ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ޓެރިފް ކަނޑާލަން ނިންމި ނިންމުމަށް ރައީސްގެ މަރުހަބާ

ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

މި ނިންމުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

މި ނިންމުމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރު ނިކް ލޯ ކުރެއްވި އިޢުލާނަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 20 މޭ 2026 އިން ފެށިގެން ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔުއްވާ ކަމަށެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މި ނިންމުމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރަށްރަށުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު ބާރަކަށް ވާނެއެވެ. އަދި އިނގިރޭސިވިލާތުގެ ބާޒާރުގައި ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި މަހުގެ ބާވަތްތަކަށް އޮތް ފުރުސަތުތައް މިކަމުގެ ސަބަބުން ފުޅާވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖެއަކީ ދޮށީގެ މަސްވެރިކަން ކުރާ، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް މަސްވެރިކަން ކުރުމުގައި ދުނިޔޭގެ ނަމޫނާ ގައުމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

”މި ކާމިޔާބީން ދޭހަކޮށްދެނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުމެވެ. އަދި ދެމެހެއްޓެނިވި ވިޔަފާރިއާއި އިގްތިސާދީ ކުރިއެރުމަށް ދެ ގައުމުން ދޭ އިސްކަން މިކަމުން ހާމަވޭ،“ ރައީސް ވިދާޅުވިއެވެ.

އިނގިރޭސި ހައިކޮމިޝަނަރު ނިކް ލޯ ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށާއި ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި، މި ބަދަލާއެކު އިނގިރޭސިވިލާތުގެ ބާޒާރުގައި މަހުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ.

ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް 2011 ވަނަ އަހަރު ބަދަލުވުމާ ގުޅިގެން، 2014 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ޓެރިފަކާ ނުލާ ބޭރުކުރެވުނެވެ. ނަމަވެސް 2014 އިން ފެށިގެން ދިވެހި މަހަށް %24 ގެ ޓެރިފެއް ކުރިމަތިވިއެވެ. އޭގެ ފަހުން އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުން، 2021 ވަނަ އަހަރު އެ ގައުމުން ވަނީ ރާއްޖެ ހިމެނޭހެން %20 ގެ ޓެރިފެއް ކަނޑައަޅާފައެވެ.

މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާއިރު، އިގްތިސާދީ މާހިރުން ދެކޭގޮތުގައި ޓެރިފް ކަނޑާލުމުން ބައިނަލްއަގުވާމީ ބާޒާރުގައި، ޚާއްސަކޮށް ދަޅުމަހާއި ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތަކަށް އޮންނަ ޑިމާންޑް އިތުރުވެ، ދިވެހި މަސްވެރިކަމަށް އާ ދިރުމެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: