އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މިއަންމާގެ އަސްކަރީ ސަރުކާރުގެ ލީޑަރު މިން އައުންގް ހްލައިންއާ ނިއުދިއްލީގައި ބައްދަލުކުރައްވައިފިއެވެ.
މިއަދު ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޭއްވި އެ ބައްދަލުވުމަކީ، 2021 ވަނަ އަހަރު މިއަންމާގެ އިންތިޚާބީ ސަރުކާރު ވައްޓާލުމަށްފަހު، އެ ގައުމުގެ ރައީސްކަމުގެ ހުވާ މިދިޔަ އެޕްރީލް މަހު ކުރެއްވި މިން އައުންގް ހްލައިން އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަންމާއާއެކު ގުޅުން ބޭއްވުމަކީ އެ ގައުމުގެ އެތެރޭގެ ސިޔާސީ އިންތިޒާމުތަކާ މެދު އިންޑިއާއިން ވަކި ގޮތެއް ނިންމުން ނޫން ކަމަށެވެ. އަދި ގައުމުތައް އެކަހެރިކުރުމުގެ ބަދަލުގައި، ދެމެހެއްޓެނިވި ގޮތެއްގައި މަޝްވަރާކުރުމަކީ އެންމެ އެދެވޭ ނަތީޖާ ނެރެވޭނެ މަގު ކަމަށް އިންޑިއާއިން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ވެރިން ވަނީ ވިޔަފާރި، ދިފާއީ ކަންކަން، ބޯޑަރު ބެލެހެއްޓުން އަދި ސަރަހައްދީ ރައްކާތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ސައިބަރ ކްރައިމް އާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ. ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ދެ ގައުމު ގުޅިގެން 2,400 އަށްވުރެ ގިނަ އިންޑިއާ ރައްޔިތުން ސައިބަރ ފްރޯޑް ސެންޓަރުތަކުން ސަލާމަތްކޮށްފައިވާކަން ފޮރިން ސެކްރެޓަރީ ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިއަންމާގެ އިދިކޮޅު ޖަމާއަތްތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މި ބައްދަލުވުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިއަންމާގެ ހިޔަނި ސަރުކާރު ނުވަތަ ނޭޝަނަލް ޔުނިޓީ ގަވަރމަންޓް (އެން.ޔޫ.ޖީ) އިން ބުނެފައިވަނީ، މިފަދަ ބައްދަލުވުންތަކުގެ ސަބަބުން އަސްކަރީ ސަރުކާރަށް ސައްހަކަން ލިބިގެންދާ ކަމަށެވެ. ހުޅަނގުގެ ގައުމުތަކުން މިއަންމާގެ އަސްކަރީ ވެރިން އެކަހެރިކޮށްފައިވާއިރު، އިންޑިއާއިން މިފަދަ ފުރުސަތެއް ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.
އިންޑިއާއަކީ މިއަންމާއާއެކު 1,643 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާކުރާ ގައުމަކަށް ވުމާއެކު، ސަލާމަތީ ގޮތުންނާއި އިގްތިސާދީ ގޮތުން މިއަންމާއަކީ އިންޑިއާއަށް ވަރަށް މުހިންމު ގައުމެކެވެ. 2025-2026 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަގު 1.95 ބިލިއަން ޑޮލަރަށް އަރައެވެ.
މިން އައުންގް ހްލައިންގެ މި ދަތުރުފުޅުގައި އިންޑިއާގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އިންޑިއާގެ އިގްތިސާދީ މަރުކަޒު މުމްބާއީއަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

