އިންޑިއާގެ ހުޅަނގު ބެންގާލްގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މުސްލިމުން ހޯދައި، އެމީހުން ހައްޔަރުކޮށް އަދި ގައުމުން ބޭރުކުރުމަށް ފަށާފައިވާ ވަރުގަދަ ކެމްޕޭނެއްގެ ދަށުން އެތައް ސަތޭކަ ބަޔަކު ބޯޑަރު ސަރަހައްދަށް ޖަމާކޮށްފިއެވެ.
މި ހަރަކާތުގެ ސަބަބުން އެ ސަރަހައްދުގައި ދީނީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ދާދިފަހުން ހުޅަނގު ބެންގާލްގެ އިންތިހާބު ކާމިޔާބުކުރުމަށްފަހު، އެ ސްޓޭޓްގެ އާ މުދަލު ވަޒީރު ސުވެންދޫ އަދިކާރީ ވަނީ ”ޑިޓެކްޓް، ޑިލީޓް އެންޑް ޑިޕޯޓް“ (ހޯދާ، އުނިކުރާ އަދި ބޭރުކުރާ) ސިޔާސަތެއް އިއުލާން ކުރައްވާފައެވެ. މި ސިޔާސަތަކީ ހަމައެކަނި މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ހާކިމްޕޫރު ބޯޑަރު ކައިރީގައި ހުރި އިމާރާތްތަކުގައި އެތައް ސަތޭކަ މުސްލިމުންނެއް ތިބީ އިންތިހާ ހޫނުގަދަ ހާލަތެއްގައެވެ. މީގެ ތެރޭގައި ގިނައީ ރަނގަޅު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި މީގެ އަހަރުތަކެއް ކުރިން އިންޑިއާއަށް އެތެރެވި މީހުންނެވެ. އިންޑިއާގެ އާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް 5،000 އެއްހާ މީހުން ވަނީ ބަންގްލަދޭޝްއަށް ފޮނުވާލާފައެވެ. އަދި ހުރިހާ ޑިސްޓްރިކްޓެއްގައި ”ހޯލްޑިންގ ސެންޓަރު“ ތައް ހަދައި، އެތަންތަނުގައި މީހުން ބަންދުކުރަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި އިންޑިއާ އާއި ބަންގްލަދޭޝްގެ ދެމެދުގައި އޮތް ހާރިޖީ ގުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ބަންގްލަދޭޝްގެ ފޮރިން އެފެއާޒް އެޑްވައިޒަރު ޝަމާ އޮބައިދު ވިދާޅުވީ، މިކަމާ ގުޅިގެން 12 އަށްވުރެ ގިނަ ސިޓީ އިންޑިއާ ސަރުކާރަށް ފޮނުވާފައިވާ ކަމަށެވެ. ”މީހުން ބޭރުކުރުމުގައި އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ އުސޫލުތަކެއް ހުންނަ ކަމަށާއި، މިގޮތަށް މީހުން ކޮށްޕާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،“ ޝަމާ ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ވޮޗް ފަދަ ޖަމާއަތްތަކުން ވަނީ މިއީ ވަކި ދީނެއްގެ ބަޔަކަށް އަމާޒުކޮށްގެން ހިންގާ ބޭއިންސާފު އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިކަމުގެ ސަބަބުން އިންޑިއާގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާއިރު، މިއީ އިންޑިއާގެ ސެކިއުލާ ނިޒާމު ދޫކޮށް ހިންދޫ ދައުލަތަކަށް ގައުމު ބަދަލުކުރުމަށް ބީޖޭޕީން ކުރާ މަސައްކަތުގެ ބައެއް ކަމަށް އެކްޓިވިސްޓުން ތުހުމަތު ކުރެއެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ބަންގްލަދޭޝްގެ ބޯޑަރު ގާޑުން ވަނީ އިންޑިއާގެ ސިފައިން ގަދަކަމުން މީހުން އެތެރެކުރަން ކުރި އެތައް މަސައްކަތެއް ހުއްޓުވާފައެވެ. ދެ ގައުމުގެ ދެމެދުގައި މި މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާތައް ފެށިފައިވީ ނަމަވެސް، ބޯޑަރު ސަރަހައްދުގެ މަސްރަހު އަދިވެސް އޮތީ ވަރަށް ނުތަނަވަސްކޮށެވެ.

