”ބޮޑު ބަދަލު“ ހަރަކާތުގެ ތަޞައްވުރު ފުރިހަމައަށް ތަންފީޒުކުރެވިއްޖެ ނަމަ، ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި ރައްޔިތުންގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަ ކުރައްވާ ކެންޑީޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޯރަފުށީގައި ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޖަމާޢަތްކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވަނީ މިހާރުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމަށް މާނަހުރި ބަދަލެއް ގެނެވޭނީ ހަމައެކަނި އާ ޚިޔާލުތަކާއި ދުރު ރާސްތާގެ ވަރުގަދަ ރޭވުންތައް ހުރި ބަޔަކަށް ކަމަށާއި، އެއީ އެމަނިކުފާނަށް ކުރެވޭނެ ކަމެއް ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ބައްދަލުވުމުގައި 2008 ވަނަ އަހަރު އެރަށަށް ކުރެއްވި ޒިޔާރަތުގެ ހަނދާންތައް އާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެދުވަސްވަރު އެމަނިކުފާނު ވެވަޑައިގަތް ވަޢުދުތަކަކީ އެއީ ކުރެވޭނެ ކަންކަން ކަމަށް އޭރު ގިނަ ބަޔަކު ޤަބޫލުނުކުރި ކަންކަން ކަމަށެވެ.
މީގެ ތެރޭގައި އިސްރަށްވެހިންގެ ޕެންޝަނާއި، ޔަތީމުންނާއި އެކަނިވެރި މައިންނަށް ދޭ މާލީ އެހީތެރިކަމުގެ އިތުރުން، ދަރިވަރުންނަށް ބޭނުންވާ ފޮތްބައި ހިލޭ ފޯރުކޮށްދިނުން ފަދަ މުހިންމު ސިޔާސަތުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ހުރިހާ ސިޔާސަތުތަކެއް ފަހުން ޙަޤީޤަތަކަށް ވެފައިވާ ކަމަށާއި، ހަމައެފަދައިން މިހާރު ފަށާފައިވާ ”ބޮޑު ބަދަލު“ ހަރަކާތުގެ ދަށުން ވެސް އުންމީދީ އިޞްލާޙުތަކެއް ރައްޔިތުންނަށް ގެނެސްދެވޭނެ ކަމަށެވެ. ”ބޮޑު ބަދަލު ހަރަކާތުގެ ތަޞައްވުރު ފުރިހަމައަށް ތަންފީޒުކުރެވިއްޖެ ނަމަ، ކުރިއަށް އޮތް ފަސް ހަ ވަރަކަށް އަހަރުގެ ތެރޭގައި ރައްޔިތުންގެ އާމްދަނީ ދެގުނަ ކުރެވޭނެ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ހޯރަފުށީގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އެރަށަށް ހުރި ފުރުޞަތުތައް ފާހަގަކުރައްވައި، އެ ދާއިރާތައް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބައްދަލުވުން ނިންމާލައްވަމުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދިނުމަށް ހޯރަފުށީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

