ސިގިރޭޓްގެ ޑިއުޓީއާ ގުޅިގެން އެއްވެސް ޔޫޓާނެއް ނުނަންގަވާ ކަމަށާއި ސިޔާސަތު އަދިވެސް އޮތީ އެގޮތަށް ކަމަށް ރައީސުލްޖުމްހޫއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިގިރޭޓްގެ ޑިއުޓީ ކުޑަކުރަން ކުރަމުންދާ މަޝްވަރާއާ ގުޅިގެން ރައީސަށް ވަ އެގޮތުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަންގުޓީވީން ކުރި ސުވާލެއްގެ ޖަވާބުގައި ދުންފަތުގެ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާ ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިކަން ނޫސްވެރިއަކު ފާހަގަކުރެއްވިއެެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، އެމަނިކުފާނު ދައްކަވާ ވާހަކައަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި 11 މެއިގައި ދެއްވި ޕްރެސްގައި ވަރަށް ތަފްސީލްކޮށް ސިގިރޭޓް ޑިއުޓީ ބޮޑުކުރުމާއި ކުޑަކުރުމުގެ ސުވާލަށް ޖަވާބު ދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، ސަރުކާރުގެ މަޝްވަރާތައް ބިނާވަނީ ފަންނީ މާހިރުންގެ ލަފަޔާއި، ޑަބްލުއުއެޗްއޯގެ ރިކޮމެންޑޭޝަންތަކަށް ކަމަށާއި 11 މެއިގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް އެއްވެސް އެފަދަ ނިންމުމެއް ނެތް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ސިޔާސަތެއް އަނބުރާ ގެންގޮސްފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 11 މެއިގައި ދެއްކެވި ވާހަކައާއި އިއްޔެ ދުންފަތް ބޭނުންކުރުން ހުއްޓުވުމުގެ ދުވަހާ ގުޅިގެން ބޭއްވި ޕްރެސްގައި ވަޒީރުން ދެއްކެވި ވާހަކައާ ވެސް ގުޅުން އޮންނާނެ ކަމަށާއި، އެއީ ”ޔޫ ޓާނެއް“ ނެގުން ނޫން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަށް ވެސް ބަދަލެއް ނާންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ދުނިޔޭގައި ވެސް އެންމެ ފުރަތަމަ ފަހަރަށް މިފަދަ ކަމެއް އިސްނައިގެން ކޮށް، ޖެނެރޭޝަނަލް ބޭނެއް ގެނައީ ރާއްޖެއިން ކަން ރައީސް ފާހަގަކުރެއްވިއެވެ.
”މިއާ ގުޅިގެން ހަމަ ޑަބްލިޔުއެޗްއޯއާ އެކީގައި، އަދި އެހެން ފަރާތްތަކާ ވެސް އެކީގައި ބައިވަރު ރިވިއުތައް ކުރިއަށް ގެންދިޔައިން. އެގޮތުން ހަމަ ރައިޓް ޑައިރެކްޝަންގައި އަޅުގަނޑުމެންގެ ސިޔާސަތު އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ގެންނަ އެޖެސްމެންޓެއް ގޮތުގައި އެފަދަ އެޖެސްމެންޓެއް ގެނައުމުގެ ޕޮސިބިލިޓީއާ ބެހޭ ގޮތުން އެކަމާއި ގުޅޭ އެކި ކަހަލަ ފަންނީ މަޝްވަރާތައް ކުރިއަށްދާ ވާހަކަ،“
ރައީސް ވިދާޅުވީ ސިޔާސަތުތައް ކުރިއަށް ގެންދިއުމުގައިވެސް ރާއްޖޭގެ އެކި މުއައްސަސާތައް ކަމަށްވާ ކަސްޓަމްސް ފަދަ، ކަމާ ގުޅުންހުރި އިދާރާތަކުން އެކި މައުލޫމާތު އަދި ތަފާސްހިސާބުތައް ބައްލަވާ ކަމަށެވެ.
ސިގިރޭޓް ޑިއުޓީ ކުޑަކުރުމާ މެދު ކެބިނެޓުގައި މަޝްވަރާކުރެވުނުތޯ 11 މެއިގައި ސަންގުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމު ކަމަކީ ސަރުކާރުގެ ސިޔާސަތު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުން ކަމަށާއި އަދި އެގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސިއްހަތު ސަލާމަތް ކުރުމަށް ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ނިޒާމެއް ކަމަށެވެ. ޕްރިވެންޓިވް ހެލްތު ކެއާއަށް ދުންފަތުގެ އިސްތިއުމާލުކުރާ އެކި ކަހަލަ ކަންކަމުން ރައްޔިތުން ދުރުކުރުން މުހިންމު ކަމަށާއި އެ ޕޮލިސީއަށް މި ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވޭޕް މަނާކުރަން ނިންމީ ވޭޕްގެ ޒަރިއާއިން ވެސް އެކި ކަހަލަ ޑްރަގްގެ ކަންކަން ފެތުރެން ފަށާފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. ޖެނެރޭޝަނަލް ބޭން ގެނައީ ވެސް ޒުވާނުން އަލަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ޓަކައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ކަމެއްގެ ތެރެއަށް ނުދަނީސް އެކަމެއް ހުއްޓުވަން ފަސޭހަވާނެ ކަމަށާއި އެފަދަ ދޮރުތައް ބަންދުކުރަންވެސް ފަސޭހަވާނެ ކަމަށެވެ. ރާއްޖޭގައި ޖެނެރޭޝަނަލް ބޭންއެއް ތައާރަފްކުރިކަން ފާހަގަކުރައްވާ ރައީސް ވަނީ އެ މިސްރާބު ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
”ދެން އެކަމުގެ ރިވިއުތައް ހިނގާ، އަދި ޑަބްލިޔުއެޗްއޯ އާއި އެކީގައި ވެސް އަޅުގަނޑުމެން މަޝްވަރާ ކުރާނީ. މިކަހަލަ ކޮންސަލްޓޭޝަންތަކެއް ހިނގާ. އެކަމަކު މިއީ މި ދަންނަވާ އަޅުގަނޑުމެންގެ މައިގަނޑު ޕޮލިސީ އިތުރަށް ސްޓްރެންތެން ކުރުމަށް ޓަކައި ކުރެވުނު މަސައްކަތް. މީގެ އިތުރަށް ރާވާ ތަންފީޒުކުރުމުގެ މަސައްކަތް ވެސް އެބަ ކުރަން. ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން މިހާރުވެސް މަޝްވަރާ ކުރެވޭ ކަންކަން މިހާރުވެސް ކެބިނެޓްގައިވެސް މަޝްވަރާ ކުރެވޭ ކަންކަން، އިތުރަށް ދުންފަތުގެ އިސްތިއުމާލު ކުރުމަށް، ރައްޔިތުން ދުރުކުރުމަށް ހޭލުންތެރި ކުރުމަށާއި، އިންސެންޓިވައިސް ކުރުމަށް ޓަކައި ކޮން ކަންތައްތަކެއްތޯ ކުރެވޭނީ. އަމިއްލަ މަދަނީ ޖަމިއްޔާ ޖަމާއަތްތައް އެމްޕަވަރ ކުރެވޭނީ ކިހާ ވަރަކަށްތޯ. ކްލަބް ޖަމިއްޔާ އެމްޕަވަރ ކުރެވޭނީ ކިހާ ވަރަކަށްތޯ. އާއްމު ރައްޔިތުންނަށް ހޭލުތެރިކަން ފޯރުކޮށްދީގެން އަމިއްލައަށް ސްމޯކިންގ ކުއިޓް ކުރުން އިތުރު ކުރުމަށް ޓަކައި. އެހެންވީމާ މިކަހަލަ ލެވެލްއެއްގައި ވަރަށް ފުޅާ އެޕްރޯޗެއް މިކަމުގައި އެބަ ގެންގުޅެން. ކުރިއަށް އޮތް ތަނުގައި މި މަޝްވަރާ އަޅުގަނޑޫމެން އިތުރަށް ވަރުގަދަވެސް ކުރާނަން. ކެބިނެޓް ލެވެލްގައި އަދި ސްޓޭކްހޯލްޑަރުން ލެވެލްގައި. ކޮށްފައި މި ދެންނެވި މަގްސަދު ހާސިލްކުރަން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އައިޑެންޓިފައިކުރެވި އެކަންކަން ހިއްސާކުރާނަން. މިވަގުތަކު ނެތް ތިކަހަލަ އެއްވެސް ކަމެއް،“
ރައީސަށް 11 މެއިގައި ސިގިރޭޓް ޑިއުޓީއާއި ގުޅިގެން ކުރި ސުވާލަށް އެމަނިކުފާނު ދެއްވީ 3 މިނެޓާއި 47 ސިކުންތގެ ޖަވާބެކެވެ. އަދި ނިންމާލަމުން އެމަނިކުފާނު ވިދާޅުވީ އެވަގުތު އެފަދަ އެއްވެސް ކަމެއް ނުވަތަ އެފަދަ ފިޔަވަޅެއް އަޅަން ނެތް ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް ވަނީ އެކަން ތަކުރާރުކުރައްވައި އޭރު އެއްވެސް އެފަދަ ކަމެއް ނެތް ކަމަށް ވިދާޅުވީ އެވަގުތު އެފަދަ މަޝްވަރާއެއް ނުހިނގާތީ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އަދިވެސް މިކަމާއި ގުޅިގެން އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ.

