ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު އިންތިހާބުކޮށްފިއެވެ.
ސަލީމް މި މަގާމަށް އިންތިހާބުވެވަޑައިގަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް 74 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓާއެކުގައެވެ.
ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމްގެ ނަން ހުށައެޅި އިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން މި މަގާމަށް ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދުގެ ނަމެވެ. ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ.
ސަލީމަކީ މަޖިލީހުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު މެމްބަރެކެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ސަލީމް އިންތިހާބުވެވަޑައިގެންނެވި ނަމަވެސް، މީގެ ކުރިން އޭނާ އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވެފައެވެ.
މި ދެ ބޭފުޅުން އެ މަގާމަށް ޝައުގުވެރިކަން ދޫކޮށްލާފައިވާކަން އިތުބާރު ހުރި މަސްދަރުތަކުން ކުރިން ވަނީ ކަށަވަރުކޮށްދީފައެވެ.
މަޖިލީހަށް އާ ނައިބު ރައީސަކު އިންތިޚާބުކުރަން ޖެހުނީ، އެ މަޤާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނާޒިމް މަގާމުން އިސްތިއުފާ ދެއްވީ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. ނާޒިމްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަޖިލީހުގެ ތެރޭގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، ނާޒިމް ވަނީ މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީން ވެސް ވަކިކޮށްފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަލަހައްޓަވާ ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން ވެސް އޭނާ ވަނީ ބޭރުކޮށްފައެވެ.
މަޖިލީހުގެ އިދާރާއަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ނާޒިމް ވިދާޅުވެފައި ވަނީ، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާޢިދަށް އަބަދުވެސް އިޙްތިރާމް ކުރައްވާފައިވާނެ ކަމަށެވެ. ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ރިޔާސަތުން ވަނީ އެކަން ރަސްމީކޮށް މެންބަރުންނަށް އަންގަވާފައެވެ.

