ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުތަކުން ބޮޑެތި ސިޔާސަތުތައް؛ އެކަމަކު ތަންފީޒު ކުރަން ނުކުޅެދިފައި!

ރައީސް އޮފިސް. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ވަރަށް ވެސް ކުޑަ އާބާދީއެކެވެ. މިއީ ހުރިހާ ގޮތަކުން ބެލިނަމަވެސް ލިބިފައިވާ ވަރަށް ބޮޑު ފައިދާއެކެވެ. އެއީ ސަރުކާރުތަކަށް ހިދުމަތްތައް ދިނުމާއި އަދި އެހެނިހެން ކަންކަން ތަންފީޒުކުރުމަށްވެސް ލިބިފައިވާ ފަސޭހައެކެވެ. އެހެން ގައުމުތަކެކޭ ހިލާފަށް މި ގައުމަކީ އާބާދީ ކުޑަ ގައުމަކަށް ވިޔަސް ހިދުމަތްތައް ދިނުމާއި އަދި ގާނޫނުތައް ތަންފީޒު ކުރުމުގައި އޮތް އެއް ހުރަހަކީ ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތެވެ. އެހެންނަމަވެސް މިއީ ރަނގަޅު ތަންފީޒީ ނިޒާމަކުން ނައްތާލެވިދާނެ ހުރަހެކެވެ.

ހަގީގަތަށް ބަލާއިރު ރާއްޖެއަށް މިދިޔަ ކުރު މާޒީގައި ގެނެސްފައިވާ ބޮޑެތި ބަދަލުތަކަށް ބަލާއިރު ދުންފަތުން މި ގައުމު ސަލާމަތް ކުރުމަށް ވަރަށް ވެސް ރަނގަޅު އަދި މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިއީ ދުނިޔޭގެ އެހެން ގަމުތަކުންނާއި އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް އެކަމަކަށް މަރުހަބާ ކިޔާފައިވާ ބޮޑު ނިންމުމެކެވެ. މީގެ އިތުރަށްވެސް ކުރިން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުން ވަކި ކަންކަން މަނާކޮށްފައިވީއިރު، މި ހުރިހާ ކަމެއް މި ކުޑަ ގައުމުގައި ތަންފީޒު ވޭތޯ މިއީ މިއަދު ކޮންމެ މީހަކުވެސް އުފައްދާ މުހިންމު ސުވާލެކެވެ.

މި ސުވާލުގެ ކުރު ޖަވާބަކީ ސިޔާސަތުތައް ތަންފީޒެއް ނުވެއެވެ. ތަންފީޒުވާނަމަ މިގައުމު މިއަށްވުރެ އަމާންވެސް، ކޮރަޕްޝަން މަދުވެސް އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓި، ދައުލަތާއި ގައުމުވެސް ކުރިއަރައި ދާނެކަން ޔަގީނެވެ.

ދައުލަތަށް ލިބެންޖެހޭ ހަމައެކަނި ޖޫރިމަނާގެ ފައިސާ ހުރީ މިލިއަނުން މަތީގައެވެ. އެހެންނަމަވެސް އެފައިސާ ހޯދޭނެ އެއްވެސް ގޮތެއް ނެތެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ފުލުހުން ހާޒިރުކުރުމުން ޖުރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ވާހަކަ ވަނީ ފާހަގަކޮށްފައެވެ. ދައުލަތަށް ލިބެންޖެހޭ ޖުރީމަނާގެ ފައިސާ އެތައް މިލިއަނަށް އަރާއިރު ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން އެ ފައިސާ ނުދެއްކި ނަމަވެސް ހޯދޭނެ ގޮތެއް ނެތް ކަމަށް އެ ކޮމިޓީއަށް ހާޒިރުވެ ބުނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

ހަމަ އެފަދައިން މިހާރު ގެނެސްފައިވާ ޖެނެރޭޝަނަލް ބޭން އާއި ވޭޕް މަނާކުރުމުގެ ”ބޮޑު ނިންމުމަކީ“ ތައުރީފް ހައްގު ނިންމުމަކަށް ވީނަމަވެސް އެކަން ތަންފީޒު ނުވާނަމަ އެ ”ބޮޑު ނިންމުމަކީ“ ތައުރީފު ހައްގު ކަމަކަށް ނުވާނެއެވެ. މި ނިންމުން ނިންމުމާއެކު ދުންފަތުން ދުރުވީ ކިތައް މީހުންތޯ ބެލުމަށް އެކަށީގެންވާ ސާވޭއެއް ހެދިފައެއް ނުވެއެވެ. އެހެންނަމަވެސް މިފަދަ ތަކެތި ބޭނުންކުރާ މިންވަރު ހުރީ ކިހާ މިންވަރެއްގައި ތޯ ބަލާލުން މުހިންމެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން 03 އޮގަސްޓު 2024 ގައި ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2021-2022 ގައިން ގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމަށް ހެދިފައިވާ ”ސްޓެޕްސާރވޭ“ އިން ދައްކާގޮތުން ފުރާވަރު އުމުރުގެ ކުދިންނާއި ކުޑަކުދިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އުމުރަކީ އުމުރުން އެންމެ 8 އަހަރު ކަމުގައިވުމީ އިންތިހާއަށް ކަންބޮޑުވާން ޖެހޭކަމެއްކަން ވަނީ ފާހަގަކޮށްފައެވެ. 2014 ގައި ރާއްޖޭގައި 13 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންގެ ތެރޭގައި ހެދިފައިވާ ގްލޯބަލް ސްކޫލް ހެލްތު ސާވޭއިން ދައްކާ ގޮތުގައި، 7 އަހަރަށްވުރެ ކުޑައިރުގައި ވެސް ދަރިވަރުން ދުންފަތުގެ އިސްތިއުމާލުކުރަން ފަށާފައި ވެއެވެ.

