ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރަކީ މަސްވެރިކަމެވެ. މަސްވެރިން ކުރާ ބުރަ މަސައްކަތުގެ ހައްގު އުޖޫރަ ހޯދައިދިނުމަކީ ކޮންމެ ސަރުކާރަކުންވެސް އިސްކަންދޭ ކަމެކެވެ. އެގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކުރުމަށް ނިންމި ނިންމުމަކީ މި ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މިފްކޯއިން މަސް ގަންނަ އަގަށް މި ގެނައި ބަދަލަކީ މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ނިސްބަތުން ދަށް ދުވަސްވަރަކަށް ވާތީ، މަސްވެރި އާއިލާތަކަށް ކުރިމަތިވާ މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މަސްވެރިކަން ދަށްވުމަކީ އާއިލާތަކުގެ އާމްދަނީއަށް ސީދާ އަސަރުކުރާ ކަމަކަށް ވާތީ، ގަންނަ އަގު ބޮޑުކުރުމުން މަދު މަސްކޮޅަކުންވެސް އެކަށީގެންވާ އާމްދަނީއެއް ހޯދުމުގެ ފުރުސަތު މަސްވެރިންނަށް ފަހިވެގެންދާނެއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މަސް ގަންނަ އަގު ބިނާވަނީ ބައިނަލްއަގުވާމީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިގެ މައްޗަށެވެ. ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމެވެ. ނަމަވެސް، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތްތައް މެދުވެރިކޮށްދިނުމެވެ. މިއީ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށްޓަކައި މީގެ ކުރިން އެއްވެސް ސަރުކާރަކުން އިންވެސްޓް ނުކުރާ މިންވަރަށް ދަނީ އިންވެސްޓް ކުރަމުންނެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ދެ ސަރަހައްދެއްގައި މަސް ބަންދުކުރާ ކާރުހާނާ އެޅުމުގެ މަސައްކަތް ފެށުމަކީ ރާއްޖެއިން ބޭރަށް ފޮނުވާ މަހުގެ އަގު އެތައް ގުނައަކަށް އުފުލިގެންދާނެ ކަމެކެވެ.

