ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށު ކައުންސިލްތަކުން އަމިއްލައަށް ލޯނު ނެގުމުގެ ޙައްޤު ބޭނުން ކުރަންޖެހޭ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގެ ތަރައްޤީއަށްޓަކައި ވެފައިވާ ވައުދުތައް ތަންފީޒުކުރުމަށް ކައުންސިލްތަކުން އަމިއްލައަށް ލޯނު ނެގުމުގެ ހައްގު ބޭނުން ކުރަންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމުގަ އެވެ.

ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ނަޝީދު އެންމެ ބޮޑަށް ފާހަގަކުރައްވަނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ފޯރުކޮށްދިނުމާއި އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް އިތުރަށް ބާރުވެރިކުރުވުމާއި ގުޅޭގޮތުންނެވެ. އެގޮތުން ރަށްރަކުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގެ ބާރު ކައުންސިލްތަކަށް ދޫކުރަން ޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މުޅި ދަޢުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 120 އިންސައްތައަށް އަރާފައިވާއިރު، މަރުކަޒީ ސަރުކާރަށް ލޯނުދޭނެ ބަޔަކު ހޯދުމަކީ މިހާރު ވަރަށް ދަތި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ވަކިވަކި ރަށްރަށަށް ނުވަތަ ކައުންސިލްތަކަށް ވޯލްޑް ބޭންކާއި، އައިއެމްއެފް އަދި އައިއެފްސީ ފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯނު ލިބުމުގެ ފުރުޞަތު އޮތްކަމަށާއި، ”ދަރަނީގެ ދަންތޫރަ“ އިން ސަލާމަތްވެ ތަނަވަސްކަން ލިބޭނީ ރަށްރަށް މަރުކަޒީ ސަރުކާރަށް ބަރޯސާނުވެ ވަކިން މަސައްކަތް ކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެހެންމެ، ކައުންސިލްތަކުން ހިންގާ ޕްރޮޖެކްޓްތަކަށް އެމްޑީޕީގެ ސެކްރެޓޭރިއަޓްގެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަކީ އެމަނިކުފާނު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވި މައިގަނޑު އެއް މަޤްޞަދު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ކޮންމެ ވަޢުދަކީވެސް ޕްރޮޖެކްޓެއްގެ ގޮތުގައި ލިޔެވި، އެއަށް ބޭނުންވާ އެކްޝަން ޕްލޭންތަކާއި ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެވިފައި އޮންނަންޖެހޭނެ ކަމަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ. އަދި ކައުންސިލްތަކަށް ލިބިފައިވާ ޤާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި ފާސްކުރަންޖެހޭ ޤަރާރުތައް ފުރިހަމަކޮށް، ގެޒެޓްކުރުން ފަދަ މުހިންމު ފިޔަވަޅުތައް އަޅަންޖެހޭކަމާ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑު މިހާރު އޮތްގޮތުން ކައުންސިލްތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ދަޢުލަތުގެ ނަމުގައި ގެރެންޓީ ދެވޭނެ އުޞޫލުތައް ކަނޑައަޅާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ޤައުމްތަކުގެ މިހާރު އޮތް ދަރަނީގެ ޙާލަތު ދެނެގަނެ، ސަބް-ނެޝަނަލް ނުވަތަ ކައުންސިލްތަކަށް ލޯނު ގެރެންޓީ ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. މިގޮތުން ވޯލްޑް ބޭންކް ގްރޫޕްގެ ”މީގާ“ ފަދަ އިދާރާތަކުން މިހާރުވެސް ރާއްޖޭގެ ބައެއް މަޝްރޫޢުތަކަށް ގެރެންޓީ ދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަކިން ޚާއްޞަކޮށް އެމްޑީޕީގެ މެޖޯރިޓީ އޮތް ރަށްރަށް ގުޅިގެން މިފަދަ ޕްރޮގްރާމްތަކެއްގައި ބައިވެރިވެވޭނެ ކަމަށާއި، މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ހުއްޓުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރާއްޖޭގެ މާލީ ޙާލަތު ބަދަލުކުރުމަށްޓަކައި އިދާރީ ދާއިރާތައް މާލީގޮތުން ބާރުވެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: