ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް: ފަލާހު

ޕީ.އެން.ސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީ ވެގެންދާނީ މިހާރުގެ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކިއްލާއަކަށް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަންގެ ނަތީޖާއަށް އަލިއަޅުއްވާލައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާއަކީ އިދިކޮޅު އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދައުވާ މި އިންތިހާބާއެކު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. މި އިންތިހާބުގައި ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު އާއި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި ގޮނޑި އެމްޑީޕީގެ އަބްދުﷲ ސޯދިގު ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތުންނެވެ. ސޯދިގަށް 1375 ވޯޓު (51.15 އިންސައްތަ) ލިބިވަޑައިގެންނެވިއިރު، ޕީއެންސީގެ އަހުމަދު ސައީދަށް ލިބިވަޑައިގަތީ 1313 ވޯޓު (48.85 އިންސައްތަ) އެވެ.

ނަތީޖާއާ ގުޅޭގޮތުން ފަލާހު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ނުކުމެ، ތިން ދައުރު މޭޔަރުކަން ކުރެއްވި ބޭފުޅަކަށް ލިބުނު މި ނަތީޖާއަކީ ލަދުވެތި ނަތީޖާއެއް ކަމަށެވެ.

”އައްޑޫގައި ދިރިއުޅޭ ރައްޔިތުން ބުނާކަހަލަ އެމްޑީޕީގެ ލީޑަރޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫ އާމެދު އިހުމާލުވެފައޭ! ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ!“ ފަލާހު ލިޔުއްވާފައިވެއެވެ.

މީގެއިތުރުން، އިންތިހާބުގައި ބެހެއްޓި 7 ވޯޓު ފޮށީގެ ތެރެއިން 4 ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯދުމަކީ އައްޑޫ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަންނައިރު އައްޑޫ ސިޓީ މުޅިން ބަދަލުވެ، އެ ސިޓީއަކީ ޕީއެންސީގެ ވަރުގަދަ ކިއްލާއަކަށް ވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: