ދެކުނުގެ ކާމިޔާބީއާއެކު އިތުރުގެ 4 އަތޮޅު ވައިގެ މަގުން ގުޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.
ސަންގަށް މައުލޫމާތު ދެއްވަމުން އިޔާސް ވިދާޅުވީ، ދެކުނު ކަނެކްޓިވިޓީ މަޝްރޫގެ ދަށުން މިއަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ދަތުރުތައް ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ދަތުރު ތަކުގައި ބޭނުންކުރަނީ 15 ގޮނޑީގެ ޓްވިންއޮޓާ މަރުކާގެ ބޯޓުތައް ކަމަށާއި، ކޮންމެ ދުވަހަކު ގަމުން ފުވައްމުލަކަށް އަދި ފުވައްމުލަކުން ކޫއްޑޫ ނުވަތަ ކާޑެއްދޫއަށް ދުތުރުތައް ކުރާ ކަމަށެވެ.
އިޔާސް ވިދާޅުވީ ގަމަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރާ ސްރީލަންކަން އެއާލައިންސްގެ ޕްލައިޓްތަކާއި ގުޅުވައިގެން ބައެއް ދުވަހު ދެ ދަތުރުވެސް ބާއްވާ ކަމަށެވެ.
މިކަމާ ގުޅިގެން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އިޔާސް ވިދާޅުވީ މިހާތަނަށް 2900 އަށްވުރެ ގިނަ ފަސިންޖަރުން އެ ހިދުމަތް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިހާރަށް ބަލާއިރު ދަތުރުތައް ކުރިއަށް ދަނީ 70 އިންސައްތައަށް ވުރެ މަތީގެ ލޯޑު ފެކްޓާއެއްގައި ކަމަށާއި އެކަމުން ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރަށް އިޔާސް ވަނީ ދެކުނުގެ ހަތަރު އަތޮޅު ވައިގެމަގުން ގުޅާލުމަށް ފެށި މަޝްރޫޢުގެ ކާމިޔާބީއަށް ބަލައި، އުތުރުގެ 4 އަތޮޅު ވައިގެ މަގުން ގުޅާލުމުގެ އަމަލީ މަސައްކަތް ސަރުކާރާ ގުޅިގެން ފަށާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ރާއްޖޭގެ ދެކުނުން ވައިގެ ދަތުރުފަތުރު ގުޅުވާލުމުގެ މި މަޝްރޫއަކީ، ދެކުނު ސަރަހައްދުގެ އަތޮޅުތަކުގެ ތެރޭގައި ދަތުރުފަތުރު ރަނގަޅުކޮށް ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމެކެވެ. މި ވިއުގައިގެ ސަބަބުން ގއ. އަދި ގދ. އަތޮޅާއި، ފުވައްމުލަކު ސިޓީ ގުޅުވާލެވުމުގެ އިތުރުން ސަރަހައްދުގެ ތެރޭގައި ދަތުރުފަތުރު ވަނީ ފުޅާވެގެންގޮސްފައެވެ.