މި ސާރވޭތަކުން ދައްކާ ގޮތުގައި، 13 އަހަރާއި 17 އަހަރާއި ދެމެދު ކުދިން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު 2009 ގައި %14.7 އިން 2014 ގައި %12.3 އަށް (%2.4 ގެ ކުޑަ އިންސައްތަ އަކުން) ދަށްވެފައި ވުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު ތަންފީޒު ކުރަން ފެށުމުގެ ނަތީޖާއަކަށް ވެދާނެއެވެ. ނަމަވެސް 2019 ގައި ސްކޫލް ކުދިންގެ މެދުގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭ ދައްކާ ގޮތުން، ސިނގިރޭޓް ބޯ ކުދިންގެ ޢަދަދު އެ ސަރވޭގެ 2011 ގެ ނަތީޖާއާ އަޅާ ބަލާއިރު ގާތްގަނޑަކަށް އެއްވަރެއްގައި (%4.3 އިން %4.7 އިތުރުވުމެއް) ދެއްކި ނަމަވެސް 2019 ގެ ހިސާބު ދައްކާގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރާ ކުދިންގެ ޖުމްލަ ނިޞްބަތް ވަނީ %11.2 އިން %45.7 އަށް އިތުރުވެފައެވެ.
މި ތަފާސްހިސާބުން ވެސް ދައްކަނީ ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު އިންތިހާއަށް އިތުރުވިކަމެވެ. އެހެންނަމަވެސް މިއީ ގާނޫނާއި ގަވާދުތައް ނެތިގެން ވީ ކަމެއް ނޫނެވެ. ހަގީގީ މާނައިގައި ތަންފީޒު ނުކުރެވޭތީ ލިބުނު ނަތީޖާއެކެވެ. މިހާރު ވޭޕް ލިބުން ދަތިވުމާއެކު އެ ބޭނުންކުރާ މިންވަރު ދަށްވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ދުންފަތުގެ އަގުބޮޑުކުރުމުން އޭގެ އިސްތިއުމާލު ކުރާ މިންވަރު ދަށްވި ކަމެއް އެނގޭކަށް ނެތެވެ. ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަމުގެ ސާވާއެއް ހަދާފައެއް ނުވެއެވެ. އެޅުނު ފިޔަވަޅުގެ ނަތީޖާ ދައްކާ ގޮތް ބެލުމަކީ ނުހަނު މުހިންމު ކަމަކަށް ވީއިރު، އެކަން ނުކުރެވި އޮތުމަކީ ފެއިލްވުމެއް ކަމަށް ބުނެވިދާނެއެވެ.
ނަތީޖާއެއް ބަދަލުކުރުމަށް ކިތަންމެ ބޮޑު ފިޔަވަޅެއް އެޅި ނަމަވެސް، މިއަދު ރާއްޖޭގެ ކޯޓުތައް ހިނގަންޖެހޭ އެންމެ ބާރު މިނުގައި ނުހިނގާކަން އަންގައިދޭ ހެއްކަކީވެސް ގާނޫނުތައް އޭގެ ޒާތުގައި ތަންފީޒު ނުވުމެވެ. ތަންފީޒީ އިދާރާތައް ފެއިލްވެފައިވާއިރު، މިއަދު މިނިވަން މުސްތަގިއްލު ކޯޓުތައްވެސް އޮތީ މިފަދަ ހާލަތެއްގައެވެ. މިކަމަށް ހައްލެއް ގެންނަނަމަ ކޯޓުތަކުން އިންސާފުވެރި ހުކުމްތައް ކުރަްނ ޖެހެއެވެ. ދައުލަތަށް ފައިސާ ނުދޭ ކަމުގައި ވާނަމަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ދައުލަތް އޮތީ މަޖުބޫރުވާ ހާލަތެއްގައެވެ. އެހެންކަމުން ދައުލަތުން އެފަދަ މީހުންނަށް ހިދުމަތްތައް ދިނުމުގައި ހަރުކަށި އުސޫލުތައް ގެންގުޅެން ޖެހޭ ކަމަށް ދެކެމެވެ. ދުންފަތުން ދުރުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅަކީވެސް ހަރުދަނާ ނިންމުމަކަށް ހަދަން ބޭނުންނަމަ ހިޔާރު ކުރަން ޖެހޭނީ ހަމަ މިފަދަ އުކުޅުތަކެކެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: