ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ރައީސުންގެ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުމަށް އެމްޑީޕީން ފާސްކޮށްފިން

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ޞާލިޙް އިސްނަންގަވައިގެން ފެއްޓެވި ސިޔާސީ މަސައްކަތުގައި ބައިވެރިވެ، ފުރިހަމަ އެއްބާރުލުން ދިނުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުން އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް މި ގަރާރު ހުށަހެޅުއްވީ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއެވެ. މި ގަރާރުގައި ބަޔާންކޮށްފައިވަނީ ތިން ރައީސުން އިސްނަންގަވައިގެން ފެއްޓެވި މަސައްކަތުގައި އެމްޑީޕީން ބައިވެރިވުމަކީ ދިވެހި ރާއްޔިތުންނާއި ގައުމަށް ފައިދާހުރި ގޮތް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ތިން ރައީސުން ނެރުއްވި ބަޔާނުގައިވާ ކަންކަން ތަންފީޒުކުރުމަށް އެމްޑީޕީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް މި ގަރާރުގައިވެއެވެ.

މި ގަރާރަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) އެވެ. ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން މި ގަރާރު ވަނީ ފާސްވެފައެވެ.

ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައި، އެކަން ރަސްމީކޮށް އިއުލާނު ކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ”ތިން ބޭފުޅުން އެކުގައި މަޝްވަރާ ކުރައްވާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޖަލްސާތަކާއި އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ“ ކަމަށެވެ.

ތިން ރައީސުންގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގައުމުގެ ޑިމޮކްރަސީ ހިމާޔަތްކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުން މިވަގުތަށް ވަނީ މަޖުބޫރުވެފައެވެ. މި އެއްބަސްވުމުގައި މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަށް އަރައިގަތުމާއި، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ އިތުރުން މަޖިލީހުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތައް ހިމެނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގުތިސޯދީ ހާލަތު ދަށްވެ ތަކެތީގެ އަގު އުފުލުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތަކާ މެދުވެސް ތިން ރައީސުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމްޑީޕީން މި މަސައްކަތުގައި ބައިވެރިވުމަށް ނިންމުމާއެކު، ކުރިއަށް އޮތް ތަނުގައި އިދިކޮޅު ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: