މި އަހަރުގެ މާތްވެގެންވާ ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ މި މަހުގެ 5 ވާ ހުކުރު ދުވަހު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ހައްޖުގެ އަޅުކަމަށްފަހު ހައްޖުވެރިން ރާއްޖެ ގެނައުމަށް ޓަކައި ޖުމްލަ ހަތަރު ފްލައިޓެއް ވަނީ ހަމަޖެހިފައެވެ. މި ފްލައިޓްތަކުގެ ތަފްސީލަށް ބަލާއިރު، ފުރަތަމަ ފްލައިޓް މަދީނާއިން ފުރުމަށް ހަމަޖެހިފައިވަނީ ޖޫން 5 ވަނަ ދުވަހުގެ ފަތިހު 3:15 ގައެވެ. މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ އެ ދުވަހުގެ މެންދުރުފަހު 2:00 ގައެވެ.
ދެވަނަ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން 7 ވަނަ ދުވަހުއެވެ. އެ ގްރޫޕް ހެނދުނު 9:40 ގައި މަދީނާއިން ފުރައިގެން ރާއްޖެ އަންނާނީ އެ ދުވަހުގެ ހަވީރު 5:40 ގައެވެ. ތިންވަނަ ފްލައިޓް ޖޫން 8 ގައި ފަތިހު 3:15 ގައި ފުރައިގެން މެންދުރު 2:00 ގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހު ފްލައިޓް ރާއްޖެ އަންނާނީ ޖޫން 9 ވަނަ ދުވަހުގެ ރޭ މެންދަމުގައެވެ.
ކުރިން އިޢުލާންކޮށްފައިވާ ދަތުރުގެ އިންތިޒާމުތަކަށް ބަލާއިރު، ފުރަތަމަ ފްލައިޓުން 242 ހައްޖުވެރިން، ދެވަނަ ފްލައިޓުން 250 ހައްޖުވެރިން، ތިންވަނަ ފްލައިޓުން 243 ހައްޖުވެރިން އަދި ފަހު ފްލައިޓުން 250 ހައްޖުވެރިން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ޖޫން 5 އަދި 8 ގެ ދަތުރުތައް ސައުދީ އެއާލައިންސްއިން ކުރާއިރު، ޖޫން 7 އަދި 9 ގެ ދަތުރުތައް ކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ.
މި އަހަރު ރާއްޖެއަށް ލިބުނު 1,000 ހައްޖު ކޯޓާގެ ދަށުން ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ފުރާފައިވަނީ މެއި 15 އާއި 19 އާ ދެމެދުގައެވެ. މިއަހަރުވެސް ހައްޖުވެރިން ފުރާފައިވަނީ ”މައްކާ ރޫޓް“ އިނީޝިއޭޓިވްގެ ދަށުންނެވެ. މީގެ ސަބަބުން ސައުދީގެ އިމިގްރޭޝަން މަރުހަލާތައް ރާއްޖޭގައި ތިބެގެން ނިންމާލެވުމުން، ސައުދީއަށް އެތެރެވުމުގައި ބޮޑެތި ލުއިތަކެއް ހައްޖުވެރިންނަށް ލިބިގެންދިޔައެވެ.
ސައުދީ އަރަބިއްޔާގައި ހައްޖުވެރިން ތިބި މުއްދަތުގައި، އެމީހުންގެ ހުރުމާއި، ދަތުރުފަތުރާއި، ސިއްހީ ފަރުވާގެ އިތުރުން އެހެނިހެން އެންމެހައި ކަންކަން ބަލަހައްޓަމުން ގެންދިޔައީ މޯލްޑިވްސް ހައްޖު މިޝަނުންނެވެ. އެ ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.

