ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމްދަނީ އިތުރުކޮށް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނަން: މިފްކޯ

ފޮޓޯ މިފްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އަކީ ޒަމާނުއްސުރެ ހިނގަމުން އައި ގޮތް ބަދަލުކޮށް، ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެންނަންޖެހިފައިވާ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.

ސީއީއޯ އަނަސް މިހެން ވިދާޅުވީ، ކުންފުނީގެ އެކި ސެންޓަރުތަކުގެ ހާލަތު ބައްލަވައިލެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އަނަސް ވިދާޅުވީ، އޭނާގެ އެންމެ ބޮޑު ތަޞައްވުރަކީ މިފްކޯއަށް ޒަމާނީ އިޞްލާޙީ ބަދަލުތަކެއް ގެންނެވުން ކަމަށެވެ. ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އެ ކުންފުނި ހިންގުމުގައި މިހާރު ހުރި އުސޫލުތަކަށް ބަދަލު ގެނެސް، ޒަމާނީ ކުންފުންޏަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ އަމާޒެއްކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރުކުރެވިގެން ކަމަށެވެ. އެހެންކަމުން، ކުންފުނީގެ މާލީ ގާބިލްކަން އިތުރުކުރުމަށް ޓަކައި އައު ގޮތްތަކެއް ހޯދުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.

”ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައިކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން،“ އަނަސް ވިދާޅުވިއެވެ.

މި ބަދަލުތަކުގެ ސަބަބުން ކުންފުންޏަށް ހެޔޮ ނަތީޖާއެއް ފެންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ހުރިހާ މުވައްޒަފުން ވެސް މަސައްކަތުގެ އަޚްލާޤު ހިފަހައްޓައި، އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ގާތުން ބަލައި، އެކަންކަން ހައްލުކުރުމަށް މެނޭޖްމަންޓުން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުޙައްމަދު އަނަސް މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުންފުނީގެ ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިފްކޯގެ ސެންޓަރުތަކަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންގެ ހާލަތާއި މަސައްކަތްތައް ހިނގާގޮތް ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. އެގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: