މާލީ އަދި ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަން ފެށި އިސްލާހީ ބަދަލުތަކުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށާއި، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރަނި އަދާނުކުރެވުމުގެ ބިރުވެރިކަން ކަމަށެވެ. އަދި 2023 ވަނަ އަހަރާ ހިސާބަށް އައިއިރު، ރާއްޖެއިން ދަރަނި ނުދެއްކިގެން ”ރަނގަބީލު“ އަޅާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޒަމީރު ވިދާޅުވީ، ސަރުކާރުން ގެންގުޅޭ އިގުތިސާދީ އެޖެންޑާގެ ދަށުން ހަރަދުތައް ރޭޝަނަލައިޒްކޮށް، ހަރުދަނާ ބަދަލުތަކެއް ގެނައުމުގެ ނަތީޖާއަކީ ދަރަނިތައް ދައްކައި، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދުވަހުން ދުވަހަށް ފޯރުކޮށްދެވުން ކަމަށެވެ.
”އެނގިވަޑައިގަންނަވާނެ މިދިޔަ ދުވަސްތަކުގައި 2023 އާ ހިސާބަށް އައިއިރު އަޑުއިވޭނެ ރަނގަބީލު އަޅަނިއްޔޭ، އެ ފައިސާއެއް މި ފައިސާއެއް ނުދެއްކޭނޭ. އެކަމަކު މިދެންނެވިހެން ހަރަދުތައް ރޭޝަނަލައިޒްކޮށް އިގުތިސާދީ އެޖެންޑާއެއް ގެންގުޅެއް ހަރުދަނާ ބަދަލުތަކެއް ގެނެވުނީމާ އޭގެ ނަތީޖާއަކީ ހަގީގަތުގައި ދަރަނިތައް ދައްކައި، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދުވަހުން ދުވަހަށް ދީ މިކަންކަން ކުރެވުން،“ ވަޒީރު ވިދާޅުވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ މިވީ ކުރު މުއްދަތުގެ ތެރޭގައި އިގްތިސާދީ ގޮތުން ހަރުދަނާ ގިނަ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ބާރު ހިނގާ ކަމަކަށް ނުވި ނަމަވެސް، އެކަމުގެ ބުރަ ރައްޔިތުންނަށް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން، ތެލުގެ އަގަށް އަންނަ ބަދަލުތައް ތަހައްމަލުކުރަން ޖެހުނު ކަމުގައިވީނަމަވެސް، ސަރުކާރުން ސަބްސިޑީތައް ދީގެން މަސައްކަތް ކުރަމުންދަނީ ރައްޔިތުން އުފުލަންޖެހޭ މާލީ ބުރަ ވީހާވެސް ކުޑަކުރުމަށް ކަމަށް މިނިސްޓަރު ޒަމީރު ފާހަގަކުރެއްވިއެވެ.

