މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި، ތެލުގެ އަގަށް އަދި މާލީ ޙާލަތަށް ނޭދެވޭ އަސަރުކޮށް، މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފިއެވެ.
އޭޑީބީން މިކަން ހާމަކޮށްފައިވަނީ އެ ބޭންކުން އާންމުކުރި ”އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް“ ރިޕޯޓުގައެވެ.
އެ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 5.4 އިންސައްތައިގައި ކުރިއަރާފައިވީ ނަމަވެސް، 2026 ވަނަ އަހަރު މި އަދަދު 1.0 އިންސައްތައަށް ދަށަށް ދާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން މުޅި އޭޝިއާ ސަރަހައްދުގެ އިޤްތިޞާދީ ކުރިއެރުން 4.7 އިންސައްތައަށް ދަށަށް ދާނެ ކަމަށް ލަފާކުރެވުނު އަންދާޒާއާ ގުޅިފައިވާ ބަދަލެކެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމަށް ބަލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާ އެކު 2025 ވަނަ އަހަރު ފަތުރުވެރިން އައި މިންވަރު 10 އިންސައްތަ އިތުރުވި ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު ވަނީ މަދުވެފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ އަގު ބޮޑުވެ، ފަތުރުވެރިން އަންނަ މިންވަރު މަޑުޖެހޭނެ ކަމަށް އޭޑީބީން ފާހަގަކުރެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު 5.0 އިންސައްތައަށް އުފުލޭނެ ކަމަށްވެސް އޭޑީބީން ލަފާކުރެއެވެ. މީގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހޭދަ އިތުރުވެ، ބަޖެޓަށް ބާރު ބޮޑުވާނެކަމަށް ބެލެވެއެވެ. ރާއްޖެއިން އޭޕްރީލް 2 ވަނަ ދުވަހު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވީ ނަމަވެސް، ރާއްޖޭގެ ދަރަނި އަދިވެސް ހުރީ ޖީޑީޕީގެ ނިސްބަތުން 130 އިންސައްތަޔާ ގާތްކުރާ ހިސާބެއްގައެވެ.
އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް ޖޫލްސް ހޫގޯ ވިދާޅުވި ގޮތުގައި، ”ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށަށް ދިއުމާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން، ސަރުކާރުގެ މާލީ އިޞްލާޙީ ފިޔަވަޅުތައް އެޅުން މިހާރު ވަނީ ވަރަށް ބޮޑަށް މަޖުބޫރުވެފައެވެ.“
އިޤްތިޞާދީ މުސްތަޤުބަލަށް ބަލާއިރު، 2027 ވަނަ އަހަރު ތެލުގެ އަގު ހަމައަކަށް އެޅި، ފަތުރުވެރިކަން އަލުން ކުރިއަރަން ފެށުމުން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 3.0 އިންސައްތައަށް އަރާނެ ކަމަށް އޭޑީބީން އުންމީދު ކުރެއެވެ. އޭޝިއާ ސަރަހައްދުގެ އެހެން ޤައުމުތަކަށް ބަލާއިރު، އިންޑިއާގެ ކުރިއެރުން 6.9 އިންސައްތައިގައި ހުންނާނެ ކަމަށް ބެލެވޭއިރު، ޕާކިސްތާނާއި ބަންގްލަދޭޝްގެ އިޤްތިޞާދު ވެސް ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ.

