ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން ކުރީގެ ކާނަލް އަޙުމަދު ފަޔާޟް އަލީ ރިޟާ (ޕާޕާ) އާ ދެކޮޅަށް ކުރި އަބުރުގެ ދައުވާ ސިވިލް ކޯޓުން ބާތިލްކޮށްފިއެވެ.
ސިވިލް ކޯޓުގެ ގަޟިއްޔާއިން ހާމަވާ ގޮތުގައި، މި މައްސަލައަކީ 6 މޭ 2025 ގައި ބޭއްވި ޖަލްސާއެއްގައި އަޙުމަދު ފަޔާޒް ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ނ. މަނަދޫ، ނޫރީގެ، އަހުމަދު ސިޔާމްގެ އަބުރަށް އުނިކަން ލިބިފައިވާ ކަމަށް ބުނެ، އޭގެ ބަދަލު ހޯދުމަށް ސިޔާމްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
ނަމަވެސް، 1 ޖޫން 2026 ގައި ބޭއްވުމަށް ތާވަލުކުރި އަޑުއެހުމަށް ސިޔާމް ނުވަތަ އޭނާގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލަކު ވެސް ހާޒިރުވެފައެއް ނުވެއެވެ. މިކަމާ ގުޅިގެން، ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 20 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ގާޒީ ވަނީ 1 ޖުލައި 2026 ގައި މި ދައުވާ ފޯމު ބާތިލްކޮށް، މައްސަލަ ނިންމަވާފައެވެ. މި މައްސަލަ ކޯޓުން ބޭރުކޮށްލީ މައުޟޫއީ ގޮތުން ގޮތެއް ނުނިންމާ، އިޖުރާއީ ގޮތުން ދައުވާކުރާ ފަރާތުން އިޙުމާލުވުމުގެ ސަބަބުންނެވެ.
2015 ވަނަ އަހަރު ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅިގެން ދައުލަތުން ދެ ދައުވާއެއް އުފުލައި ޕާޕާ ޖަލަށްލި ނަމަވެސް، އޭނާގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން ހައި ކޯޓުން ވަނީ އެ ދެ ހުކުމަކީ ވެސް ބާތިލު ދެ ހުކުމް ކަމަށް ކަނޑައަޅައިފައެވެ. މިހާރު އޭނާއަކީ ޕީއެންއެފްގައި ރައީސް ޔާމީންގެ އަރިހުގައި އެންމެ އިސްކޮށް ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ އެކަކެވެ.
ފަހުން ހިނގައިދިޔަ މައްސަލައަށް ބަލާލާއިރު، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އަބުރާބެހުމަކީ މީހެއްގެ ޤަދަރާއި، ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ދެއްކުން ނުވަތަ ލިޔުމެއް އާންމުކުރުމެވެ. މިފަދަ ކުށެއް ސާބިތުވެއްޖެނަމަ، އަދަބެއްގެ ގޮތުން 1 އަހަރަށް ވުރެ ކުރު މުއްދަތެއްގެ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ 3,000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އެހެންނަމަވެސް، ގާނޫނުލްއުގޫބާތުގެ 151 ވަނަ މާއްދާގައި ބުނާގޮތުން، އާންމު މަސްލަޙަތާ ގުޅުންހުރި ކަމެއްގައި މީހަކު ކުރި ކަމެއްގެ ތެދު މައުލޫމާތު ހާމަކުރުމަކީ އަބުރާބެހުން ކަމަކަށް ނުބެލެވޭނެއެވެ.

