ދުންފަތާ ގުޅޭ އިތުރު ނުރައްކާތަކުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ސާބިތުކަމާއެކު ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިއަދު ފާހަގަކުރަމުންދާ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމުގެ އަޒުމް އައުކުރައްވާފައެވެ.
ރައީސް ވަނީ އީ-ސިނގިރޭޓު މަނާކުރުމުން ފެށިގެން ދުންފަތާ ދެކޮޅަށް ”ޖެނެރޭޝަނަލް ބޭން“ ތަންފީޒުކުރަންފެށި ދުނިޔޭގެ ފުރަތަމަ ޤައުމަށް ރާއްޖެ ވުމުގެ ޝަރަފާއެކު ސަރުކާރުން އަޅުއްވަމުންގެންދަވާ ބޮޑެތި ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ.
އެކި ރަހަތަކާއެކު އަލަށް ބާޒާރަށް އަންނަ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން ދުންފަތް އިސްތިހާރުކޮށް ޒުވާން ސިކުނޑިތަކަށް ވާޞިލުވުމަށް މަސައްކަތް ކުރެވެމުންދާއިރު، އެކަންކަމަށް ސަރުކާރުން ހުޝިޔާރުވެ ސަމާލުވެ ތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. ޒުވާން ޖީލު މިވަބާއިން ރައްކާތެރިކުރުމުގައި މިސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ ސިސޭޝަން ކްލިނިކްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަޙައްދުތައް ކަނޑައެޅުމާއި، ޤާނޫނާއި ގަވާއިދުތައް އިސްލާޙުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާނެ ކަމަށެވެ. ”ދުންފަތުން ރައްކާތެރި ދުޅަހެޔޮ ޤައުމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް“ ރައީސް ވަނީ ގޮވާލައްވާފައެވެ.
ދުންފަތުގެ ވަބާއިން ދިވެހި މުޖްތަމަޢޫ ސަލާމަތް ކުރުމަށް މިސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރު ކަމަށް ކަނޑައެޅުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ އޭގެ ނުރައްކާ މިންވަރު އެނގޭނެ ޞިއްޙީ އިންޒާރާއެކުގައި ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި އެކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ ޖެނެރޭޝަނަލް ބޭން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 1 އިން ފެށިގެން ވަނީ ތަންފީޒުކުރަން ފަށާފައެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ.

