ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީގެ ތަހުގީގަށް ، ހައިލަމްގެ ސުވާލު: މިއީ އަމީން މަގާމުން ދުރުކުނަރަން ކުރާ ކަމެއްބާ؟

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާވައިރަސް އަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ބިދޭސީ ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބު ކަމަށް ބެލެވޭ އިޓަލީގެ ފަތުރުވެރިޔާގެ ހާލަތު ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ނޭންގީ ކީއްވެގެންތޯ ބަލައި، އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ފުލުހުންގެ މައްޗަށް އަމުރު ކުރެެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަގާމުން ދުރުކުރާނެ އެހެން ގޮތެއް އެމްޑީޕީއާއި އެ ފިކުރަށް ތާއިދު ކުރާ ބޭފުޅުންނަށް އެހެން ގޮތެއް ނުވިސްނިގެންތޯ ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސުވާލުތަކެއް ކުރިމަތި ލުރައްވައިފިއެވެ. 

ހައިލަމް މިފަދަ ގޮތަކަށް ސުވާލުތަކެއް ކުރިމަތި ކުރައްވާފައިވާއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގް ވިލިފުށީ ދާއޮރާގެ މެމްބަރު ހަސަން އަފީފް ވަނީ ކޮރޯނާ ވައިރަސްއަށް ސްކޭން ކުރުމަށްޓަކައި ރާއްޖެއަށް ގެނެވުނު ކެމެރާތައް ގެނައުމުގައި މިނިސްޓަރ އަމީން އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. 

މީ މިގޮތަށް ހެލްތު މިނިސްޓަރ އަމީނާއި މެދު އަފީފް ކުރެއްވި ދެވަނަ ތުހުމަތެވެ. މީގެ ކުރިން މިމަހުގެ 4 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އަމީންގެ މައްޗަށް ތުހުމަތު ތަކެއް ކުރައްވާ، އަފީފް ވިދާޅުވީ ކޮވިޑް19 އަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކަށް ދިމާވެފައިވާ ހަމައެކަނި ދައްޗަކީ ހެލްތު މިނިސްޓަރު އަމީން ސަރުކާރަށް ކުރާ ޖެއްސުން ކަމަށެވެ.

ސަރުކާރުން ވަމުންދާ ތައްޔާރީގައި ދަތި ކަމެއް އަންނަނީ ހަމައެކަނި ހެލްތު މިނިސްޓްރީން އަންނަ ދަތި ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމަށް ވަޑައިގެން ހުންނެވި އަމީން ސަރުކާރަށް ޖެއްސުން ކުރަމުން ދާތީ ދިމާވާ ދަތި ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ.

މިފަދަ ގޮތަކަށް އަފީފް ވާހަކަ ދައްކަވާފައި ވަނިކޮށް ޕީޖީ ޝަމީމް ފުލުހުންގެ މައްޗަށް ކުރެއްވި ތަހުގީގު އަމުރާއި ގުޅޭ ގޮތުން ހައިލަމް އޭނާގެ ބްލޮގްގައި ވަނީ ގާނޫނީ ނަޒަރަކުން އެ ތަހުގީގު ކުރަން ޖެހޭނެ ގޮތްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ ތަހުގީގެއް ރާއްޖޭގައި ކުރާނަމަ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެދާނެ ގެއްލުމުގެ މައްޗަށް ވެސް ހައިލަމް ވަނީ އަލިއަޅުއްވާލައްވާފައެވެ. 

އެގޮތުން ހައިލަމް ވިދާޅުވި ގޮތުގައި ޖިނާއީ ކުށެއް ހިނގައިފިނަމަ އެއްވެސް ފަރާތެއްގެ ޝަކުވާއެއް ނެތަސް ޕްރޮސިކިއުޓަރ ޖެނެރަލަށް އެކަހަލަ މަޢުލޫމާތެއް ލިބިގެން ޖިނާއީ ތަޙްޤީޤެއް ހިންގުމަށް އަމުރުކުރުމުގެ ބާރަކީ ދުސްތޫރީ ގޮތުންނާއި ކަމާބެހޭ ޤާނޫނުތަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދީފައި އޮންނަ ބާރެކެވެ. ނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލް ކޮވިޑް 19 އާ ގުޅުވައިގެން މިކުރެއްވި އަމުރާމެދު އެކޮޅުމިކޮޅު ބަލައި ފިކުރު ހިންގާލުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ހައިލަމް ވަނީ ފާހަގަ ކުރައްވާފައެވެ. 

