ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ބައްދަަލުކުރައްވަން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވައި، ނާޒިމްއާ ދައްކަވާނެ ވާހަކައެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ނާޒިމްގެ އިތުބާރު ނެތްކަމުގެ މަައްސަލަ ކުރިއަށް ގެންދަން ނިންމީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއެންސީގެ 73 މެމްބަރަކު ވަނީ އޭނާ މަގާމުން ވަކިކުރުމުގެ ގަރާރުގައި ސޮއިކުރައްވައިފައެވެ. އެ މައްސަލަ މަޖިލީހުގައި ހަމަޖެހިފައި އޮއްވާ ނާޒިމް ވަނީ އިއްޔެ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އީދު ބަންދުގައި ރައީސް ސިންގަޕޫރަށް ވަޑައިގަތީ ނާޒިމްއާ ބައްްދަލުކޮށް މަޝްވަރާކުރައްވަން ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ސުވާލުކޮށްފައެވެ. ރައީސް ވިދާޅުވީ، އެ ދަތުރުފުޅަކީ އާއިލާއާއެކު ވަގުތަު ހޭދަކުރައްވަން ކުރެއްވި ދަތުރުފުޅެއް ކަމަށާއި، އިތުރު އެއްވެސް ކަމަކަށް ވަގުތު ހޭދަ ނުކުރައްވާ ކަމަށެވެ. އެކަމަށް ހެކި ދޭނެ އެތައް ބަޔަކު އެބަ ތިބި ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ނާޒިމާ ދައްކަވާނެ އެއްވެސް ވާހަކައެއް، މަޝްވަރާއެއް އަދި ”ނެގޯޝިއޭޝަނެއް“ ވެސް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމާ މެދު ވިސްނަވާފައި ވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ނާޒިމަށް ރައީސް މުއިއްޒުގެ އިތުބާރު ނެތީތޯ ސުވާލު ކުރައްވައިފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، އެމަނިކުފާނަށް ޖަވާބު ދެއްވޭނީ ޕީއެންސީގެ ޕޯޑިއަމެއްގައި ކަމަށެވެ.
”ޕީއެންސީގެ ޕްލެޓްފޯމެއްގައި، ޕޯޑިއަމެއްގައެއް ނޫން މިހިރީކީއެއް. އަޅުގަނޑަކީ ޕީއެންސީގެ ރައީސް. އެހެންނަމަވެސް އަޅުގަނޑު ބޭނުންވަނީ މިއަދު މި ވަގުތު ބޭނުންކުރަން އަޅުގަނޑުގެ މަގާމުގެ ރަސްމީ ހައިސިއްޔަތުން ކުރެވޭ ސުވާލުތަކަށް.“ ރައީސް ވިދާޅުވިއެވެ.
ނާޒިމްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެގޮތުން އޭނާ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރާ ކަމަށާއި، މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވާ ކަމަށާއި، ޒިންމާ އަދާކުރުމުގައި ވަކި އަތަކަށް ބުރަވާ ކަމަށް އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ.
ނާޒިމް ވަކިކުރުމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން އޭނާ ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަތަކުގެ ކޮމިޓީންނާއި މާލިއްޔަތު ކޮމިޓީން ވަކިކޮށްފައެވެ. އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ރަސްމީ ވަޓްސްއަޕް ގްރޫޕުން ވެސް އޭނާ ވަނީ ބޭރުކޮށްލައިފައެވެ.

