ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްތިރީސް އަހަރުވީއިރު ވެސް، އެ ޒިކުރާތައް އައުނުކޮށް ހުރެވޭވަރެއްނޫނެވެ. (ދެވަނަބައި)

ޝެއާރކޮށްލާ ކަހަލަދޯ؟

(2) ދީނީ ރޮނގުން ކުރެއްވެވި ޚިދުމަތްތައް

އިންސާނާ މި ދުނިޔެއާއި ވަކިވުމުން، ތިން ކަމަކުން މެނުވީ ފައިދާއެއް ނުކުރާނެއެވެ. އެ ތިންކަމަކީ، ދެމިހުންނަނިވި ސަދަޤާތަކާއި، މަންފާކުރަނިވި ޢިލްމަކާއި، ހެޔޮދުޢާކޮށްދޭނެ ޞާލިޙު ދަރިއެކެވެ. ބަހުސަކަށް ޖާގައެއްނެތެވެ. “ޤައުމު ރޮއްވާފައި” މުޙައްމަދު ޖަމީލުދީދީ، އާޚިރަތުގެ ގޮވައްޗަށް އެ ދަތުރުކުރެއްވީ، ދެމިހުންނަނަނިވި ސަދަޤާތްތަކެއް ދޫކުރައްވާފައެވެ. މަންފާ ހާސިލުވަނިވި ޢިލްމު ފޯރުކޮށްދެއްވާފައެވެ.

ދެން އަޅުގަނޑު އަލިއަޅުވައިލާނީ، ނޢޢވ ސުއްމުވުލް އަމީރު އިބްރާހިމް ނާޞިރުގެ ޒަޢާމަތުގައި ބޮޑުވަޒީރުކަން ކުރައްވާފައިވާ، ހަމަ އެހެންމެ ސަރުކާރުގެ މަތީ މަޤާމުތަކެއް ފުރުއްވާފައިވާ އަލްމަރުޙޫމު އަޙްމަދު ޒަކީގެ ބަސްފުޅެއްގެ މައްޗަށެވެ.

” އިސްލާމީ ޝަރީޢަތުގެ ދާއިރާގައި ، އެމަނިކުފާނުންގެ ވިސްނުންފުޅު ގެންގުޅުއްވާ ހަލުވިކަން އަޅުގަނޑަށް ތަޖުރިބާ ކުރެވުނީ، 1960 ވަނަ އަހަރުން ފެށިގެން ހަތަރު ފަސް އަހަރެއްގައި މަޙްކަމަތުއްޝަރްޢިއްޔާގައި އުޅުމުގެ ނަސީބު އަޅުގަނޑަށް ލިބިފައިވާތީއެވެ. ‘އުއްތަމަ ފަނޑިޔާރު’ ގެ މަޤާމުގައި ހުންނެވިއިރު ޝަރީޢަތުގެ ކަންތައްތައް އެމަނިކުފާނު ގެންދަވާފައިހުރީ ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއި، އޮމާންކަމާއެކުގައެވެ. އާދަޔާ ޚިލާފު ޝަރީޢަތްތަކުގައި އެ މަނިކުފާނު އަޅުގަނޑަށް ދެއްވާފައިވާ އިރުޝާދުތައް ގިނަގުނައެވެ. މަޙްކަމާގެ އިދާރީބައި ހިންގަން އަޅުގަނޑު ހުރި ނަމަވެސް، އެމަނިކުފާނު ދެކެވަޑައިގަންނަވަނީ އަޅުގަނޑުމެން ދެމީހުންނަކީ އެމަޙްކަމާގެ ބައެއްކަމެވެ. މި ދެންނެވި އުޞޫލުގެ މައްޗަށް އެމަނިކުފާނު ޢަމަލުކުރެއްވުމުގެ ނަތީޖާއަކީ އޭރު މަޙްކަމަތުއްޝަރްޢިއްޔާއަށް ހުށަހެޅެމުންދިޔަ ގަޟިއްޔާތައް ހަލުވިކަމާއެކު ހިނގަމުންދިޔުމެވެ.”

އާދޭހެވެ. މުޙައްމަދު ޖަމީލުދީދީއަކީ، ކުޅަދާނަ ބޭފުޅެއްކަން އަލްމަރުޙޫމު އަޙްމަދު ޒަކީގެ ބަސްފުޅުން ވެސް ފަހުމުވެގެން ހިނގައްޖެ ދޮގެއްތޯއެވެ. ޝަރުޢީ ހަމަތައް ދެނެވަޑައިގެން ހުންނެވި ފަނޑިޔާރެއްކަން ހާސާވެއްޖެ އެހެންނޫންތޯއެވެ.

