަމަނުޖެހިގެން ސުހާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައި، ކޯޓުން ކުރި ހުކުމާއި އެކު ދެ ކެންޑިޑޭޓުންގެ ވޯޓު މިހާރު ވަނީ އެއްވަރުވެފައެވެ.
ދެ ކެންޑިޑޭޓުންނަށްވެސް ލިބިފައިވަނީ 392 ވޯޓެވެ. އެހެންކަމުން އިންތިހާބުގައި ވާދަކުރާނީ،ޝާހިދާއި ސުހާ އެވެ.
އިލެކްޝަންސް ކޮމިޝަނުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިންތިހާބުގެ، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 ކަމަށެވެ.
އީސީން އިތުރަށް ބުނެފައި ވަނީ މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ވޯޓުލާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު ކަމަށެވެ.

