ހެޑްލައިން ހެއްދެވުމުގެ ބޭނުމުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަދެ، މިނިވަންކަމަށް އަރައިގަތުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ރައީސް ނަޝީދު ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ބަލިކަށި ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު ކަމަށްވާނަމަ، ވަރަށް ފަސޭހައިން ބަލިކުރެވޭނެ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މި ސަރުކާރު ބަދަލުކުރާނެ ކަމަށާއި، ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކޮށް ސަރުކާރާ ދެކޮޅަށް ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރައްވާނެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު ފާހަގަކުރެވެނީ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދޭ ސަރުކާރެއްގެ ގޮތުގައި ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ ހަމައެކަނި ކަންކަން މަނާކޮށް، ”ހެޑްލައިން“ ހެދުމަށް މަސައްކަތްކުރާ ސަރުކާރެއްކަމަށް ސިފަކުރެއްވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސިނގިރޭޓު ނުބޮވޭ ވަރަށް އޭގެ ޑިއުޓީ ބޮޑުކުރުމަށްފަހު، ސަރުކާރުން ދަނީ ޔޫޓާން ނަންގަވަމުންނެވެ. ސަރުކާރުން މި ބަދަލު ގެނައީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިންކަމަށް ބުނި ނަމަވެސް، ރައީސް ނަޝީދު ވިދާޅުވީ މިއީ ކުރިން މަނާކުރި ކަންކަމަށް ލުއިދޭކަން ދެއްކުމަށް ކުރާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ވޭޕް ބޭނުންކުރުން މަނާކޮށް އެތަކެތި ހަމައެކަނި ”ބްލެކް މާކެޓް“ އިން ލިބޭ އެއްޗަކަށް ހަދާފައިވާ ކަމަށާއި، ޝީޝާ މަނާކުރުމަށް ވިސްނުން ގެންގުޅުމާއި، ސްމާޓްފޯން ބޭނުންކުރުން މަދުކުރުމަށް ވަކާލާތު ކުރަމުންދާ ދިއުމަކީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ހައްދެއް ނެތި ވަނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސިނގިރޭޓު ނުބޮވޭ ވަރަށް އަގު ބޮޑު ކުރައްވައިފި، ވޭޕް އަކީ ބްލެކް މާކެޓުގައި އެކަނި ލިބޭ އެއްޗަކަށް ހަދައިފި.. ޝީޝާ މަނާ ކުރަން މަޝްވަރާ ކުރަނީ، ސްމާޓް ފޯނު ބޭނުން ކުރުން މަދު ކުރުމަށް ވަކާލާތު ކުރައްވަނީ.. ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއް.. ހުދޫދެއް ނެތި، ދެން ހައްދަވާ ގޮތަކީ ލުއި ދެއްވާކަމަށް ދައްކަވަން، ކުރިން މަނާކުރެއްވި ކަންކަން ބަދަލު ކުރައްވަނީ..
ސިނގިރޭޓުގެ ޑިއުޓީ ކުޑަ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ބުނީ، އެފަދަ އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާކަމަށް ރައީސް މުއިއްޒު ވިދާޅުވިތާ މަހެއް ނުވަނީހެވެ. އަދި ދުންފަތުގެ ބާވަތްތަކާއި، ވޭޕްއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅަކަށް ވެސް ލުއި ދިނުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