ދީނީ ރޮނގުގައި އެ މަނިކުފާނު ދޫކުރެއްވި ސަދަޤާތްތަކުގެ ވާހަކަ ބަޔާންކުރަން އަޅުގަނޑަށް ވަރަށް ދައްޗެވެ. ސަބަބަކީ، ދީނީ ރޮނގުގައި އެ މަނިކުފާނު ޤައުމަށްކުރެއްވި ޚިދުމަތްތަށް ގިނަގުނަކަމެވެ. އެ ޚިދުމަތްތަކުގެ ބުރަދަން ބޮޑުކަމެވެ. އެހެންނަމަވެސް، މި ރޮނގުގައި އެ މަނިކުފާނު ކުރެއްވި ޚިދުމަތްތަށް، ބަޔާންނުކޮށް ދޫކޮށްލުމަކީ އަޅުގަނޑުގެ ހިތް ރުހޭކަމެއްނޫނެވެ.

ދީނީ ރޮނގުގައި އެ މަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެތެރޭގައި، ދީނީ މަޒުމޫނުތައް ލިޔުއްވުން ހިމެނެއެވެ. މި ގޮތުން ބަލާއިރު،
ތަފާތު އެކި ދީނީ މައުޟޫޢުތަކުގައި އެ މަނިކުފާނުގެ ގަލަންކޮޅު ހިންގަވައިލައްވާފައިވަނީ ފިސާރި ހަރުދަނާކަމުގައެވެ. ހަމަ އެހެންމެ، އެ މަނިކުފާނު ލިޔުއްވި ފޮތްތަކަކީ، ނުހަނު އަގުހުރި ފޮތްތަކެކެވެ. މި ފޮތްތަކުގެތެރޭގައި، ތަޢުލީމުދިޔާނާގެ ފޮތްތަކާއި، ދީނިއްޔާތުގެ ޢަދަދުތަކާއި، ދުރޫސުލްއަޚުލާޤާއި، އިރުޝާދުލްއަނާމް ހިމެނެއެވެ. މީގެ އިތުރުން، އަލް އިސްލާމާއި، އަލްމިންބަރާއި، ޞަލާތުލް ޖަމާޢަތާއި، ދަތުރުވެރިޔާގެ ނަމާދު ހިމެނެއެވެ.

ހަމަ މި ނޭވާގައި ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ، ރޭޑިޔޯގެ ޒަރީޢާއިން، އެ މަނިކުފާނުގެ އަޑުފުޅުން އިވެމުންދިޔަ
ވައުޟުތަކާއި ނަޞޭހަތްތަކެވެ. ކޮންމެ ދުވަހަކު “ހެނދުނު ރެޑިޔޯތަކުން އެއިވޭ ތަރުޖަމާ ދިވެހި އިވުނީމާ”(ދޮންފަނު މުޙައްމަދު ޔޫސުފް) ހިތުގެ ފުންމިނަށް އޭގެ އަސަރުނުކުރާނެ ބޭފުޅަކު ހުންނާނެތޯއެވެ. އެ މަނިކުފާނުގެ “އެ ހުންނަ އަޑުފުޅުގާ ޖާޛުބިއްޔަތުގެ ސަބަބުން”(ޢާއިޝަތު މޫސާ، ގ.ރޯޒަރީ) އެ އަޑުފުޅުގެމަތިން ހަނދާންނެތިދާނެތޯއެވެ.

ދީނީ ރޮނގުގައި މުޙައްމަދު ޖަމީލުގެ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރަމުންދާ މި ދަނޑިވަޅުގައި، އެ މަނިކުފާނު ލިޔުއްވި ހުކުރު ޚުޠުބާތަކުގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތެއެވެ. އެ މަނިކުފާނުގެ ހުކުރު ޚުޠުބާތަކާއި ބެހޭގޮތުން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވާ ބަސްފުޅުގެ މައްޗަށް އަވަސް ކަޅިއެއް އެއްލެވުން ކީއްތޯއެވެ.

