ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްތިރީސް އަހަރުވީއިރު ވެސް، އެ ޒިކުރާތައް އައުނުކޮށް ހުރެވޭވަރެއްނޫނެވެ.( ފުރަތަމަ ބައި)

ޝެއާރކޮށްލާ ކަހަލަދޯ؟

އެ ތަރިއަކީ އެއްޒަމާނެއްގައި، މި ދިވެހި ފަލަކުގައި ފިޔަޖަހަމުންދިޔަ އެންމެ އަލިގަދަތަރިއެވެ. އެ ތަރިއަކީ، މި ދިވެހިބިމަށް އޭގެ ނޫރުން އަލިކޮށްދީ، ހިތްތަކަށް އުފާވެރިކަން ގެނެސްދިން ތަރިއެކެވެ. އެހެންނަމަވެސް، އެ ތަރީގެ އެންމެ ފަހުވަގުތާއި ހަމައަށް އަލިކަން ފޯރުކޮށްދީފައި އޮއްސުނުތާ ބައްތިރީސް އަހަރު ފުރުނީއެވެ. އެ ތަރިއަކީ ކޮންތަރިއެއް ކަމަށްތޯއެވެ؟

މި ހުސްވި ޤަރުނުގެ ތާރީޚު ވަރުގަދައަށް ހެކިދޭ ފަދައިން، އެއީ ދިވެހި އަދަބީ އުދަރެހުން އެރި “އުޖާލާވި ރަންތަރި” އެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވާ “އުސްތާޛުލްޖީލެވެ.” އޮނަރަބަލް އަލްއުސްތާޛުލްމަރުޙޫމު ޢަބްދުﷲ ޙަމީދު ވިދާޅުވެފައިވާ “ލިޔުންތެރިންގެ ރޫޙީ ބައްޕަ” އެވެ. އަދި ކިއެއްތަ، “މަ ވެސް އަދު ފަރިއްސެއް ހެދޭތޯ ބަލާނަމޭ” ވިދާޅުވެ ޅެން ހައްދަވަން ފެއްޓެވި އާދަޔާޚިލާފު ކުޅަދަނާ ޝާޢިރު އަލްއުސްތާޛުލް މަރުޙޫމު މުޙައްމަދު ޖަމީލުދީދީއެވެ.

ދަރަވަންދޫގޭ ޢަބްދުﷲ ކަމާލުއްދީން ނުވަތަ ދަރަވަންދޫގޭ ޢަބްދުﷲ ދީދީއާއި ފެންފޯއް ގަނޑުވަރު އައިމިނާދީގެ ދެމަފިރިކަނބަލުންގެ ލޮލުގެ ކޮއިފަދަވި މުޙައްމަދު ޖަމީލުދީދީ އުފަންވެވަޑައިގަތީ މީލާދީން އޮނަވިހި ސަތޭކަ ފަނަރަވަނަ އަހަރުގެ މެއިމަހުގެ އެއްވަނަ ދުވަހު މާފަންނު ކުއްޅަވައްގޭގައެވެ.

ޢަރަބިބަހުގެ ޢިލްމު ވަރަށް ވެސް ފުރިހަމައަށް ހާސިލުކުރައްވާފައިވާ، ހަމަ އެހެންމެ ހިސާބަކަށް އުރުދޫ ބަސް ވެސް ދެނެވަޑައިގަންނަވާ ޖަމީލުދީދީއަކީ އޯގާވެރި ބޭފުޅެކެވެ. އަދި ކިއެއްތަ، ސަމާސާ މިޒާޖުން ފޭރާން އަޅުއްވައިގެން ހުންނެވި ކޯފާމަޑު، ހިތްޕުޅުހެޔޮ ބޭފުޅެއްމެއެވެ.

އެ މަނިކުފާނުގެ އެދުރުންގެތެރޭގައި އެންމެ ފުރަތަމަ ހިމެނެނީ، އެ މަނިކުފާނުގެ މާމަ ދަރަވަންދޫގޭ ދީދީ( ދޮންކަލޭފާނުގެ ތުއްތުމަނިކެ) އާއި، އެ މަނިކުފާނުގެ އަހުރަވެތި(ލޮބުވެތި) ބައްޕާފުޅު ދަރަވަންދޫގޭ ޢަބްދުﷲ ދީދީއެވެ. ހަމަ އެހެންމެ، އެ މަނިކުފާނުގެ ބޮޑުބޭބޭފުޅުކަމަށްވާ ދިވެހި އަދަބުގެ “ފަތިހުގެ ތަރި” ފަޟީލަތުއްޝައިޚު ޙުސެއިން ޞަލާޙުއްދީން ފަނޑިޔާރު މަނިކުފާނު އަރިހުން ޢިލްމުހާސިލުކުރެއްވުމުގެ ނަސީބު ލިބިވަޑައިގަތެވެ. މީގެ އިތުރުން، އެ މަނިކުފާނުގެ ދޮންބޭބޭފުޅު އައްޝައިޚު މުޙައްމަދު ސަޢީދުދީދީ އަލްއަޒްހަރީގެއަރިހުން ވެސް އުނގެނިވަޑައިގަތެވެ. މި ބޭބޭފުޅުންގެ އިތުރަށް، މަދަރުސަތުލް ޞަލާޙިއްޔާ ނުވަތަ އަލްމަދަރުސަތުލް ސަނިއްޔާ( ފަހުން މަދަރުސަތުލް މަޖީދިއްޔާ) އިންނާއި، މިޞްރުގެ މަދަރުސާއެއްކަމަށްވާ މުޙައްމަދު ޢަލީ އަލްޚައިރިއްޔާ އަލްއިބްތިދާއިއްޔާއިންނާއި، އަލްއަޒުހަރު ޔުނިވަރސިޓީއިން ވެސް ޢިލްމު އުނގެނިވަޑައިގަތްމެއެވެ.

އެއްވެސް ޝައްކެއްނެތް ފަދައިން، އެ މަނިކުފާނަކީ، “ލިޔުންތެރިކަމުގެ ފަންނުގައި ދެވަނައެއްނެތް، ކިޔުންތެރިކަމުންވެސް އެހެން އެފަދައެއްނެތް” (ޢަބްދުﷲ ޞާދިޤް) ލާމަސީލު މިސާލެކެވެ. “ހުކުރު، ޢީދުގެ މުނާސަބުގައި ފިސާރިހިނގާ ގަލަންކޮޅުން” (ދޮންފަނު މުޙައްމަދު ޔޫސުފް) ޚުޠުބާތައް ލިޔުއްވާފައިވާ ޢާލިމެކެވެ. “ނަޞޭޙަތް ދުނިޔަވީ ޢިލްމީ ބަލާޣާތްތެރި އެތައްރޮނގަކުން” (ދޮންފަނު މުޙައްމަދު ޔޫސުފް) ދެއްވަވާފައިވާ ނާޞިޙެކެވެ. “ބަހުގެ އަދަބަށް އެކި ސިފައިގައި ދެއްވިމޮޅު ފަރުވާތަކުން” (ކަނީރު ޢަބްދުއްރަޙީމް) ބަހަށް ކުރިއެރުން ހޯއްދަވައިދެއްވި އެދުރެކެވެ. “މާދަރީބަސް ނެތިވެދިޔުމުގެ މަގުމަތީގައި އުޅެނިކޮށް،” ( ކަނީރު ޢަބްދުއްރަޙީމް) ބަހުގެ ގަވާއިދާއި ހަމަތަކާއި އުސޫލުތައް، އަންގަވައިދެއްވި މުރައްބީއެކެވެ. “ދިވެހިޤައުމުގެ ދަރިންނަށް ލާބަލިބި މަންފާކުރާ ފޮތްތައް” (ދޮންފަނު މުޙައްމަދު ޔޫސުފް) ލިޔުއްވާފައިވާ މުޞައްނިފެކެވެ. “ދީނުގައި ހުރި ނެތްގޮތާ ރަނގަޅާ ނުރަނގަޅާ” (ކަނީރު ޢަބްދުއްރަޙީމް) އުނގަންނަވައިދެއްވާފައިވާ މުޢައްލިމެކެވެ. “ފަންނުގައި ޤައުމުގެ ސިޔާސީ ޚިދްމަތަށް ފެއްޓެވި ހިނދުން” (ޢަބްދުލްޙަމީދު އަޙްމަދުދީދީ) އަންތަރީސްވާ ފަދަ އިންޤިލާބެއްދެއްކެވި މުފައްކިރެކެވެ. “އަތްޕުޅުން އެމުނުއްވެވީ ޢިލްމުގެ އެތައްހާސް ކުލައަރާ”(ޢަބްދުލްޙަމީދު އަޙްމަދުދީދީ) ޅެންތަކުން އިރުޝާދުދެއްވެވި މުރުޝިދެކެވެ. އަދި ކިއެއްތަ، “ހަނދުމަތައް އެކި ރޮނގުން ދޫކުރައްވާފައި” (ނޢޢވ ޢަބްދުﷲ ޞާދިޤް) ވަޑައިގެންނެވި ފަސްމީރުކުރި ރުކެއްމެއެވެ.

(1) ޤައުމީ ޚިދުމަތުގައި..

އަޅުގަނޑުގެ ކީބޯޑުގެ ފިތްތަކަށް މި އޮއްބައިލަނީ ވަރަށް ވެސް ޖެހިލުންވެހުރެއެވެ. ކޮންމެއަކަސް، މުޙައްމަދު ޖަމީލުދީދީ ޤައުމަށް ކުރެއްވެވި ޚިދުމަތްތަކަކީ، އަޅުގަނޑުގެ ކީބޯޑަށް އޮބައި ލިޔެހެދޭވަރަށްވުރެ ވެސް، ގިނަ ޚިދުމަތްތަކެކެވެ. އެހެންނަމަވެސް، އެ މަނިކުފާނުގެ މި ޚިދުމަތްތައް، ހަނދާނުގެ ފުން ކަނޑެއްގެތެރެއަށް ވިހުރިގެންދާކަށް އަޅުގަނޑުގެ ޒަމީރު އެއްބަހެއްނުވިއެވެ. އެހެންކަމުން އަޅުގަނޑުގެ ނަޒަރު އެންމެ ފުރަތަމަ ސީދާކޮށްލާނީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވާ ބަސްފުޅެއްގެ މައްޗަށެވެ.

“އަޅުގަނޑު ރައީސްކަމުގައި ހުންނައިރުވެސް އަދި އޭރު ހުރިއިރުވެސް، އަބަދުވެސް އައްޝައިޚުލްއުސްތާޛް މުޙައްމަދު ޖަމީލަށް ވަރަށް މަތިވެރި ދަރަޖައަކަށް ޤަދަރުކުރަމެވެ. އިޙްތިރާމް ކުރަމެވެ. އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދު ހޯދަމެވެ. އަދި ވަރަށް ޚާއްސަގޮތެއްގައި، އެ މަނިކުފާނު އަޅުގަނޑަށް ނަޞޭޙަތްދެއްވާ، އިރްޝާދުދެއްވާ ހައްދަވަމުން ގެންދަވައެވެ. އެންމެފަހާ ޖެހެންދެންވެސް މެއެވެ.” އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް

އާދޭހެވެ. އަޅުގަނޑު އިސްވެ ބަޔާންކުރި، ބަސްފުޅުން ވެސް ހާމަވެގެންދަނީ، މުޙައްމަދު ޖަމީލުދީދީގެ މުހިންމުކަމެވެ. އޭރު ޤައުމު ހިންގަވަން ހުންނެވި ރައީސްއަށް، އެ އިރުޝާދުތަކުގެ ބޭނުންތެރިކަން ބޮޑުކަމެވެ. ޤައުމީ ކަންކަމުގައި ، ޖަމީލުދީދީގެ އިރުޝާދުތައް ޚާއްސަވެފައިވާ މިންވަރެވެ. ކަން މިހެން ހުރިއިރު، އެ މަނިކުފާނުގެ ޢަމަލުފުޅުތަކުގައި ކިހާ ހަރުދަނާކަމެއްވާނެތޯއެވެ.

މިހާ ހިސާބުން، އެ މަނިކުފާނުގެ ޤައުމީ ޚިދުމަތްތަކުގެ މައްޗަށް ބައްލަވާލައްވަން ހިންގަވާށެވެ. އެ މަނިކުފާނު ސަރުކާރަށް ޚިދުމަތްކުރައްވަން ފައްޓަވާފައިވަނީ، އޮނަވިހި ސަތޭކަ ސަތުތިރީސްވަނަ އަހަރުގެ އޯގަސްޓުމަހުގެ ސައުވީހުގައެވެ. މި ގޮތުން، ޚިދުމަތްކުރައްވަން ފެއްޓެވިގޮތަށް، ސާޅީސްފަސް އަހަރާއި އެގާރަމަހާއި ނަވާވީސް ދުވަސްވަންދެން ޚިދުމަތްކުރެއްވެވިއެވެ.

އެ މަނިކުފާނު އަދާކުރެއްވި ވަޒީފާތަކުގެތެރޭގައި، މަޙުކަމަތުލް މަޢާރިފުގެ ކާތިބުކަމާއި، މަޖީދިއްޔާގެ މުދައްރިސްކަމާއި(ތަފާތު އޮފީސްތަކުގެ ދަށުން) ، މަޖީދިއްޔާގެ ނާޒިރުގެ ނާއިބުގެ ޤާއިމު މަޤާމުކަމާއި، މަޖީދިއްޔާގެ ނައިބުކަމާއި، މަޙުކަމަތުލް މަޢާރިފުގެ ވެރިޔާކަން ހިމެނެއެވެ. ވުޒާރަތުލް މަޢާރިފުގެ މަދަރުސަތުލް މަޖީދިއްޔާގެ ނާޒިރުގެ އެހީތެރިޔާކަމާއި، މަޖީދިއްޔާގެ ނާޒިރުކަމާއި، ވަޒީރުލް މަޢާރިފުގެ ވަކީލުކަން ހިމެނެއެވެ.

މަޙްކަމަތުއް ޝަރްޢިއްޔާގެ ސެކްރެޓަރީކަމާއި، ނާއިބުކަމާއި، އިސް ނާއިބުކަމާއި، އިސްތިއުނާފު ކޮމިޓީގެ ރައީސްކަމާއި، ވެރިޔާކަމާއި، އުއްތަމަ ފަނޑިޔާރުކަން ހިމެނެއެވެ. މަޙްކަމަތުއް ދާޚިލިއްޔާގެ ކާތިބުކަމާއި، ސެކްރެޓަރީކަމާއި، ފިލްމު ސެންސަރު ބޯޑުގެ މެންބަރުކަމާއި، މުނިސިޕަލްޓީގެ މާފަންނު މެންބަރުކަމާއި، ރައްޔިތުން މަޖިލީހުގެ ތިލަދުންމަތީގެ މެންބަރުކަމާއި، މުނިސިޕަލްޓީގެ ރައީސްކަމާއި، ބަންޑާރަ ނައިބުކަން ހިމެނެއެވެ.

ވުޒާރަތުލް އައުޤާފުގެ މާފަންނު ޚަޠީބުކަމާއި، ހެންވޭރު ޚަޠީބުކަމާއި، ޚަޠީބުކަން (ތަފާތު އޮފީސްތަކުގެ ދަށުގައި މި މަޤާމު ހިމެނޭ) ހިމެނެއެވެ. ޤާނޫނުއަސާސީއެއް ވުޖޫދުކުރުމަށް ކަނޑައެޅުއްވި މަޖިލީހުގެ މެންބަރުކަމާއި، މާބަނޑޭރި އޮފީހުގެ ފަތްލިޔުމާއި، މަޙްކަމަތުލް އަޝްޣާލުގެ ފަތްލިޔުމާއި، މަޙްކަމަތުލް އަމަން ޢާންމުގެ ތަޙުޤީޤު ކޮމިޓީގެ މެންބަރުކަމާއި، ވަޒީރުލް އަޢުޡަމްގެ އޮފީހުގެ ދަންނަބޭކަލުންގެ ކޮމިޓީގެ މެންބަރުކަން ހިމެނެއެވެ.

ކާބޯތަކެތި ހަމަޖައްސާ އޮފީހުގެ ވެރިކަމާއި، ތިލަދުންމަތީ ޚާއްސަ ވަކީލުކަމާއި، ދާރުލް އިޤާމާގެ ވެރިކަމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ރެލިޖަސް ނޮލެޖް މުދައްރިސުކަމާއި، މައުޙަދުއްދިރާސަތުލް އިސްލާމިއްޔާގެ ފިޤްހު މުދައްރިސުކަން ހިމެނެއެވެ. މިނިސްޓްރީ އޮފް އިންފޮމޭޝަންގެ ދަށުން ފޮތްތަކާއި ލިޔުންތައް ފާސްކުރެއްވުމާއި، ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް ޑިވިޜަންގެ ދަށުން މާލޭގެ ހުކުރު މިސްކިތާއި، ބަންޑާރަ މިސްކިތުގައި، ހުކުރުނަމާދާއި ޢީދުނަމާދު ކުރެއްވުން ހިމެނެއެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލިޔުއްވުންތައް ލިޔުއްވުމާއި، ތަރުޖަމާކުރެއްވުމާއި، ޚާއްސަ ވަކީލުކަން ހިމެނެއެވެ. މީގެ އިތުރުން، ދަޢުލަތް ހިންގާ މަޖިލީހުގެ ސެކްރެޓަރީކަމާއި، ނާދީގެ ޖަލްސާތަކުގެ ސެކްރެޓަރީކަމާއި، ޤައުމީ ކުންފުނީގެ ހިންގާކޮމިޓީގެ ސެކްރެޓަރީކަމާއި، މާލޭގެ ހަތަރުއަވަށު މަބައްރާ ކޮމިޓީގެ ސެކްރެޓަރީކަމާއި، ވަޤުފު ކޮމިޓީގެ ސެކްރެޓަރީކަން ވެސް ހިމެނޭމެއެވެ.

 

                                                              (ނުނިމޭ)

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: