ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެން ލެޔާއި ކަރުނައިން ހޯދި ޑިމޮކްރަސީ މިއަދު މިދަނީ ބީވެގެން: ފައިސަލް ނަސީމް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަހަރުތަކެއްގެ ސިޔާސީ މަސައްކަތުންނާއި ބޮޑެތި ގުރުބާނީތަކުން ހޯދި ޑިމޮކްރެޓިކް ހައްގުތަކާއި މިނިވަންކަން މިއަދު ބީވެގެންދާކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ އައްޑޫ ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯބިރު (ސޯބެ) ގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އިސްލާހީ މަސައްކަތުގެ ތާރީޚަށް އަލިއަޅުވާލައްވަމުން ފައިސަލް ވިދާޅުވީ، ފާއިތުވި 18 އަހަރުގެ ތެރޭގައި ސިޔާސީ އިސްލާހަށް ކުރި މަސައްކަތުގައި އެތައް ބަޔަކު ބޮޑެތި ގުރުބާނީތަކެއްވެ، ނުފޫޒުތަކާއި ގޮންޖެހުންތަކާ ކުރިމަތިލާފައިވާ ކަމަށެވެ. ޚާއްޞަކޮށް 2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ އައު ގާނޫނުއަސާސީއާ ހަމައަށް ކުރެވުނު މަސައްކަތުން، މިނިވަން އިންސާފުވެރި އިންތިޚާބުތަކާއި، ލާމަރުކަޒީ ނިޒާމާއި، ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ކަށަވަރު ކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގެ ފިއްތުންތަކާއި ރައްޔިތުންގެ އަޑު އުފުލުންތަކުގެ ސަބަބުން، އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ”ނޫ ގާނޫނުއަސާސީ“ ”ފެހި ގާނޫނުއަސާސީ“ އަށް ބަދަލުކުރަން ޖެހުނުކަން ފައިސަލް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ އިސްލާހީ ބަދަލުތަކަކީ މަގުމަތީގެ މުޒާހަރާތަކާއި، މަޖިލިސް ތެރޭގައި ކުރެވުނު ވަރުގަދަ ބަހުސްތަކާއި، އެތައް ބަޔަކު ޖަލަށް ގޮސް އަދި އަނިޔާ ލިބިގެން ގެނައި ބަދަލުތަކެއް ކަމަށެވެ.

މިއަދުގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ފައިސަލް ވިދާޅުވީ، ”މިއަދު ފެންނަމުން މިދަނީ އެ ހުރިހާ ހައްގުތަކެއް ގެއްލި، ގައުމު ބިއްލޫރިގަނޑެއް ފަދައިން ތަޅައިގެންދާ މަންޒަރު“ ކަމަށެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ ކިބައިން ބާރުތަކާއި ހައްގުތައް ދަނީ އަތުލެވެމުންނެވެ. އަދި ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލައްވަމުން ފައިސަލް ވިދާޅުވީ ”ސީދާ މަގަށް ރުޖޫއަވެ“، ނޫސްވެރިން ހައްޔަރުކުރުން ހުއްޓާލައި، ރައްޔިތުންނަށް ދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށެވެ. ގާނޫނުއަސާސީ ދިފާއުކުރުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށާއި، މި މަސައްކަތުގައި ”ސޯބެ“ ފަދަ ބޭފުޅުން މަޖިލީހަށް އިންތިޚާބުކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ނަސީމްގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ފަހުން ކުރި މުޒާހަރާތަކުގައި ހައްޔަރުކުރި ޝަހުޒާން އަދި ލީވާން ހިމެނޭހެން ހުރިހާ އެންމެން މިނިވަންކުރުމަށް ގޮވާލައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: