ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ”ހަމަ މަގަށް އަޅުވަން“ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގުޅިގެން ހާއްސަ ކޮމެޓީއެއް އުފައްދަވައިފިއެވެ.
މި ތިން ރައީސުން ވަނީ އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައި، އެކަން ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން
ރައީސް މުއިއްޒު ހަމަ މަގަށް އެޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރޭވުމަށް އެކުލަވައިލި މި ކޮމެޓީގައި ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ މެންބަރުން ތިއްބަވާނެއެވެ. އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ތިއްބަވާނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ކޮމެޓީގައި ތިއްބަވާނީ ޕީއެންއެފްގެ ސެކެރަޓަރީ ޖެނަރަލް މުހައްމަދު މަލީޙް ޖަމާލް އާއި އިސްމާއީލް ޒަރިޔަންދު އެވެ. އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި އަހުމަދު ސަލީމް ( ސައްލެ)އެވެ. މި ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 18 ވާ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ތިން ރައީސުންގެ އެއްބަސްވުމުގެ މައިގަނޑު އަސާސްތައް
ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ތިން ބޭފުޅުން އެކުގައި މަޝްވަރާ ކުރައްވާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޖަލްސާތަކާއި އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. ތިން ރައީސުން އެކުލަވައިލި އެއްބަސްވުމުގައި، ގައުމުގެ ޑިމޮކްރަސީ ހިމާޔަތްކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުން މިވަގުތަށް މަޖުބޫރުވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ޚާއްސަކޮށް ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަށް އަރައިގަތުމާއި، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި، މަޖިލީހުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އިގުތިސޯދީ ހާލަތު ދަށްވެ، ތަކެތީގެ އަގު އުފުލުމާއި، ނޫސްވެރިކަމަށް އޮތް ހުރަސްތަކާ މެދުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ތިން ރައީސުންގެ އިއްތިހާދުން ބުނެފައިވަނީ، ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުން ފަދަ ކަންކަން އިސްލާހުކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ގުރުބާނީން ހޯދި ޑިމޮކްރަސީގެ އުސޫލުތައް ނެތެމުންދާތީ، ގައުމު އަލުން ހަމަ މަގަށް އެޅުވުމަކީ މި އިއްތިހާދުގެ އެންމެ ބޮޑު މަގްސަދު ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

