މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ކަނޑު އަޑީގެ ހޮހޮޅައެއްގެ ތެރެއަށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން، ނުފެނި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު މިއަދު ނަގައިފިއެވެ. މިއާއެކު މިދިޔަ ހަ ދުވަސް ވަންދެން ކުރިއަށްދިޔަ ނުރައްކާތެރި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފައެވެ.
ގެއްލުނު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ގެއްލުނު 4 މީހުންގެ ހަށިގަނޑު ލޮކޭޓްކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު އިއްޔެ ނަގައި މިހާރު ވަނީ އިޓަލީވިލާތަށް ފޮނުވާލާފައެވެ. މިއަދު ނެގި ފަހު ދެ މީހުންގެ ހަށިގަނޑު މޯޗުއަރީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ސަރުކާރުގެ ތަރުޖަމާނު މުހަންމަދު ޝަރީފް (މުންދު) ވިދާޅުވީ ”މިހާރު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން މި ނިމުނީ“ ކަމަށެވެ. އަދި މިއަދު ނެގި ހަށިތައް އިޓަލީވިލާތަށް ފޮނުވައިލުމާ ގުޅޭގޮތުން އެޤައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތަށް ބަލާއިރު، ދިވެހި ސިފައިންގެ ޑައިވް ޓީމުން ރިކަވަރީ މަސައްކަތް ފެށި ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު އެ އޮޕަރޭޝަނުގައި ބައިވެރިވި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލިއެވެ. އޮޕަރޭޝަން އަލުން ފެށީ އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ފިންލޭންޑްގެ ތަޖުރިބާކާރު ތިން ޑައިވަރުން ރާއްޖެ އައުމުންނެވެ.
ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރިން އޮންނަ ”މިޔަރު ހޮހޮޅަ“އަށް ޑައިވިނަށް ފޭބި މި ފަސް މީހުންނަކީ މޮނިކާ މޮންޓެފަލްކޯން، ޖިއޯޖިއާ ސޮމަކާލް، މުރީއެލް އޮޑެނިނޯ، ޖިއަންލުކާ ބެނެޑެޓީ އަދި ފެޑެރީކޯ ގުއަލްޓިއަރީއެވެ. މީގެ ތެރެއިން އިންސްޓްރަކްޓަރުގެ ހަށިގަނޑު މީގެ ކުރިން ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑިންނެވެ. ބާކީ ތިބި ހަތަރު މީހުން ފެނިފައިވަނީ ގާތްގަނޑަކަށް 200 ފޫޓު ދިގު އެ ހޮހޮޅައިގެ އެތެރެއިންނެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރުއެވެ. މި ހާދިސާގައި ޑައިވިނަށް ދިޔަ ފަސް މީހުންވެސް ވަނީ މަރުވެފައެވެ.