ހައިލަމް ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ ހާދިސާއެއްގައި ވެސް އަދި ކޮންމެ ކަމެއްގެ ތެރޭގައި ވިޔަސް ޖިނާއީ ޢަމަލެއް ހިނގާފާނެއެވެ. ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުނުކަމަށް ރަސްމީ އިދާރާތަކުން މަޢުލޫމާތު ލިބެމުން އަންނަނީ ކުރެއްދޫ ރިޒޯޓަށް އައި އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ކިބައިން ކަން ހައިލަމް ވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން އެރިޒޯޓުގެ ޑޮކްޓަރަށް އެބަލި ޖެހިފައިވަނީ އެފަތުރުވެރިޔާގެ ކިބައިންކަމަށް ރަސްމީ އިދާރާތަކަށް ބެލެވިފައިވާކަން ހައިލަމް ވަނީ ފާހަގަ ކުރައްވާފައެވެ.  ނަމަވެސް އިޓަލީ ވިލާތުގެ އެ ފަތުރުވެރިޔާއަށް ކޮވިޑް 19 ޖެހިފައިވާކަން އެނގިފައިވަނީ އިޓަލީވިލާތަށް އޭނާ އެނބުރި ދިޔަ ފަހުން އެޤައުމުން ކުރި ޓެސްޓަކުން ކަމަށް ވެސް ހައިލަމް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން މިފަދަ ތަހުގީގެއް ބައްޓަން ކުރަން ޖެހޭނެ ގޮތުގެ މައްޗަށް ހައިލަމް ވަނީ އަލިއަޅުއްވާލައްވާފައެވެ. 

ހައިލަމް ވިދާޅުވި ގޮތުގައި އިޓަލީ ވިލާތުން އައި ފަތުރުވެރިޔާގެ ކިބައިން އެވައިރަސް ރާއްޖެއަށް ފޯރިކަމަށް ބަލާނަމަ، އޭނާ ފުރަތަމަ ރާއްޖެ އެތެރެވީއިރުވެސް އޭނާއަކީ އެވައިރަސް ޖެހިފައިވާމީހަކަށްވާނެއެވެ. އެހެންނަމަވެސް އެއްވެސް ޓެސްޓަކުން އޭރު އެކަން ޔަޤީންވެފައިނުވާއިރު އޭނާ ރާއްޖެ އެތެރެވުމާއި ބޭރުވުމުގައި އެނގިހުރެގެން އެއްވެސް މީހަކު ރާއްޖޭގައި ވައިރަހެއް ފެތުރުމުގެ މަޤުޞަދުގައި ކަމެއް ކޮށްފައިނުވާކަން ޔަޤީންނުވޭތޯ ވިދާޅުވެ ހައިލަމް ސުވާލު އުފެއްދެވިއެވެ. އަދި އޭނާއަށް އެވައިރަސް ޖެހިފައިވާކަން އޭނާއަށް ވެސް ޔަޤީންވެފައިވަނީ އިޓަލީ ވިލާތަށް ދިޔަ ފަހުން ނޫންތޯއެވެ؟ ވިދާޅުވެ ހައިލަމް ވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. 

އިޓަލީ ވިލާތުން އައި ބޭރު މީހާއާއި އެމީހާއާ ބައްދަލުވީ މީހުން ޒިޔާރަތް ކޮށްފައިނުވާ އެހެން ޓޫރިސްޓު ރިޒޯޓުތަކާއި ފަތުރުވެރިން ގޮސް އުޅޭ ރަށްތަކުން ވެސް މިބައްޔަށް ތުހުމަތުކުރެވޭ މީހުން ދަނީ ފެންނަމުންދާކަން ހައިލަމް ފާހަގަ ކުރެއްވިއެވެ.  އެމީހުން ދަނީ ޓެސްޓްކުރެވެމުންނެވެ. ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އެފަރާތްތައް ރާއްޖެ އެތެރެވީއިރު އެއިން މީހަކަށް ވެސް އަދި އެހެން މީހަކަށް ވެސް އެއިން ފަރާތެއްގެ ކިބައިގައި އެވައިރަސް ހުރި ކަމެއް ނޭނގޭނެކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. ސަބަބަކީ އެވައިރަހަށް ޓެސްޓް އެކުރެވެނީ މިހާރުއެވެ. މީގެއިތުރުން ކޮންމެ ފަތުރުވެރިޔަކު ޓެސްޓް ނުކުރަނީ ކީއްވެތޯއާއި އެކަން ނުކުރުމުން އެކަމުގައި އުޅުނުހާ ބަޔަކު މިކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭނެކަމަށް ބަޔަކު ސުވާލު އުފައްދަފާނެތީ އެކަމަށް ވެސް ހައިލަމް ވަނީ އަލިއަޅުއްވާލައްވާފައެވެ. 

ހައިލަމް ވިދާޅުވި ގޮތުގައި މިކަން ފެށިގެން އައި އެންމެ އިނީޝަލް ސްޓޭޖްގައި މިކަން ހިނގާނީ ކިހާ މިންވަރަކަށްކަމީ ޢާންމު ފަރާތަކަށް ވިސްނައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ބަލިޖެހިފައިވާ މީހުން ދެނެގަތުމަކީ ބަލިޖެހިފައިވާ މީހާއަށް ވެސް ކުރެވޭނެ ކަމެއް ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ އަލާމަތްތަކެއް ފެނުމުން ނޫނީ އެއްވެސް މީހަކު މިބާވަތުގެ ކަންކަމަށް ޓެސްޓް ނުކުރާނެއިރު، ކޮރޯނާ ވައިރަސް ޖެހިގެން ފެންނަ ޢަލާމަތްތަކަކީ އެހެން އެއްވެސް ބައްޔަކުން ނުފެންނަ ފަދަ ތަފާތު އަލާމާތްތަކެއް ނޫންކަން ވެސް ހައިލަމް ފާހަގަ ކުރެއްވިއެެވެ.

ހައިލަމް ވިދާޅުވި ގޮތުގައި  އެނގޭ އެއްޗަކީ ކޮރޯނާޖެހުމުން ނޭވާލުމުގެ ނިޒާމަށް ކުރިމަތިވާ ދަތިތަކާއެކު، ފަރުވާކުރުން އިޚްތިޔާރުކުރުމަކާ ނުލައި، ފުރާނަ އަތްމައްޗަށް ލައިގެން، އިޓަލީވިލާތަށް ދިއުމަށް އިޓަލީވިލާތުގެ ރައްޔިތަކު ވެސް ނިންމުމަކީ އޭނާ ބުއްދި ސަލާމަތުން ހުރެ ކުރާނެ ކަމެއް ނޫންކަމެވެ. ސަބަބަކީ އިޓަލީގައި މިކަމަށް ދޭ ޚާއްޞަ ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާތީއެވެ. 

ހައިލަމް ފާހަގަ ކުރެއްވި ގޮތުގައި  ތަޙްޤީޤުކޮށް ސުވާލުވެސް ކުރެވިދާނެއެވެ. އެގޮތުން ހައިލަމް ގަބޫލު ކުރައްވާ ގޮތުގައި ފުރަތަމައަށް ސުވާލުކުރެވެންޖެހެނީ އިޓަލީ ވިލާތުން އައި ފަތުރުވެރިޔާއާއެވެ. އޭނާ ރާއްޖެއަށް އެތެރެވެ ރާއްޖޭގައި އުޅެފައިވާތީ، އެއުޅުނު ދުވަސްތަކަށް އޭނާކުރި ޢަމަލުތަކުގެ މައްޗަށް ރާއްޖޭގެ ޤާނޫނީ އިޚްތިޞާޞް ހިނގާނެއެވެ. އޭނާ ރާއްޖެއަށް އައި ޤައުމެއް ހޯދާ އެޤައުމެއްގެ އިމިގްރޭޝަން އޮފިޝަލުންނާ ސުވާލުކުރަންވާނެކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ އޭނާ ޓެސްޓްނުކޮށް މިތަނަށް ފޮނުވީ ކީއްވެތޯ އަހަންވާނެ ކަމަށާއި އަދި ޖިނާއީ ކުށެއްގެ ގެއްލުމެއް ލިބުނީ ދިވެހިރާއްޖޭގައި ކަމަށްވާނަމަ އެކުށަކަށް ރާއްޖޭގެ އިޚްތިޞާޞް ހިނގާނެކަމީ ޤާނޫނުލްޢުޤޫބާތުގެ 13 ވަނަ މާއްދާއިން އެނގޭ ކަމެއްކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. 

މީގެއިތުރުން  އޭނާ ރާއްޖެ އެތެރެކުރި އެއާރލައިންގެ މީހުންނާ ވެސް މިކަމުގައި ސުވާލުކުރަންވާނެކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. އެއީ ދިވެހިރާއްޖެއިން އޭނާގެ ޕާސްޕޯޓުގައި ތައްގަނޑު ޖެހި އިމިގްރޭޝަން އޮފިޝަލާ ހަމަޔަށް އައުމުގެ ކުރިން ކުރަންޖެހޭ ކަންތަކެވެ. އޭގެ ފަހުގައި އެއަރޕޯޓްގައި ހުރި ސްކްރީން މެޝިނާ އެދުވަހު ހަވާލުވެގެން ހުރި ބޭފުޅަކާ މިއެންމެނާ ސުވާލުކޮށް ބަޔާން ނަގަންވާނެއެވެ. އެއީ އިޓަލީ މީހާގެ ބައެވެ. ވައިރަހަށް ޕޮޒިޓިވްވި ނުވަތަ ޝައްކުކުރެވުނު އެހެން ފަރާތްތައް ހިމެނުނު ރިޒޯޓުތަކަށް އެރި ފަތުރުވެރިންނާ އެމީހުން އައި ޤައުމުތަކުގެ އިމިގްރޭޝަން އޮފިޝަލުންނާ އެއަރލައިންތަކުގެ މުވައްޒަފުންނާއި އެދުވަހެއްގައި ރާއްޖޭގެ އިމިގްރޭޝަންއާއި ކަސްޓަމްސްގައި މަސައްކަތްކުރި މުވައްޒަފުންގެ ބައި ވެސް އަދި ކުރިޔަށް އޮތީއެވެ.

ހައިލަމް ދެކެވަދައިގަންވާ ގޮތުން ބަލީގެ އަސަރު ފެނުނު ހުރިހާ ރިޒޯޓުތަކާއި މާލޭން ޝައްކުކުރެވުނު މީހުންނާއި އެމީހުންގެ ބައިތައް ވެސް އަދި އޮތީއެވެ. ތަޙްޤީޤުކުރުމަށް އަމުރުކުރެވިދާނެއެވެ. ތަޙްޤީޤުކޮށް ބަޔާން ނެގިދާނެއެވެ. އެކަމަކު ޤުދުރަތީ މުސީބާތްތަކަކީ ޤުދުރަތީ މުސީބާތްތައްކަން ވެސް ދަންނަންވާނެއެވެ. ހައިލަމް ވިދާޅުވި ގޮތުގައި މާ ހަރުކަށި ފިޔަވަޅުތަކެއް އަޅާ ރާއްޖެއަށް ފަތުވެރިން އައުން ވީހާ ބޮޑަކަށް ހަރުކަށިކުރިނަމަ އޭގެ ނަތީޖާއަކަށްވާނީ ވެސް ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބުމެވެ. ދިވެހިން ބަނޑަށް ޖެހުމަކީ ވެސް ވަރަށް ކައިރީގައި އޮންނާނެ ކަމެކެވެ. އެކަން އެމަގަށް ހިނގި ނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވާނީ ތަޙްޤީޤެއް ކުރައްވާށެވެ. އޭރަށް ބުނާނީ އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ފިޔަވަޅުއެޅުމުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިގެން ދިވެހިން ބަނޑަށް ޖެހުމުގައި އެކަން ކުރި ބަޔަކު ޖިނާއީ ކުށެއްކޮށްފިކަމަށް ބެލެވޭ ކަމަށް ހައިލަމް ވިދާޅުވިއެވެ.

އެހެން ކަމުން ކޮންމެ ޠަބީޢީ ކާރިސާއަކާ ގުޅިގެން ވެސް ޖިނާއީ ނަޒަރަކުން ވިސްނައިގެން މިކަހަލަ އަމުރުތައް ނެރެން އުޅެފިނަމަ ނެރެވޭނެ ގްރައުންޑްތައް ވިސްނިދާނެކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. އެހެންވީމާ،ސުނާމީ އެރިއިރު ފަސޭހައިން ގިރާ ކުދި ރަށްތަކުގައި މީހުން ދިރިއުޅޭގޮތަށް އިންތިޒާމުތައް ހަމަޖައްސާފައި އޮތަތީ، އޭރުގެ ސަރުކާރު ހިންގުމާ ހަވާލުވެ ތިބިހާ ބަޔެއްގެ މައްޗަށް ޖިނާއީ ތަހްގީގު ހިންގުމަށް ވެސް އަމުރުކުރަންވީއެވެ. ނަމަވެސް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި އިޓަލީ މީހާގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީ އަމުރު ކުރެއްވީ މިނިސްޓަރ އަމީން މަގާމުން ދުރުކުރަން އެމްޑީޕީއަށް އެހެން ގޮތެއް ނުފެނުމުން ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ. ހައިލަމްގެ މި ސުވާލަށް ޖަވާބް ލިބިގެންދާނީ ޕީޖީގެ އަމުރަށް ފުލުހުން ކުރާ ތަހުގީގު ނިމުންނެނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: