ޣައްޒާގެ ކުޑަކުދިންގެ އުންމީދުތަކާއި ހުވަފެންތައް، ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ ކުންނަށް ފޯރައިފިއެވެ. މި ކުދިން އަމިއްލަ އަތުން ލިޔެފައިވާ މެސެޖުތައް ހިމެނޭ ފަތަމަޅިއެއް، ފަރުބަދައަށް އަރާ މީހުންގެ ޓީމަކުން ވަނީ އެވަރެސްޓްގެ އެންމެ އުސް ހިސާބަށް އުފުލައިދީފައެވެ.
އުރުދުންގެ ފަލަސްތީނު ދަރިކޮޅަށް ނިސްބަތްވާ ފަރުބަދައަށް އަރާ މީހެއް ކަމުގައިވާ މުސްތަފާ ސަލާމަތު ބުނި ގޮތުގައި، މި ޓީމުން އެވަރެސްޓްގެ ކުންނަށް އަރާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:48 ގައެވެ. މި ދަތުރުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް، ސިއްހީ ސަބަބުތަކަކާ ހުރެ ސަލާމަތަށް މިފަހަރު ފަރުބަދައިގެ އެންމެ މަތީ ހިސާބަށް ދެވޭގޮތެއް ނުވިއެވެ. ނަމަވެސް، އިޓަލީގެ ފިލްމް އުފައްދާ ފަރާތެއް ކަމަށްވާ ލިއޮނާޑޯ އަވެޒާނޯ އިސްވެ ހުރެ، ނޭޕާލްގެ ޝެރުޕާއިންގެ ޓީމަކުން ވަނީ އެ ފަތަމަޅި ކުންނަށް އުފުލައިދީފައެވެ. މިއީ އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައިވާ ދަނޑިވަޅެއްގައި، އެތަނުގެ ކުޑަކުދިންގެ ހުވަފެންތައް ”ދުނިޔޭގެ އެންމެ އުސް ހިސާބަށް“ ފޯރުކޮށްދިނުމަށް ކުރި ކަމެއްކަމަށް ސަލާމަތު ބުންޏެވެ.
މީގެ ކުރިން ވެސް އެވަރެސްޓަށް އަރާފައިވާ އުމުރުން 56 އަހަރުގެ ސަލާމަތު، މި ދަތުރު ރޭވީ ޣައްޒާގެ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް 10 މިލިއަން ޑޮލަރު ހޯދުމަށާއި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން އެ ކުދިން އުފުލަމުންދާ ތަކުލީފުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށެވެ.
އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ސަލާމަތު ބުނީ، ”މަސްތަކެއްގެ ތައްޔާރީތަކާއި، ގުރުބާނީއާއި، ދުޢާގެ ނަތީޖާއެއްގެ ގޮތުން، ޣައްޒާގެ ކުޑަކުދިންގެ ހުވަފެންތައް މިއަދު އެވަނީ ދުނިޔޭގެ އެންމެ އުސްމިނުގައި ވިހުރެމުން“ ކަމަށެވެ. އަދި މިއީ ޣައްޒާގެ ކުނިބުންޏާއި ތަދުތަކުގެ ތެރެއިން، ދުނިޔޭގެ ފުރާޅާ ހަމައަށް ވާސިލްވި ”މަރުނުވި ހުވަފެނެއް“ ކަމަށް އޭނާ ސިފަކުރިއެވެ.
ފަރުބަދައިގެ އެންމެ ނުރައްކާތެރި ސަރަހައްދުގައި ފަތަމަޅި އުފުލި ލިއޮނާޑޯއަށާއި ޝެރުޕާއިންގެ ޓީމަށް ސަލާމަތު ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިއީ ހަމައެކަނި ފަރުބަދައަކަށް އެރުމެއް ނޫނެވެ. މިއީ އިންސާނިއްޔަތާއި، އުންމީދާއި، އަދި ކިތަންމެ ބޮޑު އަނދިރިކަމެއްގެ ތެރެއިން ވެސް ރީތި ކަމެއް އުފަންވެދާނެކަން ސާބިތުކޮށްދިނުމަށް ކުރި ކަމެކެވެ.
ފަލަސްތީނުގެ ކޮންމެ ކުއްޖެއްގެ ވާހަކަ ދުނިޔެއަށް ބުނެދިނުމަކީ ސަލާމަތުގެ އަމާޒެކެވެ. އޭނާއަކީ ދުނިޔޭގެ ހަތް ބައްރުގެ އެންމެ އުސް ފަރުބަދަތަކަށް އަރައި، އުތުރު ތަނޑިއާއި ދެކުނު ތަނޑިއަށް ވާސިލްވެފައިވާ މަދު މީހުންގެ ތެރެއިން އެކެކެވެ. ސަލާމަތު ބުނި ގޮތުގައި، އޭނާއަށް އެންމެ ރަނގަޅަށް ކުރަން އެނގޭ ކަމަކީ ފަރުބަދައަށް އެރުމެވެ. އެހެންކަމުން، އެ ހުނަރު ބޭނުންކޮށްގެން ފަލަސްތީނުގެ ކުޑަކުދިންގެ ތަދުތައް ދުނިޔޭގެ އެންމެ އުސްމިނަށް ގެންގޮސްދިނުމަކީ އޭނާގެ މަގުސަދެވެ.
އެވަރެސްޓަށް އެރުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ނަމަވެސް، ޣައްޒާގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކާ އަޅާބަލާއިރު އެއީ އެއްވެސް އެއްޗެއް ނޫންކަމަށް އޭނާ ބުންޏެވެ. ”މި ދަތުރަކީ އަހަރެންގެ އަމިއްލަ އިހުސާސްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. އަހަރެންނަކީ ވެސް ރެފިއުޖީ ކޭމްޕެއްގައި އުޅުނު ކުއްޖަކަށް ވުމުން، ޣައްޒާގެ ކުދިންގެ ހާލަތު އަހަރެންނަށް ވަރަށް ރަނގަޅަށް އިހުސާސްކުރެވޭ،“ ސަލާމަތު ބުންޏެވެ.
އޭނާ ނިންމާލަމުން ބުނީ، ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން އޭނާއަށް ލިބުނީ ކެތްތެރިކަމާއި، އަބުރުވެރިކަމާއި، އަދި މިނިވަންކަމުގެ ފިލާވަޅުތަކެއް ކަމަށެވެ. ސަލާމަތުގެ ވީޑިއޯ ނިންމާލާފައިވަނީ ”ފްރީ، ފްރީ ފަލަސްތީން“ (ފަލަސްތީނަށް މިނިވަންކަން) މި ޝިއާރުންނެވެ