“…އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި އެންމެފަހާ ޖެހެންދެންވެސް އައްޝައިޚު މުޙައްމަދު ޖަމީލު ހުރިހާ އެއްޗެއްވެސް ލިޔުއްވަމުން ގެންދެވީ އަމިއްލަ އަތްޕުޅުންނެވެ. ދެން ހުރިހާ ޚުޠުބާތައްވެސް ރައީސްއޮފީހަށް ފޮނުއްވަނީ ހަމަ އަތްޕުޅުން ލިޔުއްވާފައެވެ. ޚުޠުބާ ލިޔުމުގެ ވާހަކަ ދަންނަވާއިރުވެސް، އެކަން ފެށިގެންއައިގޮތް ކުޑަކޮށް ދަންނަވާލާހިތްވެއެވެ. މިހާރު މިއޮންނަގޮތަށް ކޮންމެ ހުކުރު ދުވަހަކު އައު ޚުޠުބާއެއް ކިޔާގޮތަށް ސަރުކާރުން ހަމަޖެއްސެވީ 1972 ވަނައަހަރުގައެވެ. އޭރު ޚުޠުބާ ލިޔުއްވަން ހަވާލުކުރެއްވީ ބޭފުޅުންކޮޅަކާއެވެ. އޭގެތެރެއިން އެކަކުކަމުގައި އަޅުގަނޑުވެސް ހިމެނުނެވެ. އެހެންވީމާ، އަޅުގަނޑުވެސް ކޮންމެވެސްވަރަކަށް ޚުޠުބާ ލިޔަމުން ގެންދިޔައީމެވެ. އަޅުގަނޑުގެ އިތުރަށް އެހެންބޭފުޅުންވެސް ލިޔުއްވަމުން ގެންދެވިއެވެ. އެއްވެސް ބޭފުޅަކަށް ކުޑައިމީސްބަހެއް ދަންނަވާކަށް އަޅުގަނޑު ނެތީމެވެ. އެހެންނަމަވެސް، ފަހުންއައިސް، އެހެން ބޭބޭފުޅުންގެ މަސައްކަތްޕުޅުތައް ހުރިގޮތުންނާއި އެކުގައި، އެބޭފުޅުންނަށް އެއީ ކުރެއްވޭވަރުގެ ކަމަކަށްނުވިއެވެ. ވޭތުވެދިޔަ ހައެއްކަ އަށެއްކަ އަހަރުގެތެރޭގައި ކޮންމެ ހުކުރުދުވަހެއްގެ ޚުޠުބާ ލިޔުއްވަމުން ގެންދެވީ ހަމައެކަނި މުޙައްމަދު ޖަމީލެވެ.”

ސުބުޙާނަﷲ! ރައީސް މައުމޫނުގެ ބަސްފުޅުން ވެސް ހާމަވެގެން އެ ދިޔައީ، އަޅުގަނޑުމެންގެ އުސްތާޛުލްޖީލުގެ ހިތްވަރުފުޅުގަދަކަމެވެ. ޢަޒުމްފުޅުގެ ވަރުގަދަކަމެވެ. ދީނަށް ހުރި ލޯބިފުޅުގެ ބޮޑުކަމެވެ. ރައްޔިތުންނަށް ކުރެއްވި ރަޙުމްފުޅުގެ ބޮޑުކަމެވެ. އާދޭހެވެ. ރައީސް މައުމޫން އެ ވިދާޅުވާ އައްޑިހައިގެ އަހަރުތަކުގައި، ޖަމީލުދީދީ އަމިއްލަ އަތްޕުޅުން ޚުޠުބާލިޔުއްވައި ދިވެހީންނަށް ފޯރުކޮށްދެއްވިކަމީ، އަޅުގަނޑުގެ ބަހަށް ބާރުލިބޭ ވަރަށް ވަރުގަދަ ނުކުތާއެވެ

 

(3) އަދަބިއްޔާތުގެ ދަނޑުގައި…

އެއްވެސް ޝަައްކެއްނެތެވެ. އަޅުގަނޑުމެންގެ “އުސްތާޛުލްޖީލް” ދިވެހިބަހަށް ކުރެއްވެވި ޚިދުމަތްތަށް ލިޔާން އުޅެފިނަމަ ލިޔެލިޔެ ކޮޅުންނުލާނެއެވެ. އެހެނީ، ދިވެހިބަހަށް އެ މަނިކުފާނު ކުރެއްވެވި ޚިދުމަތްތަކުގެ ގިނަކަމާއި، މޮޅުކަމުގެ ސަބަބުންނެވެ. އޮޅުމެއްބޮޅުމެއް ނެތްފަދައިން، އެ މަނިކުފާނަކީ، ދިވެހިބަހުގެ މައިދާނުގައި
އެންމެ ފުންނާބުއުސް، އެންމެ ރޫފަފުޅު ހެޔޮ، އިސްކޮޅުފުޅުން އެންމެ ދިގު، ވިސްނުންފުޅު އެންމެ މޮޅު، ބޭފުޅާއެވެ. މިއީ އޭރު ތިއްބެވި އެހެނިހެން އަދީބުންނަށް ކުރާ ބޭއިޙުތިރާމެއްނޫނެވެ. އޭރު ތިއްބެވި އަދީބުންނަށް ކުރެވޭ ބޭއިންސާފެއް ވެސް ނުމެނޫންމެއެވެ. އާދޭހެވެ. މުޙައްމަދު ޖަމީލުދީދީ ދިވެހިބަހަށް ގެނެސްދެއްވި ފާގަތިކަމަކީ، އަޅުގަނޑުގެ ލިސްޓުގެ އެންމެ ކުރީގައި، އެ މަނިކުފާނު ހިމަނަންޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ.

މި ރޮނގުން، އެ މަނިކުފާނު ލިޔުއްވި އަގުހުރި ފޮތްތަކުތެރޭގައި، “ކުޑަކުދިންގެ ބަގީޗާ” ގެ އެއްވަނަބަޔާއި ދެވަނަބައި ހިމެނެއެވެ. “ދިވެހި ކިޔުން” މި ނަމުގައި ލިޔުއްވި ތިން ފޮތަކީ ވެސް ފާހަގަކޮށްލެވޭ ތިން ފޮތެވެ. ހަމަ އެހެންމެ، “ޅެމާއި ޅެންވެރިކަން” މި ސުރުޚީގެ ދަށުން ލިޔުއްވާފައިވާ ފޮތާއި، “ފިޔަވަޅު” ގެ ބައިތަކަކީ ވެސް، އެ މަނިކުފާނު އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކެކެވެ.

ހަމަ އެހެންމެ، “އައްރަފީޤު” މަޖައްލާއާއި “ސަރުކާރުގެ ޚަބަރު”، “ޝުއުލާ” އާއި “ދީނީ ރޫޙު” ގައި، އެ މަނިކުފާނު ލިޔުއްވާފައިވާ ލިޔުންތަކަކީ، މި ޤައުމުގެ ދަރިންނަށްހުރި ލާބައެއްކަމަށްނޫނީ ނުވާނެއެވެ. ހަމަ މި ބީދައިން ބަލާއިރު “ފަތްތޫރަ” އަށް، އެ މަނިކުފާނު ލިޔުއްވި ލިޔުންތަކަކީ ވެސް، ދިވެހި ޤައުމަށް ލިބިފައިވާ އަގުބޮޑު އަދަބީ ތަރިކަތަކެއްމެއެވެ.

މީގެ އިތުރުން، ދިގު ވާހަކަތަކާއި ތަރުޖަމާތައް، ކުރުވާހަކަތަކާއި ޑުރާމާތަކަކީ، އެ ބައްލަވައިފި ބޭފުޅަކު އަޖައިބުވާހާވަރުގެ ސާދާ ސީދާ ތަކެއްޗެވެ.

މި ގޮތުން، ލިޔުއްވި ޑުރާމާތަކުގެތެރެއިން “ބުރެކިރަނިން”އާއި، “ގިތެޔޮގުޅި” ވަކިން ފާހަގަކޮށްލަންޖެހެއެވެ. ހަމަ އެހެންމެ، ސަމާސާއަދަބުގެ ފަންނުގައި، އެ މަނިކުފާނު ލިޔުއްވާފައިވާ ލިޔުންތަކުގެތެރެއިން، “މާލެދާން ކެލަޔަށް”، “މޭ ދުވަސް”، “މުގުރީކާނާއާއި ގޮހޮޅާ ޗިޅިޔާ” ގެ ވާހަކަތަކަކީ، ކިޔައި ފޫހިނުވާފަދަ ވާހަކަތަކެކެވެ.

މިހާ ހިސާބުން “މޭ ދުވަސް” މި މައުޟޫޢުގެ ދަށުން، އެ މަނިކުފާނު ލިޔުއްވި ލިޔުމަށް ނަޒަރެއް ހިންގައިނުލާ ކުރިއަށްދާކަށް އަޅުގަނޑުގެ ހިތެއްނޭދެއެވެ.

“އަހަރުގެ ދުވަސްތަކުގެތެރެއިން ފާހަގަކުރެވޭ ދުވަސްތައް ވަރަށްގިނައެވެ. އަދި ދަނީވެސް ގިނަވަމުންނެވެ. މިހެންގޮސް އަހަރުގެ ކޮންމެދުވަހަކީވެސް، ކޮންމެވެސް ކަމަކާގުޅިގެން ފާހަގަކުރެވޭ ދުވަހަކަށްވާދުވަސް މިހާރު އޮތީ ދާދިގާތުގައެވެ. މީލާދީ ސަނަތުން ދެހާސްވަނަ އަހަރު ހަމަވުމުގެކުރިން، އެދުވަސް ނާންނާނެކަމެއް ގައިމެއްނޫނެވެ. އަންނާނެކަމެއްވެސް ގައިމެއްނޫނެވެ. އަޅުގަނޑުމެންނަކީ މަސްވެރިކަމުގެ ބައެކެވެ. މަސްވެރީންގެ ދުވަހެއް އެބައޮތެވެ. އެހެންކަމުން މޭދުވަހެއް ފާހަގަކުރާނެކަމެއްނެތެވެ. ދޮންބިހުގެ ދުވަހެއް ފާހަގަކުރުން އެންމެ ރަނގަޅެވެ.”

މީގެ އިތުރުން، އެ މަނިކުފާނުގެ ލިޔުއްވުންތަކަށް ބަލާއިރު، “ޑިމޮކްރަސީ” ޝަރަހަކޮށްދެއްވާފައިވާ ލިޔުން ކިޔައިލުމުން އަމިއްލަ އިޚުތިޔާރުން ކެހިގެންގޮސް، ބޭއިޚުތިޔާރުގައި ހޭންފެށެއެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ ކީކޭ ކަމަށްތޯއެވެ.

“އެއީވެސް އިހަށް ނުހަނު ރަނގަޅު މާނައެއް އޮތް އެއްޗެކެވެ. ނަމަވެސް މިހާރަކަށްއައިސް އެބަހުގެ މާނައަކަށް މިވަނީ އެއްވެ، ހަޅޭއްފަޅޭއްލަވައި އުޅުމާއި، ގާއުކުމާއި، ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާލުމާ މިކަހަލަ ކަންތައްތަކެކެވެ. ކޮންމެއަކަސް އެކަހަލަ ސީ އަކަށް އަހަރެން އަރާހިތެއްނުވެއެވެ.”

އާދެ! ދެން އަޅުގަނޑު އެނބުރިލާނީ، އެ މަނިކުފާނު ޝާޢިރިއްޔަތުގެ ވާދީ ފުރުއްވައިލެއްވިގޮތުގެ މައްޗަށް އަލިއަޅުވައިލުމަށެވެ. އެއްވެސް ޝައްކެއްނެތެވެ. އަޅުގަނޑު އިސްވެ ދެންނެވި ފަދައިން، އެ މަނިކުފާނަކީ އާދަޔާޚިލާފު ޝާޢިރެކެވެ. ކޮންމެ ރޮނގެއްގައި ވެސް، ގަލަންކޮޅު ހިންގަވައިލައްވައިފައިވަނީ، އަންތަރީސްވާ ދަރަޖައަކަށެވެ. އެ މަނިކުފާނުގެ ޅެންތަކުގެތެރޭގައި އިޝްޤީ ޅެމާއި ވަޞްފީ ޅެން، ޤައުމީ ޅެމާއި، ފިކުރީ ޅެން، މަދަޙައާއި ތަޢުރީފު، ނަޞޭހަތާއި ވަޢުޠު ހިމެނެއެވެ.

މި ގޮތުން ބަލާއިރު، ޤައުމީ ޅެމުގެތެރެއިން، އެ މަނިކުފާނު ހައްދަވާފައިވާ “ޤައުމީ ސަލާމް” ޚާއްސަގޮތެއްގައި ފާހަގަކޮށްލެވެއެވެ. ވަޞްފީ ޅެމުގެތެރެއިން، ދުނިޔޭގެ ސުންނަތްތަކެއް ހާމަކޮށްދެއްވާފައިވާ “ދުނިޔެ” އަކީ، އެހާމެ ފުރިހަމަ ޅެމެކެވެ. އިޝްޤީ ޅެންތަކުގެތެރޭގައި ހިމެނޭ “ޙަބީބާގެ އަސަރު” މި ޅެމަކީ ނުހަނު އަސަރުގަދަ ޅެމެކެވެ. ފިކުރީ ޅެންތަކުގެތެރެއިން، ވަގުތުފާއިތުވީފަހުން” މި މައުޟޫޢުގެދަށުން ހައްދަވާފައިވާ ޅެން ވަރަށް ވެސް ފައްކަލެވެ.

މިހާ ހިސާބުން އަޅުގަނޑުގެ ކުޑަކުޑަ “ހިތް”، އަޅުގަނޑަށް މަޖުބޫރުކުރަނީ، އެ މަނިކުފާނުގެ “ދުނިޔެ”، މި ޅެމަށް ނަޒަރެއް ހިންގައިލުމަށެވެ. އަޅުގަނޑުމެންގެ “އުޖާލާވި ރަންތަރި” ދުނިޔެއާއި ބެހޭގޮތުން އަޅުގަނޑުމެންނަށްދޭ އަލިކަމަކީތޯއެވެ.

“ހާމަވީ ރީތި މަންޒަރުތަކޭ ނެތިދަނީ މާމަލުން އޭގެ ތާޒާކަމޭ ގެއްލެނީ ީދާމަގުން ދުނިޔެހިނގަމުން މިހިރަގެންދަނ އާމަގެއްގައި ހިނގޭކަށްނެތޭ އަންގަނީ”

ވަސްވާހެއްނެތެވެ. ދުނިޔޭގެ ސުންނަތަކީ ކޮބައިކަން ވަރަށް ވެސް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. ވަރަށް ވެސް ފުރިހަމަ އެހެންނޫންތޯއެވެ. އެހާމެ ސާދާ ދޮގެއްތޯއެވެ.

އާދޭހެވެ. އެ މަނިކުފާނުގެ ކޮންމެޅެމަކީ، އެންމެ ބޭފުޅުންނަށްހުރި އަގުހުރި ދަރެސްތަކެކެވެ. އަގުހުރި ފިލާވަޅުތަކެކެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ޅެންވެރިކަމުގައި އެ މަނިކުފާނަކީ، އެފަދަ ދެވަނައެއްނެތް ނާދަލު(ނާދިރު) މިސާލެކެވެ.

 

(4) “ހާދަ ހިތްދަތި ދުވަހެކޭ….”

އެއީ ހިނިތުންވެފައި އޮތް ޤައުމު ރޮއްވައިލި ދުވަހެކެވެ. މުޅި ޤައުމަށްއައިސް އޮތް ރަބީޢީ މޫސުންނިމި ޚަރީފު މޫސުމެއް ފެށުނުދުވަހެވެ. އައްޑިހައިގެ އަހަރުތަކުގެ ދުވަސްތަކުގެތެރެއިން، އެ ދުވަހަކީތޯއެވެ. އާދޭހެވެ. “އެއީތޯ ފަނަރަ މާރިޗް 1989 އަހަރޭ ވި މީލާދީ” (ގުޅީ މުޙައްމަދު ވަސީމް) އިނގޭތޯއެވެ. އަޅުގަނޑުމެންގެ “އުސްތާޛުލްޖީލް”، އަވަހާރަވި ހިތްދަތި ދުވަސް އިނގޭތޯއެވެ. އާހް! ޢުމުރުފުޅުން ސައުރަހަތްތަރި އަހަރުގައި، އެ މަނިކުފާނު އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔުއްވީ، ހަނދާންނުނެތޭނެފަދަ އަގުހުރި ހަނދާންތަކެއް ދޫކުރައްވާފައެވެ.

ޔާ ޙައްޔުލްޤައްޔޫމް! މުޙައްމަދު ޖަމީލުދީދީއަށް ޖަންނަތުލް ފިރުދައުސްދެއްވައި، އޭނާގެ ފުރާނަފުޅަށް ރަޙުމަތްލައްވާފާނދޭވެ! އާމީން!

 

                                                               (ނިމުނީ)

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: