ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ބޭފުޅަކާއި އެކު ޕާޓީއަށް ކުރިއެރުން ލިބޭނެކަމަށް ހީކުރިން، ރައީސް ނަޝީދު ނުލައި ކުރެވުނީ ހިތްދަތި ތަޖުރިބާއެއް: މޫކޭ

އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ)/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ރަނގަޅު ގޮތެއް ހޯދައިދޭން އައު ލީޑަރުން އުފައްދައި، އައު ސިޔާސަތުތަކަށް ފުރުސަތު ދޭން ޖެހޭކަމަށް ކުރިން ގަބޫލު ކުރިނަމަވެސް އެމްޑީޕީއަށް ހަމަޖެހުން އޮތީ ރައީސް މުހައްމަދު ނަޝީދާއި އެކުގައިކަން މިއަދު ގަބޫލު ކުރާކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

މި މަހުގެ 12 ގައި ބޭއްވުމަށް ހަމަޖެހިފައިވ ޗެއާޕާސަން އިންތިހާބުގައި މޫކޭ ތާއީދު ކުރައްވަނީ ރައީސް ނަޝީދަށެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ، މާޒީގައި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ރައީސް ނަޝީދާ ނުލައި ޕާޓީ ހިންގަން އުޅުމަކީ ގޯސް ނިންމުމެއްކަން މިހާރު ސާފުވެފައިވާ ކަމަށެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މޫކޭ ރައީސް ނަޝީދާއި ދެކޮޅަށް މަސައްކަތް ކުރެއްވިކަމާއި، އެ ދުވަހު އޭނާ ގަބޫލު ކުރި ގަބޫލު ކުރުންތައް ދޫކުރެއްވީ ކީއްވެގެންތޯ ސުވާލު ކުރުމުން މޫކޭ ވިދާޅުވީ
ވިދާޅުވީ، ގައުމުގެ ހާލަތަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެއްކަމަށާއި، އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ބަދަލުވެގެންދިޔަ ގޮތުން ޕާޓީ ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. ޕާޓީގެ ތެރޭގައި އުފެދުނު ދެބައިވުމާއި، އައު ލީޑަރުން އައިސް ޕާޓީ މާ ވަރުގަދަކޮށް ހިންގާނެކަމަށް ކުރެވުނު އުންމީދުތައް ހަގީގަތަކަށް ނުވިކަމަށް މޫކޭ ވިދާޅުވި އެވެ.

އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނުއިރު އޭރު މޫކޭ ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އިންތިހާބު ގެއްލިގެން ދިޔަ ސަބަބަށް މޫކޭ ވިދާޅުވީ ފުރަތަމަ ބުރުގައި އެމްޑީޕީއަށް 40 އިންސައްތަ ވޯޓުވެސް ނުލިބި ބޮޑުތަނުން ބަލިވީ، ޕާޓީގެ އެތެރޭގެ އިންތިޒާމުތައް މުޅިން ފުނޑުފުނޑުވެފައި އޮތުމުން ކަމަށެވެ. ޕާޓީގެ ކެމްޕޭން އެއްގޮތަކަށްވެސް ނުހިނގާކަމަށާއި، ދާއިރާ ރައީސުންގެ އެއްވެސް ބޭނުމެއް ނުހިފޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީން ހެދި އިންކުއަރީން ވެސް ފެންނަން އޮތީ ކުރަންޖެހޭ ބައިވަރު ކަންކަން ނުކުރެވި ހުރުމުގެ ސަބަބުން ވެރިކަން ގެއްލުނު ތަންކަމަށް މޫކޭ ވިދާޅުވިއެވެ.

އެއަށް ފަހު ޖެހިގެން އައި އަހަރު އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް 12 ގޮނޑި ލިބުނުއިރު ޑިމޮކްރެޓްސްއާއި ވާހަކަ ދައްކައިގެން ކުރިޔަށް ދިއުމުގެ ފުރުސަތު ޕާޓީއަށް އޮތްކަމަށް މޫކޭ ވިދާޅުވި އެވެ. ނަމަވެސް އެއްބަސްވުންތަކަށް ނާދެވި، ހުށަހެޅުންތައް ގަބޫލު ނުކުރުމުގެ ސަބަބުން މަދު ވޯޓެއްގެ ފަރަގަކުން އެމްޑީޕީއަށް ގެއްލުނު ގޮނޑިތަކުގެ އަދަދު 20 އަށް އަރާކަމަށް މޫކޭ ވިދާޅުވި އެވެ.

އަޅުގަނޑުމެން އެއިރު ގަބޫލުކޮށްގެން ތިބީ އައު ލީޑަރުން އައިސް ޕާޓީ މާ ވަރުގަދަކޮށް ހިންގާނެ ކަމަށް. އަދި އިހު ތިއްބެވި ބޭފުޅުން އެ ފުރުސަތު ދެއްވާނެކަމަށް. އެކަމަކު އެ ހިސާބުން އަޅުގަނޑުމެންނަށް ކުރެވިފައި ހުރި ތަޖުރިބާ ރަނގަޅެއް ނޫން

މޫކޭ ވަނީ އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރެއްވި މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ. މޫކޭ ވިދާޅުވީ ފައްޔާޒް ޕާޓީގެ ޗެއާގެ މަގާމަށް އަައުމަށް ފަހު ލިބޭނެކަމަށް ބެލެވުނު އެއްބާރުލުން ޕާޓީގެ އެހެން އިސް ބޭފުޅުންގެ ފަރާތުން ނުލިބުނު ކަމަށެވެ. އެހެންވެ އެތައްކަމެއް، ފައްޔާޒްގެ އަމިއްލަ ހަރަދުގައި ކުރެއްވިކަމަށް މޫކޭ ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ، ފައްޔާޒް ޕާޓީއަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރެއްވި ނަމަވެސް، ޕާޓީގެ އިސް ބައެއް ބޭފުޅުންގެ ފަރާތުން އެ އެއްބާރުލުން ނުލިބުނު ކަމަށެވެ. އަދި ޕާޓީ އިދިކޮޅުގައި އޮތްއިރު މާލީ ގޮތުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުގައި ފައްޔާޒް އަމިއްލަ ޒިންމާ ނަންގަވައިގެން ޕާޓީ ހިންގަން މަސައްކަތް އެތައް މަސައްކަތެއް ކުރިކަމަށް ވިދާޅުވި އެވެ. ނަމަވެސް، ޕާޓީގެ ތެރޭގައި ތިބި ބައެއް ބޭފުޅުން ގަސްދުގައި ޕާޓީއަށް ޖެއްސުންކޮށް ދަތިކުރަން އުޅުމުގެ ސަބަބުން ކުރިއަށް ނުދެވުނީކަމަށް ތުހުމަތު ކުރެއްވިއެވެ.

މޫކޭ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ، ”ވެރިކަން ކުރުމުގެ ވަށަފާޅިއެއް ނެތް، ކުޅޭ ކުޅޭ ބޭގަނޑެއް“ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަންކަމަށް ރައީސް ނަޝީދު ގެންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު މަގާމަށް ބޭނުންވަނީ ވެސް، ސަރުކާރުން މީކާއިލް ޗެއާޕާސަނަކަށް ގެނެސް އެމްޑީޕީއަކީ ”ރޫހެއް ނެތް މަރުވެފައިވާ ޕާޓީއެއްގެ“ ގޮތުގައި މަސައްކަތް ކުރާތީކަމަށް ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ، ރިޔާސީ ޕްރައިމަރީ ދުވަސްވަރު ރައީސް ނަޝީދާ ދެކޮޅަށް ދެއްކި ވާހަކަތަކަކީ އޭރުގެ ހާލަތުން ދެއްކުނު ވާހަކަތަކެއް ކަމަށާއި، ނަމަވެސް މިހާރުގެ ތަޖުރިބާ ބުނެދެނީ އެ ވިސްނުން ގޯސް ކަމެވެ. ޕާޓީގެ ރޫހު އަލުން އާލާވެ، ސަރުކާރު ޖަވާބުދާރީ ކުރުވޭނީ ރައީސް ނަޝީދު ޗެއާޕާސަންކަމަށް އިންތިހާބު ކޮށްގެންކަމަށް މޫކޖޭ ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕާޓީއަށް ބޭނުންވާ ތަޖުރިބާއަކީ އެއީކަމަށެވެ.

ރައީސް ނަޝީދަކީ ތަފާތު ސިޔާސީ ލީޑަރެއްކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ ރައީސް ސޯލިހަކީ އަމިއްލައަށް ގުޅުއްވައި އެއްވެސް އިރެއްގައި ކަންކަން ބެއްލެވި ބޭފުޅެއް ނޫންކަމަށެވެ. އަދި ގައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ވެސް ނުކުރާކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައީސް ނަޝީދަކީ އެންމެ ހިޔާލުތަފާތުވެގެން ދިޔަ ވަގުތުވެސް ގުޅުވައި ކަންކަން މަޝްވަރާ ކުރެއްވި ލީޑަރެއްގެ ގޮތުގައި ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: