ސަޕްލައިޔަރުން މެދުވެރިކޮށް ސީދާ މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަކީ ކުރިންވެސް ސަރުކާރުން ނިންމާފައިވާ ކަމެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހަނގުރާމާއިގެ ހާލަތާއި ގުޅޭ ގޮތުން އުފައްދަވާފައިވާ ވަޒީރުންގެ ކޮމިޓީގެ ޕްރެސްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ އަމިއްލަ ފަރާތްތަކުން ތެޔޮ ޝެޑުތައް ހިންގި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް އެސްޓީއޯގެ ރޭޓުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ.
މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ތެލުގެ އަގަށް ގެނެވުނު ލުޔާއެކު، މަސްވެރިންނަށް ތެޔޮ ހޯދުމުގައި މިހާރު މާބޮޑު ދަތިތަކެއް ކުރިމައްޗެއް ނުވާކަމަށެވެ. އަދި އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ސީދާ މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަކީ ކުރިންވެސް ސަރުކާރުން ނިންމާފައިވާ ކަމެއްކަމަށް އަދި މިއީ މަސްވެރިންގެވެސް ވަރަށް ބޮޑު އެދުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހުރިހާ އަތޮޅަކުން މިހާރު ތެޔޮ ލިބެން ހުރި ނަމަވެސް، ލޮޖިސްޓިކްސްގެ ގޮތުންނާއި އެސްޓީއޯ އިން މި ޝެޑުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އަދިވެސް ބައެއް ގޮންޖެހުންތައް ހުރިކަން މިނިސްޓަރު ގަބޫލުކުރެއްވިއެވެ. އަދި މިކަންކަން އެންމެ ފުރިހަމަ ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އަމިއްލަ ކުންފުނިތަކާއި ދައުލަތުގެ ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) ދިމާވާ އެކި މައްސަލަތަކުގައި ސަރުކާރުން އެހީތެރިވަމުންދާ ފަދައިން، މަސް ބަންދުކުރާ ކުންފުނިތަކަށާއި މިފްކޯއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ބޭރަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރާ ފަރާތްތަކަށް ހުރި ދަތިތައް ނައްތާލުމަށްޓަކައި އެއާލައިންތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން މަގުފަހިކޮށްދެމުންދާ ކަމަށެވެ. އަދި އެފަރާތްތަކަށް ސަރުކާރު މެދުވެރިވެގެން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ޝިޔާމް ވަނީ ދެއްވާފައެވެ.

