މާލެ ސަރަހައްދުގެ މަގުތަކާއި ކުށްކުރުމުގެ ފުރުސަތު ބޮޑު ސަރަހައްދުތަކުގެ ސަލާމަތާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ހަފުތާގެ ތަފާސްހިސާބުތައް އާންމުކޮށްފިއެވެ. މޭ މަހުގެ 10 އިން 16 އަށް ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގައި ޖުމްލަ 16,000 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށް، އެކި މައްސަލަތަކުގައި 62 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން އާންމުކުރި ވީކްލީ ސްޓެޓިސްޓިކްސް ރިޕޯޓަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި މާލެ ސަރަހައްދުން ތަފާތު 390 އަށްވުރެ ގިނަ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. ކުށްކުށަށް މަގުފަހިވާ ކަންކަން ހުއްޓުވުމަށްޓަކައި ފްރަންޓްލައިން ޕޮލިސިންގް ޓީމުތަކުން ވަނީ ރޭގަނޑާއި ދުވާލު މާލެ، ހުޅުމާލެ، ވިލިމާލެ އަދި ސިނާއީ ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ގިނަ ބަލައިފާސްކުރުންތައް ހިންގާފައިވަނީ ހުޅުމާލޭގައެވެ. ހުޅުމާލޭގެ ދެ ފޭސް ހިމެނޭހެން ޖުމްލަ 6,676 ތަނެއް ބަލާފައިވާއިރު، ރިޕޯޓުކުރި 141 ހާދިސާއަކަށް އެޓެންޑްވެ 15 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މާލޭގެ ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސް ހިމެނޭ ޓީމުތަކުން 5,854 ސަރަހައްދެއް ބަލައި ފާސްކޮށްފައިވާއިރު، އެންމެ ގިނަ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. އެއީ 29 މީހުންނެވެ.
ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ހިމެނޭ ތިލަމާލެ ޕޮލިސިންގް ޒޯނުން ފުލުހުން ވަނީ 2,693 ތަނެއް ޗެކްކޮށް، ރިޕޯޓުކުރި 13 ހާދިސާއެއް ބަލާފައެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގާ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުން 1,328 ބަލައިފާސްކުރުމެއް ހިންގައި، 18 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މާލެ ސަރަހައްދުގެ ބާރުބޮޑު މަގުތަކުގެ ތަރުތީބު ހިފެހެއްޓުމަށް ޓްރެފިކް ޕޮލިސް އަދި ރޯޑް މެނޭޖްމަންޓް ޓީމުތަކުން ކުރި މަސައްކަތުގެ ތެރެއިން، ފާއިތުވި ހަފުތާގައި ހިނގި 50 ޓްރެފިކް ހާދިސާއަކަށް ފުލުހުން ވަނީ އެޓެންޑްވެފައެވެ. ފުލުހުންގެ ހިދުމަތުން ބުނެފައިވާ ގޮތުގައި، މިފަދަ ނަތީޖާއެއް ނެރެވުނީ އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި ފުލުހުންގެ ޓީމުތަކުން 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުންނެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ މާލެ ސަރަހައްދަކީ ކުށްމަދު، އާންމުންނަށް ބިރުވެރިކަމެއް ނެތި އަމާންކަމާއެކު ދިރިއުޅެވޭނެ މާހައުލަކަށް ހެދުން ކަމަށް ފުލުހުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

