ދުނިޔޭގެ ބައެއް ގައުމުތަކުގައި މިވަގުތު ފެތުރެމުންދާ، އެބޯލާ ފަދަ ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، އެފްރިކާގެ ދެ ޤައުމެއްގައާއި އެ ޤައުމުތަކާ އަވަށްޓެރި ސަރަހައްދުތަކުގައި އިބޯލާގެ ވައިރަސް މިހާރު ދަނީ ފެތުރެމުންކަމަށެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން މަޢުލޫމާތުދޭ ގޮތުގައި، ހީކުރި ވަރަށް ވުރެ ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާއިރު، އެ ސަރަހައްދުތަކުގައި ހިނގަމުންދާ މަދަނީ ހަމަނުޖެހުންތަކާއި، ދާޚިލީ ހަންގުރާމަތަކުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިކަމަށް އެ މަނިކްފާނު އަލި އަޅުވާލެއްވިއެވެ. މި ނުރައްކާތެރި ހާލަތާ ގުޅިގެން ޑަބްލިއުއެޗްއޯއިން ވަނީ ބައިނަލްއަގުވާމީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިކަމަށް ފާހަގަ ކުރެވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް މި ބަލި އެތެރެވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ލަފާދީފައެވެ. އެއީ ރާއްޖޭގެ ބޯޑަރުތަކުގައި ހަރުދަނާ ޕްރޮޓޮކޯލްތަކެއް ޤާއިމުކޮށްފައިވުމާއި، ރާއްޖެއަށް އެތެރެވާ ހުރިހާ ފަރާތްތަކެއް ސްކްރީން ކުރަމުންދާތީއެވެ.
މި ފަދަ ނުރައްކާތެރި ބަލިތަކާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
- އެއާޕޯޓުތަކުގެ ސްކްރީން ވަރުގަދަކުރުން: ޖަޕާން ސަރުކާރުގެ އެހީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބަލިތައް ދެނެގަތުމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއި ހުން ސްކްރީން ކުރެވޭނެ ނިޒާމުތައް ވަނީ ޤާއިމުކޮށްފައެވެ.
- ދަތުރުވެރިންގެ މައުލޫމާތު ހޯދުން: ރާއްޖެއަށް އެތެރެވާ ހުރިހާ ދަތުރުވެރިން ”އިމުގާ“ ޕޯޓަލް މެދުވެރިކޮށް ސިއްޙީ މަޢުލޫމާތު ހިއްސާކުރަންޖެހެއެވެ. މީގެ ސަބަބުން ބަލި އޮތް ސަރަހައްދުތަކުން އަންނަ ފަރާތްތައް ފަސޭހައިން ދެނެގަނެވޭނެއެވެ.
- އައިސޮލޭޝަން ނިޒާމު: ބައްޔެއްގެ އެއްވެސް ޢަލާމާތެއް ހުރި މީހަކު ފެނިއްޖެނަމަ، ވަގުތުން އެކަހެރިކޮށް ފަރުވާ ދެވޭނެ އިންތިޒާމު އެއާޕޯޓުތަކުގައި ވަނީ ތައްޔާރުކޮށްފައެވެ.
އެބޯލާ ވައިރަހަކީ ވައިގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ނުވި ނަމަވެސް، މިއީ ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ފްލުއިޑް ޖެހުމުން ފެތުރޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އެހެންކަމުން، ބައިނަލްއަޤުވާމީ މުޖުތަމަޢުއާ ގުޅިގެން ރާއްޖޭގެ ސިއްޙީ އިދާރާތަކުން ދަނީ މި ޙާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.

