ނަމާދު ގަޑިތަކުގައި ކުޅިވަރު ނުކުޅެވޭ ގޮތް ހެދުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހީންނަކީ ހުރިހާ މާނައެއްގައި ވެސް އިސްލާމްދީނާއި ގާނޫނުއަސާސީގެ ހަމަތަކަށް އަމަލީ ގޮތުން ތަބާވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ކުޅިވަރުގެ މައިދާނުގައި އުޅޭއިރު، ނަމާދު ގަޑި ޖެހިގެން ދާއިރުވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނިންމުމާއެކު ގެނައުމަށް ހަމަޖެހިފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ސަރުކާރުން އަލަށް ބިނާކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި، އެކުވެނި ފަދަ ކުޅިވަރު ކުޅޭ މައިދާންތަކުގައި ވުޟޫކޮށް ނަމާދު ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުން ހިމެނެއެވެ.
އޭގެ އިތުރުން، ބަންގި ގޮވާ ގަޑިން ފެށިގެން ގާތްގަނޑަކަށް 20 މިނެޓުގެ ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ވެސް ހިމެނެއެވެ.
ރައީސް ވިދާޅުވީ މިކަމަކީ މިހާރު މަޝްވަރާ ކުރެވި، ތަންފީޒު ކުރުމުގެ މަރުހަލާގައި އޮތް ކަމެއް ކަމަށެވެ.
”އީރާދަ ކުރެއްވިއްޔާ މިކަންކަން ތަންފީޒު ކުރެވޭނެ، މާފަންނު ސްޓޭޑިއަމްގައި މިދެންނެވި ނަމާދު ކުރާ ފެސިލިޓިތައް ގާއިމު ކުރުމާއި ހުރިހާ ކަމެއް ކުރިއަށް އޮތް މަސްތަކުގައި ނިމިގެންދާނެ،“ ރައީސް ވިދާޅުވިއެވެ.
މިފަދަ ބަދަލެއް ގެންނަން ނިންމެވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވެފައި، މުޖުތަމައުގެ އަމަލީ ކަންކަން ވެސް އެ ހަގީގަތުގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސްޕޯޓްސް މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ފެސިލިޓީތަކުގެ މަޝްރޫއުތަކުގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމުތައް ހިމެނުމަށާއި، ނަމާދު ވަގުތުތަކުގައި އެ ތަންތަނުގައި ކުޅިވަރު ނުކުޅެވޭނެ ގޮތަށް އުސޫލުތައް އެކުލަވާލައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

