ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީ ދޫކުރައްވައި، ސަރުކާރު ޖަވާބުދާރީކުރުވަން ތައްޔާރަށް މަޖިލިސް މެމްބަރުންތަކެއް އެބަ ތިބި: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް --- ފޮޓޯ: އެމްޑިޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީ ދޫކުރައްވައި ސަރުކާރު ޖަވާބުދާރީކުރުވަން ނުކުންނަނަވަން އެ ޕާޓީގެ މަޖިލިސް މެމްބަރުންތަކެއް ތައްޔާރަށް އެބަ ތިބި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީން ނެރޭ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ، އެމަނިކުފާނަށް ޕީއެންސީގެ މަޖިލިސް މެމްބަރަކު ގުޅުއްވައި ސަރުކާރު ދޫކޮށްލަން ތައްޔާރަށް ތިބި ކަމަށް ވިދާޅުވި ކަމަށެވެ. އަދި އިތުރު މެމްބަރުންތަކެއް ވެސް އެފަދަ ހިޔާލެއްގައި ތިއްބެވި ކަމަށް ވިދާޅުވި ކަމަށެވެ.

”އަޅުގަނޑަށް މީގެ ދެ ދުވަސް ކުރިން ގުޅި ޕީއެންސީގެ މަޖިލީހުގެ މެމްބަރެއް. ތިމަންނާއެކު އެބަ ތިއްބޭ މިތައް މިތައް މެމްބަރުން. މިއީ ހަމަ ސަރީހަ ތެދު ވާހަކައެއް އަޅުގަނޑު މި ދައްކަނީ. މިވަގުތު ވެސް މިތިބީ ޕީއެންސީން ދޫކޮށްފައި ނުކުމެ މި ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތްކުރަން ތައްޔާރަށޭ. އަޅުގަނޑު ކައިރީގައި ވިދާޅުވީ، ތިމަންމެންނަށް ޔަގީންކަމެއް ތިބޭފުޅުން ދެއްވަބައްލަވާށޭ. އެ އިޝާރާތްކުރީ އަޅުގަނޑަށާއި ރައީސް ނަޝީދަށާއި ރައީސް ޔާމީނަށް،“ ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނަށް ގުޅުއްވި މެމްބަރު އެދިވަޑައިގަތީ ޕާޓީން ވަކިވުމާއެކު ގެއްލޭ މަޖިލީހުގެ ގޮނޑި އަނބުރާ ހޯދަން ރައީސް ސޯލިހާއި ރައީސް ނަޝީދާއި ރައީސް ޔާމީންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ސޯލިހު އިތުރަށް ވިދާޅުވީ، ޕީއެންސީގެ ސުޕަމެޖޯރިޓީގެ ރިމޯޓު މިހާރު އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށެވެ. އެހެންވެ، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަމެއް ކުރެވެން ނެތްކަމަށް ވިދާޅުވިއެވެ.

”ޕީއެންސީގެ ސުޕަމެޖޯރިޓީގެ ރިމޯޓު އޮތީ ރައީސްގެ އަތްޕުޅުގައި. އެހެންވީމާ ރައްޔިތުންގެ މަޖިލީހަކު ނެތް ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މި ގައުމު ބޭނުންވާ ގޮތަށް ކަމެއް ކުރެވޭކަށް. މި ސަބަބަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަން ޖެހެނީ،“

މަޖިލީހަކީ ރައްޔިތުން ތަމްސީލު ކުރަން އޮންނަ ތަނެއްކަން ފާހަގަކުރައްވައި ސޯލިހު ވިދާޅުވީ، އެކަން ވެސް މިހާރު ނުކުރެވޭ ކަމަށެވެ. ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައިވާތީ، ޕީއެންސީގެ މެމްބަރުންނަށް އެތަނުގައި މިނިވަންކަމާއެކު ރައްޔިތުންގެ އަޑުއުފުލޭކަށް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސޯބެ ފަދަ ބޭފުޅުން މަޖިލީހަށް އިންތިހާބުކޮށް އެ ކަންތައްތައް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ވެރިކަމަށް ކުރިމަތިލަނީ ޕާޓީއެއްގެ މެނިފެސްޓޯއަކާއެކު ކަންތައްތަކެއް ކޮށްދޭނެކަމުގެ ޔަގީންކަން ދީގެންކަން ފާހަގަކުރައްވައި، ވެރިކަން ލިބުމުން ޕާޓީއަށް ވައުދު ނުފުއްދޭނަމަ އެ ޕާޓީއެއްގެ މަޖިލިސް މެމްބަރަކަށް ޕާޓީ ދޫކޮށް ދިޔުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސޯލިހު ވިދާޅުވީ، ފަސް އަހަރު ވަންދެން މެމްބަރުން ތަޅުއެޅުވިފައި ހުންނާކަށް ނުޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: