ދިވެހިރާއްޖޭގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް، ޚާއްޞަކޮށް ޑެންގީ ހުން ޖެހޭ މީހުންގެ އަަދަދު 2026 ވަނަ އަހަރުގެ މިހާތަނަށް އާދަޔާޚިލާފަށް އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އެކަނިވެސް 2,000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މުޅި ޖުމްލަ އަދަދަށްވުރެ އިތުރު އަދަދެކެވެ.
މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ ކުޅުދުއްފުށި ސިޓީއާއި، މާލެ ސަރަޙައްދުގެ އިތުރުން ރ. އަތޮޅާއި އއ. އަތޮޅުގައެވެ.
ޑެންގީގެ އިތުރުން ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދުވެސް މޭ މަހުގެ ކުރީކޮޅުން ފެށިގެން ދަނީ އިތުރުވަމުންނެވެ.
މޫސުމީ ބަދަލުތަކާއި ވާރޭވެހުމާ މި ބަލިތަކާ ހުރި ގުޅުން ވަރަށް ބޮޑެވެ. ޢާންމުގޮތެއްގައި ހުޅަނގު މޫސުމުގެ ވިއްސާރައާއެކު މަދިރި އާލާވުން އިތުރުވި ނަމަވެސް، ފަހަކަށް އައިސް ބަލި ފެތުރޭ މިންވަރު ވަނީ ކުރީގެ ޓްރެންޑްތަކާ ޚިލާފަށް ބަދަލުވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކޭސްތައް އިތުރުވާން ފެށިގޮތަށް، މޫސުމީ އިންތަކުން ބޭރުވެ، މުޅި އަހަރު ދުވަހުވެސް ކޭސްތައް ގިނަ އަދަދަކަށް ފެންނަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ވައިގެ ތެތްކަން މަތިވުމާއި ވާރޭވެހުމަކީ ޑެންގީ ފަތުރާ މަދިރި އާލާވުމަށް މަގުފަހިވާ މުހިންމު ކަންކަމެވެ.
މި ބަލިތައް ފަތުރާ އީޑީސް މަދިރިއަކީ ސާފު ފެން ހަރުލާފައި ހުންނަ ކުދިކުދި ތަންތަނުގައި ބިސްއަޅާ އެއްޗެކެވެ. ގޭގޭގައި ގަސް އިންދަން ގެންގުޅޭ ތަކެއްޗާ، އުކާލާފައި ހުންނަ ފުޅި އަދި މަތި ފަދަ ތަކެތީގައި ހަރުލާ ކުޑަ ފެންފޮދެއްގެ އެހީގައިވެސް މަދިރި އާލާވެދާނެކަމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރުދެއެވެ. މަދިރި އާލާވާ ތަންތަން ނައްތާލުމުގެ އިތުރުން، މަދިރި ހެފުމުން ރައްކާތެރިވުމަށް ހަށިގަނޑު ނިވާވާ ފަދަ ހެދުން އެޅުމާއި މަދިރި ދުރުކުރާ ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. މަދިރީގެ އާބާދީ ކޮންޓްރޯލްކޮށް ބަލިތައް ފެތުރުން ހުއްޓުވުމަކީ މުޅި މުޖުތަމަޢުގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ސިއްހީ އިދާރާތަކުން ބާރުއަޅުއްވައެވެ.

