ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ފަރުވާ ލިބުނަސް، ހާލަތަށް ބަލައި އާސަންދައިން ބަލި މީހުން ބޭރަށް ފޮނުވޭ ގޮތް ހަމަޖައްސައިފި

އާސަންދަ އޮފީސް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންސްޕާގެ ދަށުން ބަލި މީހުންނަށް ދެމުންދިޔަ ގިނަ ހިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކޮށްފައިވާއިރު، ”ހުސްނުވާ އާސަންދަ“ ސްކީމް ހިންގުމުގެ ގަވައިދަށް ގެނައި ހަތަރުވަނަ އިސްލާހުގެ ދަށުން ރާއްޖޭން ބޭރަށް ބަލިމީހުން ރިފަރކުރުމާއި ފަރުވާއާ ގުޅޭ މުހިންމު ބަދަލުތަކެއް ސަރުކާރުން ވަނީ ތަންފީޒުކުރަން ފަށާފައެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިސްލާހުގެ ދަށުން، އާސަންދައިގެ ދަށުން ރާއްޖޭން ލިބެން ނެތް ފަރުވާތަކަށް ބޭރަށް ފޮނުވުމުގެ އިތުރުން، ބަލީގެ ބާވަތަށާއި ބަލިމީހާގެ ހާލަތަށް ރިއާޔަތްކޮށް ރާއްޖޭގައި ފަރުވާ ލިބެން ހުރި ނަމަވެސް ބޭރަށް ރިފަރ ކުރެވޭނެ އުސޫލުތައް ވަނީ ތައާރަފްކޮށްފައެވެ.

މި އިސްލާހުގެ ދަށުން ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އަށް ގެނައި ބަދަލާއެކު، ރާއްޖޭން ބޭރަށް ބަލިމީހުން ރިފަރކުރެވޭނެ ތިން ހާލަތެއް ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ސްކީމުން ހުއްދަކުރާ ރާއްޖޭން ލިބެން ނެތް ހިދުމަތްތަކަށް ރިފަރކުރުމާއި، ސްކީމުގައި ރަޖިސްޓަރީވެފައިވާ މަރުކަޒެއްގައި ދެވޭ ހިދުމަތްތަކުގެ ތެރެއިން އެމްޕެނަލް ކުރެވިފައި ނުވާ ހިދުމަތެއް ހޯދުމަށް ފޮނުވުން ހިމެނެއެވެ. މީގެ އިތުރުން ބަލީގެ ބާވަތާއި، ބަލިމީހާގެ ހާލަތާއި، ރާއްޖޭގައި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި ފަރުވާ ލިބެން ހުރި ނަމަވެސް ބޭރަށް ރިފަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ގަވާއިދަށް އަލަށް އިތުރުކުރެވުނު 13 ވަނަ މާއްދާގެ (ރ) ގެ ދަށުން، ދެވޭނެ އިތުރު ފަރުވާއެއް ނެތްކަމަށް ހާއްސަ ޑޮކްޓަރުން ލަފާދިނުމުން އެނބުރި ރާއްޖެ އައުމަށް ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީތެރިކަން ވެސް އާސަންދައިން ފޯރުކޮށްދޭނެއެވެ. ރިފަރކުރުމުގެ ހުއްދަ ދިނުމާ ގުޅޭ 14 ވަނަ މާއްދާއަށް ގެނައި ބަދަލާއެކު، މި ހުއްދަ ދެވޭނީ އާސަންދަ ސްކީމްގެ ދަށުން ރަޖިސްޓަރީވެފައިވާ ޚިދުމަތްދޭ ތަންތަނުގައި ތިއްބަވާ އެ ބައްޔެއްގެ ހާއްސަ ޑޮކްޓަރުންނަށެވެ. ނަމަވެސް ބަލިމީހާ ހުރި ރަށެއްގައި ނުވަތަ އަތޮޅެއްގައި އެ ބައްޔެއްގެ ހާއްސަ ޑޮކްޓަރެއް ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، އާސަންދަ ކުންފުނިން ހުއްދަދޭ ޑޮކްޓަރަކަށް ރިފަރކުރުމުގެ ހުއްދަ ދިނުމުގެ ބާރު ވަނީ ދީފައެވެ.

ހަމައެއާއެކު، މީގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މެޑިކަލް ވެލްފެއަރ ސްކީމްގެ ދަށުން ދެމުންދިޔަ 16 މުހިންމު ހިދުމަތެއް މިހާރު ވަނީ އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ ތެރޭގައި ތިރީގައިވާ ހިދުމަތްތައް ހިމެނެއެވެ.

  • ގޯޗާ ޑިޒީޒް ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ބޭސް ހޯދައިދިނުމާއި ފޯރުކޮށްދިނުން.
  • ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ މުހިންމު ބޭސްތައް ފޯރުކޮށްދިނުން.
  • ރާއްޖެއިން ލިބެންނެތް ނުވަތަ ހުއްދަކުރެވިފައިވާ ބޭހުގެ ލިސްޓުގައި ނުހިމެނޭ، ދިގު މުއްދަތަކަށް ބޭނުންކުރަންޖެހޭ ބޭސްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ރާއްޖެއިން ލިބެންނެތް، ދިގު މުއްދަތަށް ބޭނުންކުރާ ބޭސްތަކާއި އާންމު މުހިންމު ބޭސްތައް ހޯދުމަށް މާލީ އެހީތެރިކަން ދިނުން.
  • އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ އިތުރު ޓިކެޓް ހަމަޖައްސައިދިނުން.
  • ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ސަރުކާރު ހޮސްޕިޓަލްތަކުން ނުވަތަ އާސަންދައިން ކަވަރުނުކުރާ މެޑިކަލް ޓެސްޓުތަކާއި އިންވެސްޓިގޭޝަންތަކަށް މާލީ އެހީތެރިކަން ދިނުން.
  • ފަރުވާއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އަދި އެކި ބާވަތުގެ އެހީތެރިކަންދޭ އާލާތްތަކާއި މެޝިނަރީޒް ހޯދުމަށް މާލީ އެހީތެރިކަން ދިނުން.
  • އިތުރު ފަރުވާއެއް ދެވެން ނެތްކަމަށް ސްޕެޝަލިސްޓް ޑޮކްޓަރުން ލަފާދެއްވާ ހާލަތްތަކުގައި ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު، އެނބުރި ރާއްޖެއަށް ނުވަތަ ރަށަށް ދިއުމަށް (ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން) އެހީތެރިކަން ފޯރުކޮށްދިނުން.
  • ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓަށްފަހު ކުރަންޖެހޭ ފޮލޯ-އަޕް ފަރުވާތައް ހަމަޖައްސައިދިނުން.
  • އަމިއްލަ ޚަރަދުގައި ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމުގެ (މެޑިކަލް ރިފަރަލް) ކަންކަން.
  • ރާއްޖެއިން ބޭރުން ފަރުވާ ހޯދާއިރު ހޮސްޕިޓަލް ބަދަލުކުރުމާއި ފަރުވާއަށް އިއުތިރާޒެއް ނެތްކަމުގެ ހުއްދަ ހޯދުމުގެ އުސޫލުތައް.
  • މޭރަނާ ސްކީމްގައި ރަޖިސްޓަރީވެފައިވާ ދިވެހިންނަށް ދިމާވާ ޞިއްޙީ ކުއްލި ޙާލަތްތަކުގައި ލިބޭ ކަވަރޭޖް އިތުރުކުރުން.
  • ރަށްރަށުގެ ޑޮކްޓަރުން ޚާއްޞަ ޑޮކްޓަރުންނަށް ނުވުމުގެ ސަބަބުން ދެވަނަ ލަފައެއް ހޯދުމަށް އެދޭއިރު ބަލިމީހާއަށް ދިމާވާ ދަތިތަކަށް އެހީތެރިވުމާއި، މާލެއިން ފަރުވާ ލިބެން ހުރި ނަމަވެސް ރަށުން ނުލިބޭ ފަރުވާތަކަށް ރިފަރަލް ރިޖެކްޓްކުރާ މައްސަލަ ޙައްލުކުރުން.
  • ވެލްފެއަރ ސްކީމްގެ ދަށުން ބޭރަށް ފޮނުވާ ފަރާތްތަކުގެ ލިމިޓް ރިވިއުކޮށް، ކޮމިޓީގެ ނިންމުމާއެކު ލިމިޓް އިތުރުކޮށްދިނުން ނުވަތަ އިތުރު މާލީ އެހީތެރިކަން ދިނުން.

ސަރުކާރުގެ މި ހުރިހާ ބަދަލުތަކަކީ އާސަންދަ ސްކީމްގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، އެހީތެރިކަން އެންމެ ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ. އެގޮތުން 2025 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން، މަތީ އާމްދަނީ ލިބޭ ފަރާތްތަކުން ކޯ-ޕޭމަންޓް ދައްކަން ޖެހޭގޮތަށް ހަމަޖެއްސި ނަމަވެސް، ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތައް ވަނީ މި ހަރަދުތަކުން އިސްތިސްނާކޮށްފައެވެ. އަދި 2026 ޖެނުއަރީ 1 އިން ފެށިގެން ނަފްސާނީ ބަލިތަކުގެ ހުރިހާ ފަރުވާއެއް އާސަންދައިން ފުރިހަމައަށް ކަވަރުކުރާގޮތަށް ހަމަޖެއްސުމާއި، އަމިއްލަ އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އާސަންދަ ބޭނުންކުރެވޭ ގޮތަށް އަލުން ހަމަޖެއްސުމަކީ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތުގެ ބައެކެވެ. މި އައު އިސްލާޙުތަކާއެކު އާސަންދަ ސްކީމްގެ ދަށުން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާވެ، ބަލިމީހުންނަށް ދެވޭ އެހީތެރިކަން ވަނީ އިތުރަށް ހަރުދަނާވެގެން ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: