ޗެއާޕާސަންކަމަށް އައުމަށް އިދާރީ ކަންކަމާއި ގުޅުވައި މަސައްކަތް ކުރާނެކަމަށް ބުނެ ވައުދުވުމަށް ވުރެ، މަސައްކަތް ކުރަން ޖެހޭނީ އެއަށް ވުރެ ދުރަށް ވިސްނައި ރައްޔިތުންގެ ހައްގުގައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މި މަހުގެ 12 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި އަމީރު ތާއީދު ކުރައްވަނީ ރައީސް މުހައްމަދު ނަޝީދަށެވެ. އަމީރު ވަނީ ޗެއާޕާސަންކަމަށް ވާދަކުރައްވާ، މީކާއިލް އަހުމަދު ނަސީމް އެމްޑީޕީގެ ސެކްރެޓޭރިއެޓްގެ ބައެއް ކަންކަމާއި ގުޅުވައި ވައުދުތައް ވަމުން ގެންދަވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ އަދި ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި މި ބަދަލުތައް ގެނެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ އެމްޑީޕީ ކަމަށެވެ.
އަމީރު ވިދާޅުވީ، ދިވެހީންގެ އުންމީދުތައް މިހާރަށް ވުރެ މާ މަތިވާންޖެހޭކަމަށާއި، އެމްޑީޕީ ވާން ޖެހޭނީ އެ ކަންކަން ފުރިހަމަކުރާ ޕާޓީއަށް ކަމަށެވެ. އެހެންކަމުން ޗެއާޕާސަން އިންތިހާބަކީ ހަމައެކަނި އެތެރޭގެ އިންތިހާބެއްގެ ގޮތުގައި ދެކުމަށް ވުރެ، ގައުމުގެ މުސްތަގުބަލާއި ގުޅިފައިވާ ވޯޓެއްކަން ގަބޫލު ކުރަންޖެހޭކަމަށް އަމީރު ވިދާޅުވިއެވެ.
2008 ވަނަ އަހަރުގެ އައު ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށީއްސުރެ މިހާތަނަށް އައިއިރު، ގިނަ ކާމިޔާބީތަކާއި ނާކާމިޔާބީތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުގައި ވެސް ރަނގަޅު ކަންތައްތަކާއި އިސްލާހުކުރަންޖެހޭ ކަންތައްތައް ހުރިކަމަށެވެ. ނަމަވެސް، އެމްޑީޕީ ނޫން ބައެއްގެ ވެރިކަން އުފެދޭ ކޮންމެ ފަހަރަކު ރާއްޖެ ފަހަތަށް ސޮއްސާލައިގެންދާ ދިޔުން ހުއްޓުވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ މި ބަދަލުތައް ގެނައުމަށް ޓަކައި ޤާނޫނުއަސާސީއަށާއި، މިނިވަން މުއައްސަސާތައް ހިންގާ ގޮތަށާއި، މީހުން އައްޔަންކޮށް ވަކިކުރާ އުޞޫލުތަކަށް ބޮޑެތި އިސްލާހުތަކެއް ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަނާއި، މެމްބަރުން އިންތިހާބުވާ ގޮތާއި މެދު ހުރި ކަންބޮޑުވުންތައް ހައްލު ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވި ގޮތުގައި ގައުމަށް ބޮޑު ބަދަލެއް ގެނެވޭނީ ދުރުވިސްނޭ ލީޑަރަކާއެކުއެވެ. އަދި އެމްޑީޕީގެ ހިންގުމަށް އައުމަށް ބޭނުންވާ މީހަކީ ޕާޓީގެ އެތެރޭގެ އިދާރީ ކަންކަމުން ބޭރަށް ވިސްނައި ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރާ މީހަކަށް ވުން މުހިންމުކަމަށް ވިދާޅުވިއެވެ. އަމީރު ވިދާޅުވީ، އެމްޑީޕީއަކީ މިހާރު ވެސް ނަމޫނާ ޕާޓީއެއް ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު އޮޑިޓް ރިޕޯޓްތައް ނެރެ، ފައިސާ ޚަރަދުކުރާ ގޮތް ވެބްސައިޓް މެދުވެރިކޮށް ހާމަކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ އެތެރޭގެ ކަންކަމާ ގުޅުވައި މީކާއިލް ވައުދުތައް ވަމުންދާތީ، އެކަމަށް ދިން ރައްދެއްގެ ގޮތުގައި އަމީރު ވިދާޅުވީ، އެމްޑީޕީން އިދާރީ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރާކަމަށެވެ. އެހެންކަމުން ގައުމީ މަޖިލީހުގެ ގޮނޑިއަކާއި ގުޅުވައި ވާހަކަ ދެއްކުމަށް ވުރެ، ކުރިމަގުގައި ރައްޔިތުންނަށް ޓަކައި ގެނެސްދޭނެ ހެޔޮ ބަދަލަކަށް ވިސްނުން މާ މުހިންމުކަމަށް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގެ އެޑްމިނިސްޓްރޭޓިވް ކަންކަން ހިންގުމަކީ ގައުމަށް މި ގެންނަންޖެހޭ ބޮޑު ބަދަލާ ބަލާއިރު ވަރަށް ކުޑަ ކަމެއް. އަޅުގަނޑުމެންގެ ވާދަވެރިންނަށް މި ބަދަލުތަކުގެ ފުންމިނެއް ނުވިސްނޭ
އަމީރު ވިދާޅުވީ، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ރާއްޖެ މިހާރު އޮތް ހާލަތުން ސަލާމަތްކުރެވޭނީ އެމްޑީޕީގެ ވިޝަން އޮތް ލީޑަޝިޕަކަށް ކަމަށެވެ. އެއީ ރައީސް ނަޝީދާއި، ފައްޔާޒް އެކުގައި ކުރާ މަސައްކަތުން ނެރެވޭނެ ނަތީޖާއެއްކަމަށް އަމީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުން ބޭނުންވާ ވެރިކަމެއް އަދިވެސް ކުރެވޭނީ އެމްޑީޕީއަށް ކަމަށާއި، އޭނާ ގަބޫލު ކުރާ ގޮތުން ރާއްޖޭގައި އެކަން ކުރެވޭނެ ލީޑަރުންގެ ގޮތުގައި ތިބީ ރައީސް ނަޝީދާއި ފައްޔާޒު ކަމަށެވެ.

