ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީ ރަނގަޅު ގޮތުގައި ހިނގާނީ ސަރުކާރުން އެތަން މިނިވަންކޮށްގެން!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ބަދަލުވުމާ އެކު، ދައުލަތުގެ މިނިވަން މުވައްސަސާތަކުން ފާއިތުވި ފަސް އަހަރުގެ ބޮޑެތި އިހުމާލުތަކާއި ކޮރަޕްޝަނުގެ ވާހަކަތައް ތިލަކުރަން ފެށުމަކީ އައުކަމެއް ނޫނެވެ. ވޭތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައި ސަރުކާރުތަކުން ހިތްނުރުހޭ ކޮންމެ ފަހަރަކު ކޮމިޝަނުގެ މެމްބަރުން ވަކިކޮށްފައި އެބަހުއްޓެވެ. އޭގެ ސަބަބުން މެމްބަރުން ވެސް ވަޒީފާގެ ބިރަށް، ގޮނޑީގައި އަމިއްލައަށް ބަނދެވި ތިބެނީ ނުފޫޒެއްގެ ތެރޭގަ އެވެ.

ދާދިފަހުން އޭސީސީއަށް ކޮރަޕްޝަނުގެ މައްސަލަތައް ނުބެލޭކަމަށް ބުނެ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އޭނާގެ ބްލޮގްގައި ދިގު ލިއުމެއް އާންމު ކުރެއްވި އެވެ. ޝަމީމް ލިޔުއްވާފައިވާ ގޮތުން ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، ދައުލަތުގެ ވަސީލަތްތައް ގެއްލެމުންދާއިރު، އޭސީސީގެ މިހާރުގެ ހިންގުމުގެ އޮނިގަނޑު ވަނީ ފެއިލްވެފަ އެވެ. އެހެންކަމުން ނިޒާމަށް ބޮޑު ބަދަލުތަކެއް ގެނައުމަށް ވަކާލާތު ކުރައްވައި، ވިސްނުން ހާމަކުރެއްވި އެވެ.

އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާރުވެސް ކޮމީޝަނުގެ މަރުހަލާގައާއި ޕްރިލިމިނަރީ މަރުހަލާގައި ޖުމްލަ 3,501 މައްސަލަ ނުނިމި އެބައޮތެވެ. ކޮމިޝަނުން މައްސަލަތައް ނިންމާ މިހާރުގެ ސްޕީޑަށް ބަލާއިރު، އައު މައްސަލައެއް ހުށަނޭޅުނު ކަމުގައި ވިޔަސް، މިހާރު ހުރި މައްސަލަތައް އެކަނި ނިންމުމަށްވެސް 11 އަހަރުގެ މުއްދަތެއް ހޭދަވާނެއެވެ. މީގެ އިތުރުން، މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ފޮނުވޭވަރުވީ އެންމެ 8 މައްސަލަކަން ފާހަގަކުރެވެއެވެ.

މި ހާލަތުން އަރައިގަތުމަށް ޝަމީމްގެ ވިސްނުމުގައި ރަނގަޅު ގޮތަކީ 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނުގެ ބަދަލުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ފަދައިން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ އެންމެ ކޮމިޝަނަރަކު ހުންނަ ގޮތަށް އޮނިގަނޑު ބަދަލުކުރުމެވެ. އެގޮތުން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އެމީހެއްގެ 5 އަހަރުގެ ދައުރުގައި ކޮރަޕްޝަން ނައްތާލުމަށް ކުރާނެ މަސައްކަތްތަކުގެ ތަފްސީލީ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ.

ކޮރަޕްޝަނުގެ ވާހަކަ ދައްކާއިރު، ހީނުކުރާ ބޮޑެތި އެތައް މިފަދަ މައްސަލައެއް ހިނގައި ގޮސްފި އެވެ. ނަމަވެސް އޭސީސީ ހޭވެސް އަހާ ނުލައި އޮތް އެއް މައްސަލައަކީ ފެނަކައިގެ ކޮރަޕްޝަނެވެ.

އޭސީސީ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވެ ދައްކާފައިވާ ވާހަކަތަކުން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބޮޑެތި ޖަރީމާތަކެވެ. ނަމަވެސް، މި ވާހަކަތަކަކީ މީގެ ކުރިން މީޑިއާތަކާއި އާންމުން ދައްކަމުން ދިޔަ ވާހަކަތަކެއް ކަމަށްވާއިރު، އެ ދުވަސްވަރު މި މުވައްސަސާތައް ”ގަދަ ނިންޖެއްގައި“ އޮތުމަށްފަހު، ހޭއެރީ އެމްޑީޕީގެ ސަރުކާރު ބަދަލުވުމާއި އެކު އައު ސަރުކާރުގެ ޓްރާންސިޝަން މުއްދަތުގެ ތެރޭގަ އެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ހާމަކުރެއްވި ގޮތުގައި، ފެނަކައިން 60 އަށް ވުރެ ގިނަ މަޝްރޫއު ނުނިންމައި ބަޖެޓު ވަނީ ހުސްކޮށްލާފައެވެ. އަދި ބައެއް ކުރީގެ ވެރިންނަށް ނުހައްގު މުއްސަނދިކަން ލިބިފައިވާ ކަމަށް ތުހުމަތުކޮށް، އެ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ދިރާސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގު މަންފާ ހޯދައިދިނުމާއި، ރިޝްވަތާއި، ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

ނަމަވެސް، އިންތިހާބުތަކާ ދިމާކޮށް ފެނަކައިން ވަޒީފާތައް ބަހައި، އެއްވެސް މަސައްކަތެއް ނެތް އެތައް ސަތޭކަ މުވައްޒަފުންނެއް ނެގި އިރު، އޭސީސީން އެ މަންޒަރު ބަލަން އޮތީ ”ލޯމަރާލައިގެން“ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއެވެ. އޭސީސީން އެކަމުގެ ބަހަނާއަކަށް ދައްކަނީ ގާނޫނީ ބާރުވެރިކަން ނެތުމެވެ. އެހެންނަމަވެސް، އަމިއްލަ އިސްނެގުމަށް މައްސަލަ ބެލުމާއި ކޯޓު އަމުރު ހޯދައިގެން ތަންތަން ބަލައި ފާސްކުރުމުގެ ބާރު އޮތްއިރު، އެ މަގުން މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ މަޖިލީހުގައި ވިދާޅުވީ، ކުންފުނިތަކުގެ ނުފޫޒުގަދަ ވެރިންގެ ސަބަބުން މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ. ބައެއް އިދާރާތަކުން މައުލޫމާތު ހާމަނުކޮށް ހިފެހެއްޓުމާއި، އޮޑިޓަށް ބޭނުންވާ ލިޔެކިއުންތަކަކީ ”ސިއްރު“ އެއްޗެހި ކަމަށް ބުނެ ނުދީ ހުރިކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ބިރުދެއްކުމާއި، އޮޑިޓަރުންނަށް ބޮޑު މުސާރަދީފައި ކުންފުނިތަކުގެ ވަޒީފާއަށް ނެގުމުގެ އަމަލުތައް ހިންގާފައިވާ ކަމަށްވެސް ނިޔާޒީ ތުހުމަތު ކުރެއްވިއެވެ.

ނަމަވެސް، 2021 ވަނަ އަހަރުން ފެށިގެން ހޯދަން އުޅޭ ލިޔުމެއް ނުލިބިގެން މިއަދު ޝަކުވާ ކުރާއިރު، ގާނޫނަށް ތަބާނުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު އޮޑިޓް އޮފީހަށް އޮތްކަން ގިނަ ބަޔަކު ހަނދާންކޮށްދެއެވެ.

އޭސީސީގެ ތަހުގީގުތަކަށް ފަހު ދައުލަތަށް އަނބުރާ ލިބެންޖެހޭ 74 މިލިއަން ރުފިޔާގެ ތެރެއިން، އެ ކޮމިޝަނަށް ހޯދުނީ އެންމެ ދެލައްކަ ރުފިޔާއެވެ. މިއީ އެ ފައިސާ ހޯދުމަށް ކޮމިޝަނުން ކުރި ހަރަދަށްވުރެ ވެސް ކުޑަ މިންވަރެއްކެވެ.

މީގެ އިތުރުން، ހިޔާނާތުގެ ތުހުމަތު ކުރެވޭ އެތައް ބަޔަކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާއިރު، އެ ފައިސާ އަނބުރާ ލިބޭނެ މަގެއް މިހާރު ފެންނާކަށް ނެތެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު، މުވައްސަސާތަކުން މިއަދު މަޖިލީހުގައި ދައްކަމުންދާ ވާހަކަތަކަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށްފަހު އަމަލުކުރި ގޮތާ އެއްގޮތް ކަމެއް ކަމަށް ބެލެވެއެވެ. މުޅި ދައުލަތް ”ދޮވެލުމަށްފަހު“ މުވައްސަސާތަކުން ހޭލުމަކީ ރައްޔިތުންނަށް ލިބޭ އިންސާފެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: