ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ތާވަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ސޯދިގު މަގާމުގެ ހުވާކުރެއްވުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 8:30 ގައި މަޖިލިސް ކުރާ ގޭގައެވެ. މިއީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެގެން ބޭއްވި ފުރަތަމަ ބައި-އިލެކްޝަނެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަން ކުރެއްވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ހާމަވުމާ ގުޅިގެން އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލުމުންނެވެ. އެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން އޮތީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު އިއުލާންކުރި ރަސްމީ ނަތީޖާއިން ދައްކާ ގޮތުގައި، ސޯދިގު މި ގޮނޑި ކާމިޔާބު ކުރެއްވީ 1،375 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 51.15 އިންސައްތައެވެ. އޭނާއާ ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އަހްމަދު ސައީދަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ. އެއީ 48.85 އިންސައްތަ ވޯޓެވެ.
މި އިންތިހާބުގައި ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތީ 62 ވޯޓުގެ ފަރަގެކެވެ. މި ދާއިރާގައި ވޯޓު ދިނުމުގެ ހައްގު 4،100 އެއްހާ މީހުންނަށް ލިބިފައިވާއިރު، ވޯޓުލާން ނުކުމެފައި ވަނީ 2،739 މީހުންނެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 66 އިންސައްތައެވެ.
އަބްދުﷲ ސޯދިގު މަޖިލީހަށް އިންތިހާބުވެވަޑައިގަތުމާ އެކު، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު ވަނީ 13 އަށް އިތުރުވެފައެވެ.

